ދުނިޔެ

ޔަމަން: ސައޫދީ އާއި އީރާންގެ ހަނގުރާމައިގެ މައިދާނަކަށް

Mar 26, 2015

ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ޔަމަން އެންމެފަހުން ސައޫދީ އަަރަބިއްޔާ އާއި އީރާންގެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެއްޖެ އެވެ. ސައޫދީން މިއަދު ވަނީ ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޝީއީންނާ ދެކޮޅަށް ޔަމަންގައި އަސްކަރީ ހަރަކާތްތައް ހިންގަން ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.

ޔަމަންގެ ޝީއީ ހަނގުރާމަވެރިންގެ ޖަމާއަތް ކަމަށްވާ ހޫތީންނަކީ ޝީއީ ވެރިކަމެއް އޮންނަ އީރާންގެ މަދަދު ލިބޭ ބައެކެވެ. ސުންނީ ސައޫދީ އާއި ޝީއީ އީރާނާ ދެމެދު އަބަދުވެސް ނުތަނަވަސް ގުޅުމެއް އޮންނައިރު ސައޫދީން ބުނީ އެއްގަމާއި ވައިގެ މަގުން ޔަމަންގައި އަސްކަރީ ހަރަކާތްތައް ފެށީ ޔަމަންގެ ގާނޫނީ ވެރިކަން ދިފާއު ކުރުމަށް ކަމަށެވެ.

ހަމަލާ ދޭން ފެށިކަން، ސައޫދީން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދިލް އަލް ޖުބައިރު ހާމަކުރައްވާފައި މި ވަނީ ޔަމަންގެ ރިޔާސީ ގަނޑުވަރު ހިފަން ހޫތީ ހަނގުރާމަވެރިން މަސައްކަތް ފެށުމާ އެކު ރައީސް އަބްދު ރައްބު ހާދީ ގައުމު ދޫކޮށް ފިއްލަވާފައި ވަނިކޮށެވެ.

ޔަމަންގެ އާންމުން ބުނީ ހަމަލާ ދޭން ފެށިކަން ސައޫދީން އިއުލާނުކުރި ފަހުން ވެރިރަށް ސަނާ އާއި އެއާޕޯޓް ކައިރިން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށެވެ.

ސައޫދީގެ ހަަމަލާތަކާ ގުޅިގެން ހޫތީން ބުނެފައި ވަނީ މިއީ ޔަމަންގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށާއި މިކަމުގެ ސަބަބުން ހަނގުރާމަ މުޅި ސަރަަހައްދަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ސައޫދީއާ ވާދަވެރި އީރާން ވެސް ސީދާ ގޮތެއްގައި ހަނގުރާމައިގެ ތެރެއަށް ވަދެގެން ހިނގައިދާނެ ފަދަ ގޮތަކަށް ހާލަތު ބަދަލުވުން ކަމަށެވެ.

ސައޫދީން ބުނީ އަވަށްޓެރި ޔަމަނާއި އެ ގައުމުގެ ރައްޔިތުންނާއި ގާނޫނީ ސަރުކާރު ސަލާމަތަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. ސައޫދީގެ ހަމަލާތައް ފަށާފައި މި ވަނީ ޔަމަންގެ ރައީސް އެހީ އަށް އެދި ގޮވާލައްވާފައި ވަނިކޮށެވެ. --ބީބީސީ