(26 މާރިޗު 2017 އާ ގުޅޭ)
"ހޫން! ނިޔާނު ބުނަން އުޅުނީ ކޮންވާހަކައެއްތަ؟" ނިޔާނުގެ ވާހަކަ އަޑުއިވިފައި ހިތްހަމަޖެހުނު ވަރުން މިފަހަރު ރުބީނާއަށް ނިޔާނާ ވާހަކަދެއްކުނީ ތަންކޮޅެއް ރީތިކޮށެވެ.
"އަހަރެން... ފުރަން އުޅޭ ވާހަކަ... އަނެއްކާ ވެސް ރާއްޖެތެރެއަށް އޮފީސް ފަރާތުން ދާންޖެހޭތީ" ނިޔާނު ބުނެލިއެވެ.
"މަންމާ!" އަނގައިން ނުބުނެ ރުބީނާ އިންނަން ފެށުމުން ނިޔާނު ގޮވާލިއެވެ.
"ރާއްޖެތެރެއަށް ފުރަނީ؟" ޔަގީންނުވެފައި އިންހެން ފައިދޮށަށް ބަހަލަހައްޓައިގެން އިން ރުބީނާ އަހާލިއެވެ.
"އާން! ނޫނު އަތޮޅަށް" ރުބީނާގެ ހިތާއި ސިކުނޑީގައި ވަނީ ކީކޭކަން އޭނާގެ މޫނުމަތިން ދެނެގަންނަން ނިޔާނު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ރުބީނާގެ މޫނުމަތިން މިވަގުތު އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެކަމާ ނިޔާނު ހައިރާން ވެސް ވިއެވެ.
"ކޮންއިރަކުން ފުރަނީ؟ އަންހެނުން ގޮވައިގެންތަ ދަނީ؟" ރުބީނާ ދެން ވެސް ކުރީ ސުވާލެވެ.
"އަދި ނޭނގެ ކަނޑައެޅިގެން ފުރާ ދުވަހެއް. ވަރަށް އަވަހަށްކަން އެނގެނީ. އޮފީސް ދަތުރުތަކުގައި އައިރާ ގޮވައިގެން ކިހިނެއް ދާނީ. އެހެންނޫނަސް މަންމަ ނެތިސް ފުރަން ޖެހުނަސް މައުގެ ކަންތައްތައް ކޮށްދޭން ވެސް ގޭގައި މީހަކު ހުންނަންވާނެއެއްނު. އައިރާ ގޭގައި ހުރިއްޔާ އެއްވެސް ކަމެއް ނުވެފައެއް ނުހުންނާނެ"
"އަހަރެން ފުރަންވީ މައުރީންގެ ކަންތައް އެ އަންހެނާއާ ހަވާލުކޮށްފަތަ؟" ރުބީނާ ކުއްލިއަކަށް ހިތްހަމަނުޖެހުނެވެ.
"މައުއަކީ ކުޑަކުއްޖެއްނޫނެއްނު. ތިބުނާ އަންހެނަކީ މަންމަގެ މި ދަރިފުޅު އިނދެގެން ގެނެސްފައި ހުރި އަންހެނެއް. އޭނާ ވާނީ މަންމަގެ ޅީދަރިއަކަށް. އަހަރެން ވެސް ހާދަ ވިސްނުމެއް ވިސްނަމޭ... މަންމަގެ ތިގޮތް ދޫނުކުރުމުގެ ތެރެއަށް އަހަރެންގެ އަންހެނުން ދޫކޮށްލާފައިދާކަށް ބޭނުމެއްނޫން. އަހަރެން ނެތިއްޔާ އޭނާ މިގޭގައި އެކަނިވާނެވަރު އަހަންނަށް ވިސްނޭ. އަބަދާ އަބަދު ވަދެ ކޮޓަރި ތެރޭގައި އޭނާ އެ އިންނަނީ ކޮޓަރީގައި ކުރާނެ މަސައްކަތް ގިނަވެގެންނެއްނޫން. މަންމަ ހިތްހަމަނުޖެހޭތީ ދެބަސްވާންޖެހިދާނެކަމުގެ ބިރާއެކު. މަންމަ ނުރުހުނަސް އަހަންނަކަށް ނޯންނާނެ އައިރާއާ ވަކިވެވޭކަށް. މި ގެ ނޫން ތަނެއްގައި އައިރާ ބެހެއްޓުމުގެ ތަނަވަސްކަމެއް އަދި އަހަންނަކަށް ނުލިބޭ. އިރާދަކުރައްވައިގެން އެފަދަ ތަނަވަސްކަމެއް ލިބުނު ދުވަހަކުން އަހަރެން އައިރާ ގެންދާނަން. މަންމައަށް އޭނާ ނުފެންނާނެ ހިސާބަކަށް ގެންދާނަން. މަންމަ ހިތްހަމަނުޖެހިފައި ހުންނަތަން ދުށުމަކަށް އަހަންނެއް ނޭދެން" ނިޔާނުގެ ވާހަކަތައް އިވިފައި ރުބީނާ މާޔޫސްވާގޮތްވިއެވެ. އެހެންނަމަވެސް އެކަން އޭނާގެ މޫނުން ފާޅުވިޔަކަ ނުދިނެވެ. އަވަސްއަވަހަށް ތުންފިއްތާލުމާއެކު މޫނު އަނބުރާލިއެވެ. އޭނާގެ ހަރަކާތްތަކަށް ނިޔާނު ދެފަރާތަށް ބޯހޫރާލިއެވެ. އަދި އިންތަނުން ތެދުވެގެން ހިނގައިގަތެވެ.
"މިއަދު ހާދަ ލަސްވީ؟ ކާން ހަދަންތަ؟" ކޮޓަރިއަށް ވަން ނިޔާނު ފެނިފައި އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް އައިރާ އަވަހަށް ތެދުވިއެވެ.
"ނޫން. އަށެއްގެ ޚަބަރު ބަލާލާފައި ކާނީ" ނިޔާނު އައިސް އެނދުގައި އިށީނދެ ފައިގައި ދެއަތް އަޅުވާލައި ކުޑަކޮށް ގުދުވެލައިގެން އިނެވެ.
"ކިހިނެއްވީ؟ ބޮލުގައި ރިއްސަނީތަ؟" ނިޔާނަށް ކަމެއްވެއްޖެހެން ހީވެ އައިރާ އަހާލިއެވެ.
"މަންމަ ލަންކާއަށް ފުރަން އުޅެނީ. އެހެންވެ މައުގެ ކަންތައްތައް ބަލާލަ ދިނުމަށް ބުނި"
"ނިޔާނު ފުރަން އުޅޭވާހަކަ ނުބުނަންތަ؟" ނިޔާނުގެ ގާތަށް އައިރާ ޖެހިލިއެވެ.
"ބުނިން. އަހަރެން ނެތަސް އައިރާ ހުންނާނެއެއްނު. އަހަންނަށް އެނގޭ މައުއަށް ޖެހޭ ކޮންމެ ކަމެއްގައި އައިރާ އެހީވާނެކަން. އައިރާ!... އަހަރެންގެ މަންމަގެ ގޮތް މިހާރު އައިރާއަށް އެނގޭނެ. އަހަންނަށް މަންމަގެ އެ ހުންނަ ގޮތް ބަދަލެއް ނުކުރެވޭނެ. އެކަމަކު އަހަރެން ވަރަށް އުފާވޭ މަންމަ އެހެން އުޅޭ އިރު ވެސް އައިރާ އެކަންކަން ބޮޑުކަމަކަށް ނަހާދާތީ. އަހަރެން ނެތިއްޔާ ފަހަރެއްގައި މަންމަގެ ގޮތްގަނޑު ބޮޑުކޮށްލަފާނެ... އެކަމަކު އައިރާވާނެ ވަރަށް ކެތްތެރިވާން. އަހަންނަށް ޓަކައި..."
"ނިޔާނު ހާސްނުވެބަލަ. އަހަރެންގެ ދައްތައާއި ބޭބެއާ އަޅާބަލާއިރު ނިޔާނުގެ މަންމަ އަދި ނުބައެއްނޫން. ނިޔާނާ ބައްދަލުވުމުގެ ކުރީން އަހަރެން އުޅުނީ ނަރަކައެއްފަދަ ތަނެއްގައި. ކޮންމެ ދުވަހަކީ އަހަރެން ބިރުން ސިހިސިހި ހުންނަ ދުވަހެއް. އެފަދަ ތަނަކުން އަހަރެން ސަލާމަތްކޮށްގެން ގެނައީ ނިޔާނު. އަހަރެން ދުވަހަކު ވެސް ނިޔާނުގެ ޢާއިލާއަށް ދެރަގޮތެއްވާކަށް ނޭދޭނަން. ﷲ އިރާދަކުރެއްވިއްޔާ ކޮންމެ ވެސް ދުވަހަކުން މަންމަ ވެސް އަހަރެން ޤަބޫލުކުރާނެ. މި ބޮޑު ދުނިޔޭގެ އެންމެން ނުރުހުމުގެ ނަޒަރުން އަހަންނަށް ބެލި ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއްނެތް. އަހަންނަށް ބޮޑުކަމަކަށްވާނީ ނިޔާނު ބަދަލުވެއްޖެއްޔާ. ނިޔާނާ ވަކިވެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން އަނދިރިވެގެންދާނެކަން ޔަގީން"
ދެމަފިރިންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް މަޑުޖެހުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އައިރާ ތެދުވަން އުޅުމުން އޭނާގެ އަތުގައި ހިފަހައްޓާލާފައި މަޑުކުރަން ބުނާ ފަދައިން ނިޔާނު ލޮލުން އިޝާރާތެއް ކޮށްލިއެވެ. އަދި އޭނާ ތެދުވެގެން އައިސް ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލިއެވެ.
"ބިޒީތަ ދޮންބެ؟" ދޮރުމަތީ މައުރީން ހުރީ ފޮތެއް ހިފައިގެންނެވެ. އޭނާގެ އިސްތަށިގަނޑަށް ފަންސުރެއް ޖަހާލަފައި ހުރިއިރު ކަނާތުގައި ގަލަމެއް އޮތެވެ.
"އުހޫނ! ވަދޭ..." ނިޔާނު ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލިއެވެ. އެއާއެކު މައުރީން އެތެރެއަށް ވަނެވެ. އޭރު އައިރާ އެނދުގެ އަރިމަތި ކަބަޑުމަތިން އޭނާ ގޭގައި އަޅާ ކަޅުކުލައިގެ ކުޑަ ބުރުގާ ކޮޅު ބޮލަށް ހެޔޮވަރުކޮށްލާ މޫނުމަތިން ރީތިކޮށްލިއެވެ.
"މީގަ އެބުނާ އެއްޗެއް ނޭނގިގެން މިއުޅެނީ. މިސް އަބަދުވެސް ދޭނީ މާބޮޑެތި ސުވާލު ހަދަން. ދެން އާންސާ ނުބައިވީމަ ބުނާނެ މައު ފަރުވާކުޑަކުރަނީއޭ... މިހާރު ކިހާއިރެއް މިއެއް ނެހެދިގެން އުޅޭތާ. ދެން ނޭނގެ މިސް އަންނަންވާއިރަށް ނިމޭނެކަމެއް ވެސް" ފިޒިކްސްގެ ޕާސްޓްޕޭޕަރު ފޮތެއް ހިފައިގެން ހުރި މައުރީން އައިގޮތަށް ނިޔާނުމެންގެ އެނދުމަތީ ދެފައިވަށްކޮށްލައިގެން އިށީނދެ ފޮތް ހުޅުވާލީ ކުދި ކިޔަމުންނެވެ. އައިރާއާއި ނިޔާނު އެކަކު އަނެކަކަށް ބަލާލާ ހިނިތުންވެލިއެވެ. އަދި ނިޔާނު އައިސް މައުރީންއާ ކުރިމަތިވާނޭހެން އެނދުގައި އިށީނދެ މައުރީންއަށް ނޭނގިގެން އުޅޭ ފިލާވަޅު ބަލަން ފެށިއެވެ. އައިރާ އައިސް ރީތިވާ މޭޒުދޮށުގައި ހުރި ކުޑަ ގޮނޑީގައި އިށީނދެ ދެބެންނަށް ބަލަހައްޓައިގެން އިނެވެ.
* * * *
ނިޔާނު ފުރަން ހަމަޖެހިފައި އޮތްކަން އެނގޭއިރު ވެސް ރުބީނާއަށް އޭނާގެ ދަތުރު ކެންސަލް ކުރާކަށް ނުކެރުނެވެ. ލަންކާއަށް ދިއުމުގެ ފުރުޞަތު ފަހިވެފައި އޮއްވާ އެފަދަ ދަތުރެއް ގެއްލޭކަށް އޭނާ ނޭދެއެވެ. އެފަދަ ދަތުރުތަކަކީ ރުބީނާ ފަދަ މީހަކަށް ކޮންމެކޮންމެ ފަހަރަކު ލިބޭނެ ނަސީބެއްނޫންކަން އޭނާ ދަނެއެވެ. ފުރަން ކައިރިވަމުން އައިއިރު އޭނާ ހުރީ ލަންކާއަށް ގޮސް ވިޔަފާރިކޮށްލަން ހިތުލައިގެންނެވެ. އެހެންނަމަވެސް ނިޔާނުގެ އަތުން އެފަދަ ކަމަކަށް ފައިސާ ނުލިބޭނެކަން އެނގޭތީވެ އިތުރު ގޮތެއް ރުބީނާއަށް ޚިޔާރުކުރަން ޖެހިފައިވެއެވެ. އެ ޚިޔާލާއެކު އެންމެ ފުރަތަމަ ވެސް އޭނާގެ ސިކުނޑިއަށް އައީ އާދިލްއެވެ. މި ފަހަކަށް އައިސް އާދިލްއާ ދުރުގައި އުޅެން ނިންމާފައި ވިއެއް ކަމަކު އޭނާއާ ބައްދަލުކުރަން ރުބީނާ އެއްބަސްވީ މިވަގުތަށް އޭނާއަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ފިލުވައިދޭނެ ފަރާތަކީ އެއީ ކަމުގައި ވާތީއެވެ.
ރޭގަނޑު ދިހައެއް ޖަހަނިކޮށް އާދިލު ގުޅިއެވެ. ފޯނަށް ޖަވާބު ދީފައި ރުބީނާ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންރޫމުގައި ނިޔާނާއެކު އައިރާ އިނެވެ. ކާމޭޒު ދޮށުގައި މައުރީނާއި އޭނާގެ ޓިއުޝަން ޓީޗަރު އިނެވެ. ފަރިކޮށް ހިނގާލާފައި އައި ރުބީނާ އެޕާޓްމެންޓުން ނުކުތެވެ. ރުބީނާ ނަލަ ހެދިލައިގެން ހުރިވަރު ފެންނަ ކޮންމެ މީހަކަށް ވެސް އޭނާ އެ ދަނީ އާދައިގެ ކަމަކަށް ނޫންކަން އެނގޭހާ ވެއެވެ. އައިރާއާއި ނިޔާނަށް ވެސް ރުބީނާ ނުކުމެގެން ދިޔައިރު އޭނާއަށް ބަލަން ތިބެވުނީއެވެ.
"ބާރަ ޖަހައިފި. އަދިވެސް މަންމަ ގެއަށް ނާދޭ. އެހެންޏާ މިހާ ލަސްވަންދެން ބޭރުގަ ނޫޅޭ ދޯ" ކާއެއްޗެހި ހޫނުކޮށްފައި ނިދަން ކޮޓަރިއަށް ވަން އައިރާ ބުނެލިއެވެ. އޭރު ނިދަން ތައްޔާރުވެގެން އެނދަށް އަރާ ނިޔާނު އޮތެވެ.
"މަންމައަށް އެނގޭނީ މަންމަ އުޅޭނެގޮތެއް. އަހަރުމެން ނުވާނެއެއްނު މަންމަގެ ކަންކަމާ ބެހިގެން. މަންމައާއެކު އެ އުޅޭ ރައްޓެހިންނަކީ ވެސް ފިސާރިބައެއް. އެހެންނޫނަސް މަންމައަކީ މިހާރު މިނިވަނެއް. ފިރިއަކުނެތް. ތިބި ދަރީން ވެސް ބޮޑެތިވެއްޖެ" ނިޔާނުގެ ވާހަކައަށް އައިރާ އިތުރު އެއްޗެއް ނުބުންޏެވެ. އޭނާ ހީނލާފައި ތުވާލި ހިފައިގެން ވަނީ ފާޚާނާއަށެވެ. ނިދުމުގެ ކުރިން ގައިދޮވެލައިގެން އަރާ އޯށޯންނާށެވެ.
"އަހަރެން ދަންތަ؟" މާލޭގެ ނަން މަޝްހޫރު ހޮޓަލެއްގެ ކޮޓަރިއެއްގައި އާދިލުގެ އަތުގައި ރުބީނާ ބޯއަޅާލައިގެން އޮތެވެ.
"ކީއްކުރަން އާދު ދަނީ. އަހަރެން މިބުނީނު ސަލްމެންނާއެކީއޭ ދަނީ. އެކޮޅުގައި ހުންނަ އެމީހުންގެ ގޭގައި އަހަރެން ހުންނާނީ ވެސް. އާދު ދިޔައިމަ އެމީހުން އެއްޗެހި ކިޔާނެ"
"އަދިވެސް ރޫބީ ނުބުނަންދޯ އަހަންނާއެކު އުޅޭ ވާހަކަ. އަހަރެން ބުނެފީމެއްނު ދެން ހިނގާށޭ އަވަހަށް އަހަރުމެން ދެމީހުން ކައިވެނި ކުރަން. އަހަރެންގެ ރޫބީ ނޫނީ މީހަކު ނެތް. އަނެއްކާ ރޫބީ އަހަރެންގެ މަތިން ފޫހިވަނީތަ؟ އެހެންވެތަ އެކަކު ކައިރީ ވެސް އަހަރެންގެ ވާހަކަ ނުބުނެ ތިއުޅެނީ"
"ދެން އާދު ވެސް ދޯ!... ޅަކުދީން ކުރާ ކަހަލަ ޝަކުވާ ތިކުރަނީ. އާދުދެކެ ފޫހިވަންޏާ ކީއްކުރަންތަ މިރޭ މިކޮޓަރިއަށް އައީ. ޝަކުވާކޮށް ޝައްކުކުރާ މީހުންދެކެ އަހަރެން ވަރަށް ފޫހިވޭ"
"އެއީ އެހެންކުރި ޝަކުވާއެއްނޫނޭ. ރޫބީ އަހަންނަށް އިތުބާރުކުރާތީކަން އެނގޭ މި ކޮޓަރިއަށް އައީ. ރުޅި ނާންނައްޗޭ" އާދިލް ކުރުއަތްމައްޗަށް ތެދުވެލާ ރުބީނާގެ މޫނަށް ބަލާލިއެވެ. އޭނާ ވަކިޖަވާބެއް ނުދީ ފަންގިފިލާއަށް ބަލަހައްޓައިގެން އޮންނަން ފެށުމުން އާދިލު އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ރުޅިއައިސްފަތަ ތި އޮތީ" ރުބީނާގެ އޮމާން ކޯތާފަތުގައި އާދިލް ފިރުމާލިއެވެ.
"ރުޅިއެއްނާދޭ. މި ވިސްނަނީ އަހަރެން ވެސް ވަޒީފާއެއް އަދާކުރަންވީއޭ. އެކަމަކު މިހާރު ދެން މި އުމުރަށް ދިޔައީމަ ކާކު އަހަރެންނަށް ވަޒީފާއެއް ދޭނީ ވެސް"
"ކުއްލިއަކަށް ވަޒީފާއެއްގެ ވާހަކަ ރޫބީ ދައްކަން ތި ފެށީ. އަނެއްކާ ކިހިނެއްވީ؟ އަހަރެން ބޭނުމެއްނޫން ރޫބީ މީހެއްގެ ކައިރިއަށް ވަޒީފާ އަދާކުރަން ދާކަށް" އާދިލު ސީރިއަސްވެލިއެވެ.
"ވަޒީފާއެއް އަދާނުކޮށް މިހާރު ވާން ނެތީ. ބޮޑުވެފައި ހުރި ފިރިހެންދަރި ފާޑެއްގެ އަންހެނަކާ އިނދެގެން ގެއަށް ގެނައިފަހުން އޭނާގެ މަންމައަކު ހުންނަ ކަމަކަށް ނުދަނޭ. އަހަރެން ވެސް ކުރަން ބޭނުންވާނެ ޚަރަދުތައް ހުންނާނެއެއްނު. އަތުގައި ފައިސާ ނެތިއްޔާ ކުރެވޭނީ ކޮންކަމެއް. ލަންކާއަށް ވެސް މި ދެވެނީ ސަލް އަހަރެން ގެންދާތީ. އެކޮޅަށް ގޮސް އެއްޗެއް ގަނެލާނެހާ ވަރު ވެސް އަތުގައި ނެތް. ދަރިން ބޮޑެތިކުރަނީ އެމީހުންގެ ފަރާތުން ފައިދާކުރާނެކަމަށް. އެކަމަކު އަހަންނަށްވީ ފައިދާއެއްނެތް"
"ފައިސާއާ މެދުތަ ރޫބީ ތި ވިސްނަނީ. އެވެސް އަހަރެން ހުއްޓާ... ތިކަމާ ވިސްނުން ހުއްޓާލާ. ކިހާ ވަރެއް ބޭނުންވަނީ. ބުނޭ... އަހަރެން ދޭނަން. ރޫބީގެ ޚަރަދަށް ހޭދަވާނެ އަދަދެއް ބުނޭ"
"ދެން އާދު..." ރުބީނާ ނޫން ގޮތަކަށް ބުނެލިއެވެ.
"ކީއްތަވީ؟ ރޫބީއަށް ޓަކައި އަހަރެން ފައިސާ ޚަރަދު ކުރާކަށް ޖެހިލުމެއްނުވޭ. ކޮން ދުވަހަކުން ފުރަނީ؟"
"ދެ ދުވަސް ފަހުން" ރުބީނާ ބުންޏެވެ.
"އެހެންތަ! ތިވީ އަދި މާ ރަނގަޅަށް. އަހަރެން ޑޮލަރު ހަމަޖައްސައިދޭނަން. ރޫބީގެ އެކައުންޓަށް ޖަމާކޮށްލާނަން. އެއްގޮތަކަށް ވެސް ރޫބީ ފައިސާއާ މެދު ހާސްވާނެކަމެއްނެތް"
ރުބީނާ ޖެހި މަޅީގައި އާދިލް ރަނގަޅަށް ޖެހި ނިމިއްޖެކަން އެނގުމުން އޭނާގެ ހިތް އުފަލުން ތެޅެމުންދިޔައިރު މޭގަނޑު ފަޅާ އުދުހި ގަންނަން އެ ހިތް ބޭނުންވެފައިވާ ކަހަލައެވެ. ނިކަން ބޮޑަށް ހިނިތުންވެލަން ބޭނުންވެފައި ވި ނަމަވެސް އެ ތުންފަތަށް ވެރިކޮށްލީ ފަނޑު ފަނޑު ހިނިތުންވުމެކެވެ. ނަފްސުގެ ބޮޑާކަމާއި ހިތުގެ ކިލަނބުކަމުގެ ދިހުން ފަނޑުކޮށްލާ އާދިލަށް އޮޅުވާލީ ރުބީނާގެ ޝުކުރުވެރި މީހަކުކަމުގައި ދައްކުވައިދިން ސިހުރިވެރި ދެ ލޮލެވެ. އެއާއެކު ކެހިވެރިކަން ފަރުދާކޮށްލީ ރުބީނާގެ ދެއްކުންތެރިކަން އެކުލެވިފައިވާ ލޯބިވެތި ބީހުމެވެ.
މެންދަމުން އަލިވިއިރު އުޑުމަތި ބަނަވެ މުޅި ދުނިޔެމައްޗަށް މަޑު ރަތްކަމެއް ވެރިވެފައިވެއެވެ. ޖެހެމުންދިޔަ ހަމަރޯޅީގައި މަގުތަކުގައި ހުރި ކުނިބުނިތައް ދިމަދިމާއަށް އުދުހެމުންދިޔައެވެ. އަންނަން އުޅޭ ކޮޅިގަނޑުގެ ވަރުގަދަކަން ތަސައްވުރުކޮށްދޭން އުޅޭ ކަހަލައެވެ. ނަމަވެސް އެ މަންޒަރު ބަލާނޭ ބަޔަކު ނެތް ފަދައެވެ. މަގުތައް ވަނީ ހިމޭންވެ ގޭގެ ދޮރޯށިތައް ބަންދުކޮށް ބައްތިތައް ފަނޑުކޮށްފައެވެ.
ފަތިސްނަމާދުގެ ބަންގީގެ އަޑު ހަތަރުފާރުގެ ތެރޭ ގުގުމާލިއެވެ. އެހިނދު ސިއްސައިގެން ގޮސް ހޭލެވުނު އައިރާ އަވަސްވެގަތީ ނިޔާނުގެ ފޯނު އަތުޖެއްސުމަށެވެ. ފޯނު ނަގާ ސްކްރީން ދިއްލާލުމާއެކުހެން ބަންގީގެ އަޑު ކެނޑިއްޖެއެވެ. ދެ ލޯ އުނގުޅަމުން ހިތްވަރުކޮށްފައި އައިރާ އެނދުން ތެދުވިއެވެ. އެހިނދު ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑު ކަންފަތުގައި ޖެހުނެވެ. ފާޚާނާއަށް ވަނުމުގެ ކުރިން ފުރަތަމަވެސް އައިރާ އައިސް ކުޑަދޮރު ނިވާކޮށްފައިވާ ފަރުދާގެ ބައެއް ހިއްލާލާ ބޭރު ބަލާލިއެވެ. ދުނިޔެމަތި އޮތީ އަނދިރިކޮށެވެ. އެހެންނަމަވެސް ވާރޭ ތިކިތަކުން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ހަރުލާފައިވާ ފެންތިކިތައް ރޮނގު ހަދާލާފައި ވާދަވެރިކަމާއެކު ތިރިއަށް ފައިބައިގެންދާ މަންޒަރުން އައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. އިހުސާސްވަމުން ދިޔަ އާދަޔާ ޚިލާފު ފިނިކަމާއި ކަންނެތްކަމުގެ އަސްލު އެވަގުތު އައިރާއަށް ދެނެގަނެވުނެވެ. ހިނިތުންވެލައިގެން ހުރެ ފާޚާނާއާ ދިމާއަށް އައިރާ ހިނގައިގަތީ އޭނާގެ ސިކުނޑީގައި ފޮނިފޮނި ހަނދާނެއް އާކުރަމުންނެވެ. ވާރެއާ ތެމިލަން ބޭނުންވެފައި ހުރެއެވެ.
އައިރާ ވަރަށް ހެނދުނާ ބަދިގެއަށް ވަނެވެ. ނިޔާނު ވެސް ފަތިސް ނަމާދަށް ހޭލި ގޮތަށް ނުނިދައެވެ. ސިޓިންރޫމު ސޯފާގައި އިނީ ރުބީނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންއިރު އޭނާ ޓެކްސީއެއް ލިބޭތޯ އެކި ޓެކްސީ ސެންޓަރުގެ ނަންބަރުތަކަށް ގުޅަމުން ދިޔައެވެ.
"އަދިވެސް ވާރޭވެހޭ އެބަ. ކިހިނެއް މަންމަ ގޮވައިގެން މިވަރުން ދާނީ" ކޮފީތަށި ގެނެސް ނިޔާނުގެ ކުރިމަތީ ހުރި ބިއްލޫރި ކުޑަ މޭޒުގައި ބަހައްޓަމުން އައިރާ ބުންޏެވެ.
"ޓެކްސީއެއް ވެސް ނުލިބުނު" ހާސްވެފައި ނިޔާނު ބުންޏެވެ.
"ކުއްލިއަކަށް މޫސުން ގޯސް އެވީ... މިހާ ވިއްސާރައިރު އަހަރެން ބިރުގަނޭ ނިޔާނު ވެސް ދަތުރުކުރަން" އައިރާ ބުނެލިއެވެ.
"ފްލައިޓްގައޭ ދަނީ. ދެން ކޮންބިރެއް... މަޑުކުރައްޗޭ... ޓެކްސީއަކަށް ގުޅިއްޖެ" އައިރާއާ ވާހަކަދައްކަން އިނދެފައި ނިޔާނު ކުއްލިއަކަށް ފޯނަށް ސަމާލުކަން ދިނެވެ.
"އަދިވެސް ހުއްޓާނުލާތަ؟" ފޮށި ދަމަމުން ސިޓިންރޫމަށް ނުކުން ރުބީނާ އަހާލިއެވެ.
"ހިޔެއްނުވޭ އަވަހަކަށް ވިއްސާރަ އަލިކުރާނެހެނެއް" އައިރާ ބުންޏެވެ. އެހެންނަމަވެސް އޭނާއަށް ރުބީނާ ބަލާ ވެސް ނުލިއެވެ.
"ނަސީބެއް. ޓެކްސީއެއް ލިބިއްޖެ. ހިނގާ ދާން މަންމާ. އައިރާ! އަހަރެން ގެއަށް އަންނާނީ މެންދުރު އިނގޭ. މަންމައާއެކު އެއަރޕޯޓަށް ގޮސްފައި ދެން ދާނީ އޮފީހަށް"
"ސައިވެސް ނުބޮއެތަ؟ ކޮފީތަށި ވެސް ތި ހުރީ އަތްނުލާ"
"އާން! ދެން މިއަދު އެކޮޅުން ސައިބޯލާނީ. އެކަމަކު މެންދުރު ކާން އަންނާނަން"
ރުބީނާ ކުރީބައިގައި އެޕާޓްމެންޓުން ނުކުމެގެން ދިޔައެވެ. އޭނާގެ ފޮށި ހިފައިގެން ނިޔާނު ނުކުތެވެ. ސިޑިއާ ދިމާއަށް ހިނގައިގަތުމުގެ ކުރިން އައިރާގެ ކޯތާފަތުގައި ނިޔާނު ފިރުމާލަމުން ހިނިތުންވެލިއެވެ. އަދި މައުރީން ސުކޫލަށް ދާން ގޮވާ އޭނާއަށް ސައިދިނުމަށް ބުންޏެވެ. ނިޔާނު ސިޑިން ފައިބައިގެން ދަންދެން އޭނާއަށް ބަލަން އައިރާ ހުއްޓެވެ. އަދި އެނބުރި އެޕާޓްމެންޓަށް ވަންނަން އުޅުނު ވަގުތު މަތީން ތިރިއަށް ފައިބަން ހުރި ސިޑިމަތީގައި ދެވަންފުރާގެ ފިރިހެނަކު ސިނގިރޭޓެއް ހިފަހައްޓާލައިގެން އައިރާއާ ދިމާއަށް ބަލަން ހުރިތަން ފެނުނެވެ.
(ނުނިމޭ)