ހަބަރު

ބައެއް މީޑިއާތަކުން ސަރުކާރު ވައްޓާލަން ހިތްވަރު ދޭ: ބްރޯޑްކޮމް

ރޭ އިދިކޮޅު ޕާޓީތަކުން މާލޭގެ މަގުތަކުގައި ބޭއްވި އެއްވުން ކަވާކުރަން އުޅުނު ނޫސްވެރިންތަކަކަށް އަނިޔާވެފައިވަނިކޮށް، ނޫސްވެރިންގެ އަމަލުތައް ވަކި ގޮތްގޮތަށް ބަހައްޓަން އަންގާ ބްރޯޑްކާސްޓިން ކޮމިޝަނުން ސާކިއުލާއެއް ނެރެފި އެވެ. ނޫސްވެރިންތަކަކަށް ރޭގެ ސީރިއަސް އަނިޔާތަކެއްވި އެވެ.

އެއްވެސް ނޫސްވެރިޔަކަށް ލިބުނު އަނިޔާ ކުށްވެރިކުރުމެއް ނެތި، އެ ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މި ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ގައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާކަން އެ ކޮމިޝަނުގެ މޮނިޓަރިންއަށް ވަނީ ފާހަގަވެފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ހަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނޭ، އަދި މީގެ އިތުރުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުއާ ހިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަން ވަނީ ފާހަގަކުރެވިފަ، އަދި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިންގެ އަމަލުތައް ބަހައްޓަމުންދާ ގޮތުގެ ކަންބޮޑުވުން ފާޅުކުރައްވައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވެސް ނޫސްބަޔާނެއް މިއަދު ވަނީ އާއްމުކުރައްވާފަ،" ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާކިއުލާގައިވެ އެވެ.

އިތުރަށް އެ ކޮމިޝަނުން ބުނީ، ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ހާއްސަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް ސަމާލުކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމަށެވެ. އެހެކަމުން އެފަދަ މައްސަލަތައް މެދުވެރި ނުވާނޭ ގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިން ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް ގޮވާލާ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ ހުއްދަ ނެތި ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ގާނޫނަކާ ހިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ހަނދާންކޮށްދެން،" ކޮމިޝަނުން ބުންޏެވެ.

ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، އެ ކޮމިޝަނުން އެކުލަވާލާފައިވާ “އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު”ގައި ބަޔާންކުރާ “އެކްރެޑިޓޭޝަން ކާޑް” ބޭނުންކުރުމަށާއި “މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން” އާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، އަބުރު ރައްކައުތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުއާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއާ ހިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ ފިޔަވަޅު އެ ކޮމިޝަނުން އަޅާނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަންވެސް އަރުވާފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިފަދަ ސާކިއުލާއެއް ނެރުނުއިރު ރޭ އެއްވުން ކަވާކުރަން އުޅުނު ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އަޅައި ނޫސްވެރިން ގަދަކަމުން ފަހަތަށް ޖެއްސުމުގެ ތެރޭގައި ގިނަ ނޫސްވެރިންތަކަށް އަނިޔާވި އެވެ. ބައެއް ނޫސްވެރިންނަށް އޭޑީކޭގައި ވަގުތުން ފަރުވާދިނެވެ. ދެ ނޫސްވެރިޔަކު ހައްޔަރުކޮށް ދޫކޮށްލި އެވެ. ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ހާލު ސީރިއަސްވެ، ރޭ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.