އޮސްޓްރޭލިއާގެ އިރު އުތުރު އައްސޭރި ފަށަށް މިއަދު ބާރުގަދަ ތޫފާނެއް އަރައި ގެދޮރަށް ގެއްލުން ވެއްޖެ އެވެ.
ބީބީސީ ބުނީ "ސައިކްލޯން ޑެބީ" ގެ ނަން ދީފައިވާ ކެޓަގަރީ ހަތަރެއްގެ އެ ތޫފާން އޮސްޓްރޭލިއާއަށް އެރި އިރު ތޫފާނުގެ ވައި ހުރީ ގަޑި އަކު 163 މޭލުގެ ބާރު މިނުގައި ކަމަށާއި ތޫފާނުގެ ސަބަބުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ. އަދި ބުނީ ތޫފާން މިހާރު ހުރި ސަރަހައްދުގައި ގާތްގަނޑަކަށް ހަތަރުގަޑި އިރު ދެމިހުންނާނެ ކަމަށް އޮސްޓްރޭލިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ކަމަށެވެ.
ތޫފާން ގޮނޑުވީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ނަމަކަށް ކިޔާ ރަށުގެ ގޮނޑުދޮށަށެވެ.
ތޫފާން ޑެބީ އެރުމުގެ ސަބަބުން އަދި އެއްވެސް މީހަކު މަރުވިކަމުގެ ހަބަރެއް ނުލިބެ އެވެ. ނަމަވެސް އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ހަބަރު ލިބިފައި ވެއެވެ.
ތޫފާން ޑެބީއަކީ ލަސްލަހުން ދަތުރުކުރާ ތޫފާނަކަށް ވާތީ އެ ތޫފާނުން ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޮސްޓްރޭލިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މުއާސަލާތީ ހިދުމަތްތަކަށް ހުރަސް އެޅިފައި ވާތީ ލިބުނު ގެއްލުންތަކުގެ ތަފުސީލުތައް އަދި ރަނގަޅަށް ނުލިބެ އެވެ.
ތޫފާނުގެ ވައި ބާރު ކަމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އެގޮތުން އަލިފާން ނިވާ މީހުންނަށް ވެސް ސަރުކާރުން އިރުޝާދުދީފައި ވަނީ ވައިގެ ބާރުމިން ގަޑިއަކު 80 މޭލާ ހަމައަށް މަޑު ނުވަނީސް އެހީއަށް އެދޭ އެއްވެސް ބަޔަކަށް އިޖާބަ ނުދިނުމަށެވެ.
އޮސްޓްރޭލިއާގައި ކަރަންޓްގެ ހިދުމަތްދޭ ކުންފުނިތަކުން ބުނެފައި ވަނީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓް އަލުން ގުޅައިދެވޭނެ އިރެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
ތޫފާން ޑެބީ އެރުމުގެ ގެދޮރު ދޫކޮށްދާން އޮސްޓްރޭލިއާ ސަރުކާރުން 25000 މީހުންނަށް އިރުޝާދު ދިނެވެ. ނަމަވެސް އެއިރުޝާދަށް ބައެއް މީހުން ތަބާ ވެފައި ނުވާ އިރު ރައްކާތެރި ސަރަހައްދުތަކަށް ދިޔައީ ކިތައް މީހުން ކަމެއް ނޭނގެއެވެ.
ތޫފާން ޑެބީ އަކީ އޮސްޓްރޭލިއާއަށް 2011 ވަނަ އަހަރު އެރި ތޫފާން ޔަސީ އެރި ފަހުން އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.