ޑރ. މުހައްމަދު ޝައިނީ

ސަރުކާރާ ތޮޅެން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ޝައިނީ

މިއަދު ފެނިގެން ދިޔައީ ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަންގެ ބަދަހިކަން ރޫޅާލައި ރައީސް ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެނެސް ދެއްވަން ފައްޓަވާފައިވާ ތަރައްގީ ހުއްޓުވަން ބަޔަކު މީހުން ކުރި މަސައްކަތެއް ފަނުފުލުން ދިޔަ މަންޒަރު ކަމަށާއި ސަރުކާރާ ތޮޅެން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި މިއަދު ނެގި ވޯޓްގައި އިދިކޮޅު ފަރާތްތައް ބަލިވުމާ ގުޅިގެން ޝައިނާ ވިދާޅުވީ މި ވޯޓްގައި މި ނަތީޖާ ނުކުންނާނެކަން އެ ފަރާތްތަކަށް ކުރިން ވެސް އެނގޭނެ ކަމަށާއި އެކަމަކު އެ މަސައްކަތަކީ ސަރުކާރު ކޯލިޝަން ރޫޅައިލައި ރައީސް ޔާމީން ގައުމަށް ގެނެސް ދެއްވާ ތަރައްގީ މަޑުޖެއްސުމަށް ފަށާއިފައިވާ މަސައްކަތްތަކުގެ ތެރެއަށް އިތުރު ކުރި ބޮޅެއް ކަމަށެވެ.

"އެކަން ފޭލްވެގެން އެދިޔައީ، އަދިވެސް އިރާދަ ކުރެއްވިއްޔާ ދާނީ އެގޮތަށް،" ޝައިނީ ވިދާޅުވި އެވެ. "މިއީ ގަސްދުގައި ރާވައިގެން ވަކި ކަމަށް އަމާޒު ކުރި ކަމެއް،"

މިއަދު ޖަލްސާއަށް 83 މެންބަރުން ވަޑައިގެންނެވިއިރު ވޯޓުގައި ބައިވެރިވެވަޑައިގަތީ 48 މެންބަރުންނެވެ. އެ 48 މެންބަރުން ވެސް ވޯޓު ދެއްވީ މަސީހާ އެއްކޮޅަށެވެ.

އަދި މިއަދު މަގުމައްޗަށް ރައްޔިތުން އެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔަ ނަމަވެސް މަގު މައްޗަށް ނިކުމެފައިވަނީ އެމްޑީޕީގެ މަދު ސަޕޯޓަރުންތަކެކެވެ. އެކަމަށް އިޝާރަތް ކުރައްވާ މިނިސްޓަރު ޝައިނީ ވިދާޅުވީ، އެކަމުން ފެނިގެން ދަނީ ރައްޔިތުން ތަރައްގީއަށް ބޭނުންވެފައި ތިބި މިންވަރު ކަމަށެވެ. ގައުމުގެ ހަމަޖެހުމާއި އަމާން ކަމަށް ރައްޔިތުން ލޯބިކުރާ މިންވަރު ކަމަށެވެ.

އިއްޔެ މިނިސްޓަރު ވަނީ "ޔޫ ވިލް ސީ" ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. އަދި މިއަދުގެ ވޯޓަށްފަހު މިނިސްޓަރު ޓްވީޓް ވަނީ "ނައު ޔޫ ސީ" ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.

ޝައިނީ ވިދާޅުވީ، މަންޒަރު ވަރަށް ސާފު ކަމަށާއި ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ދިނުމުގައި މަޖިލިސް މެންބަރުން ވެސް ތިއްބެވީ އެހާ ސާބިތުކަމާއެކު ކަމަށެވެ. ސަރުކާރާ ތޮޅެން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.