ގާނުނުތަކާއި ގަވާއިދުތަކާއި ނޫސްވެރިކަމާ ގުޅޭގޮތުން ހެދިފައިވާ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ހިތާނަމަ ނޫސްވެރިންނަށް މައްސަލަތައް ދިމާނުވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން (ބްރޯޑްކޮމް)އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަހަކަށް އައިސް، ބްރޯޑްކާސްޓް މީޑިއާގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންގެ އަމަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ތަފާތު ޖިނާއީ ކުށްތަކަށް އަރައިގަނެވި، އެ ފަރާތްތަކާ މެދު ޝަރީއަތުގެ މަރުހަލާއިން އަދަބު ލިބެމުން ދިޔުމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ނޫސްވެރިންނަށް ދިމާވާ މިފަދަ މައްސަލަތަކަކީ، ގާނުނުތަކާއި ގަވާއިދުތަކާއި ނޫސްވެރިކަމާ ގުޅޭގޮތުން ހެދިފައިވާ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ނުހިތުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަން މި ކޮމިޝަނުން ފާހަގަ ކުރަމެވެ." ބަޔާނުގައިވެ އެވެ.
އެހެންކަމުން އެފަދަ މައްސަލަތައް މެދުވެރި ނުވާނެ ގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށް މަގުފަހި ކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިން ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް އެ ކޮމިޝަނުން ގޮވާލާ ކަމަށް ވަނީ ބުނެފަ އެވެ.
ބްރޯޑްކޮމްެއިން އިތުރަށް ބުނީ، އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށާއި ހެޔޮ ނޫސްވެރިކަން ދެމެހެއްޓުމަށް ހެދިފައިވާ އެކި އެކި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަކީ އެ ފަރާތްތަކުގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ޒިންމާދާރު ކަމާއެކު މަސައްކަތްކުރުމަށް ވެސް ނަސޭހަތްތެރިވާ ކަމަށެވެ.
"ދައުލަތުގެ އިދާރާތަކުން ވެސް ހެޔޮ ނޫސްވެރިކަމަށް ތަރުހީބު ދީ، ނޫސްވެރީންނަށް ދެއްވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ބްރޯޑްކޮމްއިން މިފަދަ ބަޔާނެއް ނެރުނުއިރު މިއަދު ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް މީގެ ކުރިން ވިސާމާއި އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެ ހުކުމް އިއްވާފައިވެ އެވެ. އަދި އެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.