ދުނިޔެ

ބޯޓު ވެއްޓުނު އިރު އެއް ޕައިލެޓް ހުރީ ކޮކްޕިޓް ތަޅުލުމުން އެތެރެއަށް ނުވަދެވިފައި

Mar 26, 2015

ޖާމަންވިންގްސްގެ މަތިންދާބޯޓް ވެއްޓުމުގެ ކުރިން އެއް ޕައިލެޓް ކޮކްޕިޓުން ނިކުތް ކަމަށާއި އެއާ އެކު ކޮކްޕިޓްގެ ތަޅުލުމުން އޭނާ އަށް އެތެރެއަށް ވަދެވޭ ގޮތް ނުވެގެން ދޮރުގައި ތެޅި ކަމަށް ތަހުގީގު ޓީމުގެ މެންބަރަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

ތަހުގީގުގައި ބައިވެރިވާ އަސްކަރީ އިސް އޮފިޝަލަކާ ހަވާލާދީ މިހެން ބުނެފައި ވަނީ ކޮކްޕިޓް ވޮއިސް ރެކޯޑަރުން ލިބުުނު އޯޑިއޯގެ މައްޗަށް ބިނާކޮށްފަ އެވެ. އޮފިޝަލް ވިދާޅުވެފައި ވަނީ ދޮރު ހުުޅުވާ އަޑާއި ދޮރު ތަޅުލެވޭ އަޑު އަދި އޭގެ ފަހުން ދޮރު ވައްޓާލާހާ ބާރަށް ދޮރުގައި ތަޅާ އަޑު ވެސް އިވޭ ކަމަށެވެ.

"އެކަމަކު އެކަކު ބޭރަށް ނިކުތީ ކީއްވެގެން ކަމެއް އަދި ބުނާކަށް ނޭނގެ. އެކަމަކު ޔަގީންވާ ކަމަކީ ބޯޓު ވެއްޓުނު ވަގުތު ކޮކްޕިޓްގައި އިނީ އެންމެ ޕައިލެޓެއް ކަމާއި އޭނާ ދޮރު ނުހުޅުވާކަން،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ބޭރަށް ނިކުމެފައި ވަނީ ޕައިލެޓް ކަމެއް ނުވަތަ ފަސްޓް އޮފިސަރު ކަމެއް ވެސް ނޭނގެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެއާބަސް އޭ320 ބޯޓް 38000 ފޫޓް މައްޗަށް އެރިތާ ކުޑަ އިރުކޮޅެއް ފަހުން ދެން ދާންފެށީ ތިރިއަށެވެ. ދެން ޖެހިގެން އައި އަށް މިނެޓް ތެރޭ ބޯޓު ވަނީ ވެއްޓިފަ އެވެ. ނަމަވެސް ބޯޓު ދަތުރަށް ފެށީންސުރެ ވެސް ދެ ޕައިލެޓުން ވާހަކަ ދައްކަމުން ގޮސްފައި ވަނީ ވަރަށް ހަމަޖެހިގެން ތިބެގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.