ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ކެޕްޓަންކަން އަޑޭއަށް ހައްގު

Mar 27, 2017
3

ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކޮށް، މުޅި ގައުމު ހެއްވާލިއިރު ޒުވާން ކުޅުންތެރިޔާ އައްސަދު އަލީ (އަޑޭ) އަށް ކުރެވުނީ ވަރަށް ތަފާތު އިހުސާސްތަކެކެވެ. އެ ފަހަރު ގައުމީ ސްކޮޑްގައި ހިމެނުނު ނަމަވެސް، މެލޭޝިއާ އަށް ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕެއްގައި ފުރިއިރު ދިމާވި ޑިސިޕްލިނަރީ މައްސަލައެއްގައި، އޭރުގެ ގައުމީ ކޯޗު ޖޯސެފް ޔަންކޭ އަށް މަޖުބޫރުވި އަޑޭ ޓީމުން ވަކި ކުރުމަށެވެ. ޔަންކޭ ވެސް ގަބޫލްކުރި ގޮތުގައި އަޑޭ އަކީ ޓީމަށް ނަގަންޖެހޭ ފެންވަރުގެ ކުޅުންތެރިޔެކެވެ. އެކަމަކު ކަން ދިމާކުރި ގޮތުން، ޔަންކޭ އަށް އަޑޭ ބާކީ ކުރުން ނޫން އެހެން ގޮތެއް އޭރު ނެތެވެ. އެހެން ނޫންނަމަ، އެ އަހަރު ރަންމެޑަލް ހޯދި ފަހުރުވެރި ޓީމުގައި، އަޑޭ ވެސް ހިމެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެއީ މާޒީއެވެ. އަޑޭ އޭގެ ފަހުން ކުރިއަށް ދިޔައީ ވެސް އެކަން ހަނދާން ނައްތާލައިގެނެވެ. ޖެހިގެން އައި އަހަރު ގައުމީ ޓީމަށް އަރައި، އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ފޯވަޑަކަށް ފެށި ނަމަވެސް، މީގެ އަހަރުތަކެއް ކުރިން އަޑޭ ކުޅެނީ މެދުތެރެއަށެވެ. ހުނަރުގެ އިތުރުން، ގަދަ އަޅައި މަސައްކަތާއި ހިތްވަރުކޮށް، ވަރުގަދަ ކުޅުމެއް ކުޅޭ އަޑޭ އަކީ މި ވަގުތު ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމުގައި ވެސް އަޑޭ ވަނީ ފާއިތުވި އަހަރުތަކުގައި މިޑްފީލްޑަރެއްގެ މަގާމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމަށް 2007 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އަޑުބަރޭގެ އެންމެ ހާއްސަ ސިފައަކީ އޭނާގެ މަސައްކަތުގެ ރޭޓާއި، ދަނޑުމަތީގައި އެނާ ކުރާ ހިތްވަރެވެ. އެކަން އެންމެ ބޮޑަށް ސާބިތުވަނީ އިންޓަނޭޝަނަލް މެޗުތަކުގަ އެވެ. އިދިކޮޅަށް ނުކުންނަ ޓީމުގެ ކުޅުންތެރިން ފެންނަ ފެނުމަށް އަޑޭ އަށްވުރެ ފިޒިކަލީ ގޮތުން ވަރުގަދަ ނަމަވެސް، ދަނޑުމަތީގައި ގިނަ ފަހަރު އަޑޭ ފެންނަނީ އެ ކުޅުންތެރިންނަށް ޗެލެންޖެއް ދޭ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ގައުމީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު، އަދި އެންމެ ގިނަ ދުވަހު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އަޑޭ ހިމެނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ކޯޗު ޑެރަން ސްޓުވާޓް ކެޕްޓަނަކަށް ނަގާނެ ކުޅުންތެރިޔަކާމެދު އޮތީ ސުވާލު އުފެދިފަ އެވެ. ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ވައިސް ކެޕްޓަން އިމްރާން މުހައްމަދު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓުވާޓް ބުނީ އަޑޭ އަށް ގައުމީ ޓީމުގެ ކެޕްޓަންކަން ހައްގު ކަމަށެވެ. ސްޓުވާޓް ބުނީ އަޑޭ އަކީ ދަނޑުމަތީގައި ލީޑަޝިޕް ރަނގަޅު ކުޅުންތެރިޔެއް ކަމަށާއި ކެޕްޓަންކަމަކީ އަޑޭ އަށް އަދާކުރެވޭނެ ޒިންމާއެއް ކަމަށެވެ.

"އެހެން ކުޅުންތެރިން އަޑޭ އަށް އިހުތިރާމްކުރޭ. އަޑޭ އަކީ ކެޕްޓަން ބޭންޑް ހައްގު ކުޅުންތެރިޔެއް،" ސްޓުވާޓް ބުންޏެެވެ.

އަޑޭ ބުނީ ކެޕްޓަން ކަމަށްވުރެ ބޮޑަށް އޭނާ އަށް މުހިންމީ މާދަމާ ރޭގެ މެޗުން ގައުމީ ޓީމު މޮޅުވުން ކަމަށެވެ.

"މި ޓީމުގައި އަހަރެން އެކަންޏެއް ނޫން ކެޕްޓަނަކީ. ޝާފީ އަކީ ކެޕްޓަނެއް. އުމެއިރަކީ ކެޕްޓަނެއް. އެންޑީ އަކީ ކެޕްޓަނެއް. އަދިވެސް ތިބޭނެ ކެޕްޓަނުން. އަހަރެން ގަބޫލްކުރަނީ ކެޕްޓަން ބޭންޑް އެންމެ ކުޅުންތެރިޔަކަށް އެޅޭތީ އަޅުގަނޑަށް އެ ބޭންޑް ލިބުނީ ކަމަށް. އެކަަމަކު ކެޕްޓަން ކަމަށްވުރެ ބޮޑަށް އަޅުގަނޑަށް މުހިންމީ މާދަމާ ރޭގެ މެޗުން މޮޅުވުން،" އަޑޭ ބުންޏެވެ.