ރިޕޯޓް

ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ ބައެއް ކަމަށާއި އެ މެންބަރުން މަޖިލީހުގައި ތެދުވެ ބަހުސް ކުރައްވާއިރު އެއީ އެތައް ރައްޔިތުންނެއް އަޑު ކަމަށް މިފަހުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ބޭފުޅަކު ވިދާޅުވެފައިވެ އެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި މަޖިލީހުގައި މެންބަރަކު ކޮޅަށް ތެދުވެވަޑައިގަތުމުން އެ ތެދުވެވަޑައިގަތީ އެ މެންބަރު އެކަންޏެއް ނޫނެވެ. ނަމަވެސް މުޅި އެ ދާއިރާގެ ރައްޔިތުންނެވެ.

ވަރަށް ތެދު ވާހަކަ އެވެ. ރައްޔިތުން މަޖިލީހުގައި ތިއްބަވަނީ ހަމައެކަނި މެންބަރުންނެއް ނޫނެވެ. ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުންނެވެ. މަބްދޫބުންނެވެ. އެއީ ރައްޔިތުންގެ އަޑާއި ޝުއޫރުތައް ފާޅުކުރުމަށް އިންތިހާބު ކުރައްވާފައިވާ ބޭފުޅުންތަކެވެ. އެ ބޭފުޅެއްގެ އަމަލުތަކުން އެ ދައްކުވައިދެނީ އެ ދާއިރާއެއްގެ މެޖޯރިޓީ ރައްޔިތުންގެ ހިޔާލެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ތަފާތު ދުވަހެކެވެ. ތާރީހީ ދުވަހެކެވެ. މިފަހުން މަޖިލީހުގައި އެންމެ ތާރީހީ ވޯޓެއް ނެގިގެން ދިޔަ ދުވަހެވެ. ގައުމު ސިޔާސީ ގޮތުން ހަލަބޮލިވެ، އިދިކޮޅު ފަރާތްތައް އެއް ގަލަކަށް އަރައި، ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށް ބުނެ ފުރަތަމަ އެޅި ފިޔަވަޅެވެ. ނަމަވެސް އެ ފިޔަވަޅު އެޅުވުމުގައި އިދިކޮޅު ފަރާތްތަކަށް ވަނީ ނުބައި މިސާލެއް ދެއްކިފަ އެވެ. ހުތުރު މަންޒަރެއް ދެއްކިފަ އެވެ. ވަރަށް ހުތުރު މަންޒަރެކެވެ.

އެއް މެންބަރަކު މޭޒު ކޮޅު މައްޗަށް ކޮޅަށް އަރައި ވަޑައިގެން އަޑުގަދަ ކުރެއްވީ އެވެ. އަނެއް މެންބަރަކު ގާނޫނު އަސާސީއަށް އިހުތިރާމް ކުޑަ ކުރެއްވީ އެވެ. އަނެއް މެންބަރަކު ރިޔާސަތުގެ ގޮނޑިކޮޅު ކިހިލި ޖަހާލީ އެވެ. މިއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ މޫނަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ކުޅު ޖެއްސެވި ފަދަ ހުތުރު އަމަލުތަކެވެ. އެ އަމަލުތައް ފެނިގެން ދިޔައީ ވެސް ނިހާންގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި މެންބަރުންގެ ފަރާތުންނެވެ. އެކަން ކުށްވެރިކުރި މެންބަރުންނަށް ވެސް މިފަހަރު މިވަނީ ޖޯޝުގައި ގޯސް ހެއްދެވިފަ އެވެ. ނަމޫނާ ނުދެއްކިފަ އެވެ.

އެތަނަކަށް މަޖިލީހެކޭ ކިޔެނީ މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް ހަދާފައިވާ ތަނަކަށްވާތީ އެވެ. ނަމަވެސް އިއްޔެގެ ޖަލްސާގައި ފެނިގެން ދިޔައީ އެ މަންޒަރެއް ނޫނެވެ. ހިޔާލު ތަފާތުވުމުން އަޑުހަރުކޮށް ރިޔާސަތަށް ހުރަސް އެޅީ އެވެ. ޖަލްސާ ކުރިއަށް ގެންދިޔުމަށް ގަސްދުގައި ހުރަސްއެޅީ އެވެ. ތަޅުމުގެ ތެެރެއަށް ސެކިއރިޓީ ވަންނަން ޖެހުނީ އެވެ. މެންބަރުން ގަދަ ކަމުން ބޭރުކުރާ ހިސާބަށް ގެންދިޔައީ އެވެ. ނަން އިއްވާ 13 މެންބަރަކު ވަނީ ގަދަކަމުން ތަޅުމުން ބޭރުކޮށްފަ އެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ މެންބަރުންގެ ފަރާތުން މިފަދަ މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ. ރައީސް މުހައްމަދު ވަހީދު ރިޔާސީ ބަޔާން އިއްވި ދުވަސްތަކާއި ރައީސް އަބުދުﷲ ޔާމީން މަޖިލީހުގައި ރިޔާސީ ބަޔާނަށް ހުރަސް އެޅުމުގައިވެސް އެފަދަ އަމަލުތައް އެމްޑީޕީ މެންބަރުންގެ ފަރާތުން ފެނިގެން ދިޔަ އެވެ. އިއްޔެގެ ޖަލްސާގައި އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފާރިސްގެ ފަރާތުން އެފަދަ އަމަލުތަކެއް ނުފެނު ނަމަވެސް ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ އަމަލުތަކުގެ ސަބަބުން ވެއްޓުނީ ފާރިސްގެ އަގު ކަމަށެވެ. އަދި ރައީސް މައުމޫނަށް ރައްޔިތުން ކުރާ އިހުތިރާމް ކަމަށެވެ. ފާރިސް ކުރިއަށް ލައިގެން އެމްޑީޕީއިން ހިނގަމުންދާ އަމަލުތަކަށް ފާޑުވިދާޅުވަމުން ޖަމީލު އިތުރަށް ވިދާޅުވީ އެކަމުން އެއްވެސް ނަތީޖާއެއް ނުލިބެ ގެއްލިގެން ދަނީ ރައީސް މައުމޫނާއި ފާރިސްއަށް ރައްޔިތުން ކުރަމުން އަންނަ ގަދަރާއި ލޯބި ކަމަށެވެ.

އިދިކޮޅު މެންބަރުންގެ ފަރާތުން ބަލައިނުގަނެވޭނެ އަމަލުތައް ފެނިގެން ގޮސްފައިވާއިރު އެ މެންބަރުން ވިދާޅުވާ ގޮތުގައި އިއްޔެ "ހުތުރު" މަންޒަރު ދެއްކީ ސަރުކާރުންނެވެ. ފާރިސް މައުމޫން ވިދާޅުވީ އިއްޔެ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުން ފެނިގެން ދިޔަ މަންޒަރަކީ ހިތާމަކުރައްވާ މަންޒަރެއް ކަމަށެވެ. އެ މެންބަރުންނަށް ރައްޔިތުން ހަވާލު ކުރެއްވި ޒިންމާ އަދާކުރުމުގައި ހުރި ހުރަސްތައް ފެނިގެން ދިޔަ ކަމަށެވެ. އެ މަންޒަރުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އިއްޔެ މަޖިލީހުގައި ނެގިގެން ދިޔަ ވޯޓަކީ ތަމްސީލެއް ކަމަށް ފާރިސް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަނާއި އިދިކޮޅު ކޯލިޝަނުގެ ހަމަނުޖެހުންތަކުގެ ތެރެއިން ދެން ފެނިގެން ދިޔަ މަންޒަރަކީ މުޅި މަޖިލީހުގެ އިތުބާރު ގެއްލިގެންދާފަދަ ކަމެކެވެ. ޖަލުގައި އިންނެވި މެންބަރު އަހުމަދު މަހުލޫފް ވެސް އިއްޔެ ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންފަ އެވެ. ރިޔާސަތުގައި އިންނެވި ރީކޯ މޫސާ މަނިކު ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ސިސްޓަމުން ދައްކަ އެވެ. އެކަމަކު ކިހިނެއްތޯ؟ ރައްޔިތުންގެ މަންދޫބުންތަކެއް އެވަނީ "ހިޔާނަތްތެރިވެފަ" އެވެ. ރައްޔިތުން ކުރާ އިތުބާރުގައި ކޮޅު ފައިން ޖަހާފަ އެވެ. މުޅި ސިސްޓަމް ހަލާކުކޮށްލާފަ އެވެ. މަޖިލީހުގައި ދެން ނަގާނެ ވޯޓުތަކާއި ވޭތުވެދިޔަތާ ނެގި ވޯޓުތަކާމެދު ވެސް ޝައްކު އުފައްދާފަ އެވެ.

މަހުލޫފާއި މޫސާ މަނިކުގެ ވޯޓު މެޝިނާ ކޮންމެވެސް މެންބަރުންތަކެއް އެވަނީ ބެހިފަ އެވެ. ނުހައްގު ވޯޓެއް ދީފަ އެވެ. މިއީ ރައްޔިތުންގެ މަންދޫބުންގެ ކިބައިން ކިހިނަކުން ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟ މިކަމުގައި ދިފާއުގައި އެކަމެއް ކުރެއްވި މެންބަރަކު ދައްކަވާނެ އެއްވެސް ވާހަކައެއް ނޯންނާނެ އެވެ. މިކަމުގައި ވެސް ދެ ކޯލިޝަނުން އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ "އެއަށް މިއަށް" ގޮވައި ތުހުމަތުތައް ކުރަމުންނެވެ.

މަޖިލީހުގައި ލިޔެވުނު ކަޅު ދުވަސްތަކުގެ ލިސްޓްގެ ކުރީގައި އިއްޔެގެ ތާރީހު ލިޔެވިގެން ގޮސްފައިވާއިރު އިދިކޮޅު ބައެއް މެންބަރުންގެ ފަރާތުން ފެނިގެން ގޮސްފައިވާ އަމަލުތަކަކީ ގިނަ ރައްޔިތުން ބަލައިގަންނާނެ އަމަލުތަކެއް ނޫނެވެ. ހަމައެހެންމެ އިދިކޮޅު މެންބަރުން ތުހުމަތުކުރާ ފަދައިން "ފިތިގެން" ތިއްބަވައިގެން ނުވަތަ ވަކި ފަރާތެއްގެ ނުފޫޒުގައި ތިއްބަވައިގެން ސަރުކާރުގެ ކޯލިޝަންގެ މެންބަރުން އިއްޔެ އަމަލުކޮށްފައިވާނަމަ އެއީ ވެސް ރައްޔިތުން ވޯޓު ދެއްވި މެންބަރުންގެ ފަރާތުން އެ ރައްޔިތުން އެދޭނެ ގޮތެއް ނޫނެވެ.

އިއްޔެ ކޮންމެ ބަޔަކަށް ކާމިޔާބު ވިޔަސް އަދި ހިތި ގޮތަކަށް ނާކާމިޔާބުވި ނަމަވެސް އިއްޔެ މަޖިލީހުން ފެނުނު ހުތުރު މަންޒަރުގެ ޒިންމާ މުޅި މަޖިލީހުން އުފުލަން ޖެހޭނެ އެވެ. އެ ލަތްގަނޑު ޖެހިފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ.