އިތުބާރު ނެތް ކަމުގެ މައްސަލަ

މަސީހުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ފާސްނުވާ ކަމަށް ކަނޑައަޅައިފި އެވެ. އެގޮތަށް ކަނޑައެޅީ މަސީހާ އެއްކޮޅަށް މިއަދު 48 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖުމްލަ 48 މެންބަރުންނެވެ. މަސީހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު އިދިކޮޅު ހުރިހާ މެންބަރުން ވަނީ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. ވޯޓަށް އެހުމުގެ ކުރިން ޖަލްސާގެ ނިޒާމް ގެއްލުވާލި 13 މެންބަރަކު ޗެމްބަރުން ނެރެފައިވެ އެވެ.

މިއަދު ވޯޓު ނަގާފައިވަނީ ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެންނެވެ. އެގޮތަށް ވޯޓު ނަގާފައިވަނީ ރޯލް ކޯލް ވޯޓު ނެގުމަށް ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކް ހުށަހަޅާފައިވާތީ އެވެ.

ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގި މިއަދު ވޯޓު ދެއްވީ މުޅިން ވެސް ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

ރިޔާސަތުން އެންމެ ފުރަތަމަ ވޯޓު ނަގަން ތައްޔާރުވުމުން އިދިކޮޅު މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ނިޒާމް ގެއްލުވާލާފަ އެވެ. އެހެންކަމުން މަޖިލިސް ދެ ފަހަރެއްގެ މަތިން މެދުކަނޑާލުމަށްފަހު އަލުން ފެށީ 13 މެންބަރުން ޗެމްބަރުން ނެރުމަށްފަހު އެވެ. އެ 13 މެންބަރުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

ނިޒާމް ގެއްލުވާލި 13 މެންބަރުންގެ ނަން އިއްވައި ޗެމްބަރުން ނެރުމުން ޖަލްސާ ބޮއިކޮޓް ކުރައްވައި އިދިކޮޅު ހުރިހާ މެންބަރުން ވަނީ ތަޅުމުން ނިކުމެވަޑައިގެންފަ އެވެ. އަދި މިއަދުގެ ވޯޓުގެ ގާބުލުނުކުރައްވާ ކަމަށާއި އެއީ ގަވައިދާ ހިލާފަށް ނަގާފައިވާ ވޯޓެއް ކަމަށް ވިދާޅުވެފަ އެވެ. މައްސަލަ އަލުން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ޖުމްލަ 83 މެންބަރުން ހާޒިރުވެވަޑައިގެންނެވި އެވެ.