ހަބަރު

ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލާގައި ދެ މީހަކަށް ދައުވާކޮށްފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާއިން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ. އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ކޮނޑޭ ސީނުގޭ އަލީ ޝަނީޒު އާއި ފ. މަގޫދޫ، ދިއްގަރު، މުހައްމަދު ފައިރޫޒުގެ މައްޗަށެވެ.

ވެސްޓާން ޔޫނިއަން އިން ފައިސާ ފޭރިގެންފައި ވަނީ އެރޭ ދަންވަރުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒިރުން ބަނދެ ވަޅިން ވަޅިން ބިރު ދައްކައިގެނެވެ.

އަދި އެ ތަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެން ފިލާފައިވާ އިރު އެ މީހުން ހޯދުމަށް ފުލުހުން އެރޭ ކުރި މަސައްކަތުން ވަނީ ހ. ތާޅަފިލިގޭ ސިޑި ގޮޅި ތެރެއިންނާއި އެގެއާ ކައިރި މަގުތަކުން 1.2 މިލިއަން ރުފިޔާ އާއި 321،603 އެމެރިކާ ޑޮލަރު ވަނީ ހޯދާފަ އެވެ. ނަމަވެސް ގެއްލުނު ފައިސާގެ ޖުމުލަ އަދަދެއް އެނގިފައެއް ނުވެ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 2:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.