ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދަންވަރުގެ ވަގުތެއްގައި ވެދެވަޑައިގެންނެވި ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފަތުރާފައި ވަނީ ހަގީގާތާ ހިލާފު ހަބަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަބަރު ފަތުރާފައި ވަނީ ކަން އޮތްގޮތް ނޭނގޭ ބައެއް ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގެ އާއި ގޯތިތެރޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ސިފައިންގެ ވާޖިބުތައް އަދާކުރާގޮތް ބެލުމާއި އަމުރުތައް ނެރުމަކީ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށެވެ.
"... ދިވެހިރާއްޖޭގެ ދިފާއީ ބާރުން ސަލާމަތީ ކަންތައްްތައް ބަލަހައްޓާ ކޮންމެ ތަނަކަށް އަދި ކޮންމެ މަރުކަޒަކަށް ޗީފް އޮފް ޑިފެންސް ފޯސް ބޭނުންފުޅުވެލައްވާ ކޮންމެ ވަގުތަކު ވެންނެވުމުގެ ގާނޫނީ ފުރިހަމަ އިޚުތިޔާރާ ބާރު ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެން ވެއެވެ،" ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނުން ދިފާއީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމަށްޓަކައި އަސްކަރިއްޔާގެ ވެރިން ކުރިމަގުގައި ވެސް ހަރަކާތްތެރި ވެވަޑައިގަންނަވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިއެވެ.
ސޯޝަލް މީޑިއާގައި ޖެނެރަލް ޝިޔާމާ ބެހޭ ގޮތުން ވާހަކަތަކެއް ބަޔަކު ފެތުރީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އޮތް، އެމަޖިލީހުގެ ރައީސް ޢަބުދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަށް އަަހަން އުޅެނިކޮށް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް މައްސަލަ ޖެހުމުންނެވެ.