ގައުމީ ފުޓްބޯޅް ޓީމް

ފަލަސްތީނާ ދެކޮޅަށް ދިވެހިންނަށް ތާރީހް ބަދަލު ކުރެވޭނެ: ކޯޗް

Mar 28, 2017

ރާއްޖެއިން ފަލަސްތީނާ ދެކޮޅަށް، އެންމެ ފުރަތަމަ މެޗެއް ކުޅުނީ ނޭޕާލްގައި 2012 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖްގަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ، 2-0 ން ނެވެ. އޭގެ ދެ އަހަރު ފަހުން، ރާއްޖޭގައި ބޭއްވި ޗެލެންޖްކަޕްގައި، ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެނެވެ. މާނައަކީ ރާއްޖެއަށް މިހާތަނަށް ފަލަސްތީން ކޮޅަށް ލަނޑެއްވެސް ޖެހިފަ އެއް ނުވެއެވެ.

ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓްގެ ބުނީ އެއީ މަޒީ ކަމަށާއި، ރާއްޖެއަށް ނަތީޖާ ނެރެވިދާނެ ކަމަށެވެ.

"އެއީ ޗެލެންޖެއް، އެޓީމުގައި ތިބީ ދިގު ކުޅުންތެރިންނާއި ފިޒިކަލީ ރަނގަޅު ކުޅުންތެރިން، ނަމަވެސް ރާއްޖޭގެ ޓީމަށްވެސް ކުރިއެރުން އަތުވެއްޖެ، އަހަރެން ނުވިސްނަން އެޓީމަކާ މެދު، އަހަރެން ވާހަކަ ދައްކާނީ އަހަރެންގެ ޓީމާ މެދު، ޓީމުގެ ކުޅުންތެރިން ދައްކަމުންދާ ކުޅުމާ މެދު ހިތްހަމަ ޖެހޭ،"

އޭނާ ބުނީ، ކޮންމެ ޓީމެއްވެސް މެޗަށް ނިކުންނާނީ، ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެގޮތަށް ރާއްޖޭގެ ޓާގެޓަކީ ވެސް މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށެވެ.

ފަލަސްތީންގެ ގިނަ ކުޅުންތެރިންނަކީ މެދު އިރުމަތީގެ ލީގްގައި ކުޅެމުންދާ ކުޅުންތެރިންނެވެ. މެދުއިރުމައްޗަކީ ފުޓްބޯޅައިގައި އޭޝިއާގައި މިހާރު އެންމެ ބާރަށް ކުރި އަރަމުން އަންނަ އެއް ސަރަހަދެވެ. އެހެންވެ، ފަލަސްތީން ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވުމަށް ރާއްޖެއިން ބުރަ މަސައްކަތް ކުރަން ޖެހޭނެ އެވެ.

މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއުގައި، ސްޓްވަޓް ބުނީ، ކުޅުންތެރިންގެ ކިބައިން ފެންނަން ބޭނުންވާ ހިތްވަރު ޕްރެކްޓިހުގައި ފެންނަމުންދާ ކަމަށާއި އެހިތްވަރު ކުޅުންތެރިން ދަނޑު މަތީގައި ނެރެފިނަމަ ރާއްޖެ އަށް ނަތީޖާ ނެރެވޭނެ ކަމަށެވެ.

ކެޕްޓަން އަސްހަދު އަލީ (އަޑޭ) ބުނީ ފަލަސްތީން ބަލި ކުރެވިދާނެ ކަމަށެވެ.

"ބަލި ކުރެވިދާނެ ހަމަ، ފަހަތް ވަރަށް ބޮޑަށް އޮގަނައިޒް ކޮށްގެން، އެބަ އެނގޭ އެމީހުން ކުޅޭ ކުޅުންވެސް، ސެކަންޑް ބޯލް އެމީހުން ކުޅޭނީ، ރާއްޖޭގެ ޓީމުންވެސް [އަލީ ފާސިރު] ސެންޓޭ، އުމޭރު އަކީ ވަރަށް ހަލުވި ކުޅުންތެރިން، ރާއްޖޭގެ ޓީމަށްވެސް ފުރުސަތު ލިބޭނެ، ލިބޭއިރު މިކުޅުންތެރިންނަށް އެކަން ކުރެވޭނެ،" އަޑޭ ބުންޏެވެ.