މިފްކޯ

މިފްކޯއިން 200 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

Mar 29, 2017
4

މިހާރު އެސްޓީއޯގެ ދަށަށް ބަދަލުކޮށް ހިންގަން ފަށާފައިވާ މަސް ކުންފުނި، މިފްކޯއިން ދިވެހިންނަށް އަމާޒުކޮށް ވަޒީފާތަކެއް ހުޅުވާލައިފި އެވެ. މަސް ކުންފުނިން ބުނީ އާ ވަޒީފާތައް ހުޅުވާލީ ދުނިޔޭގެ ބާޒާރުގައި އެކުންފުނީގެ އުފެއްދުންތަކުގެ އިތުބާރު ބޮޑުކޮށް، ރާއްޖެއަށް ބާނާ މަހުގެ ހަމަ އަގު ދެމެެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ހޯދައި ދިނުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

މިފްކޯއިން އަލަށް ހުޅުވާލާަފައި ވަނީ 200 ވަޒީފާއަށެވެ. މި ނިންމުން އިއުލާނު ކުރި ނަވެސް މިއީ ކޮންކޮން ވަޒީފާތަކެއް ކަމާއި އެކަމަށް އެދޭ ފަރާތްތަކުން އަމަލު ކުރަންވީ ގޮތެއް އަދިއެއް ނުބުނެ އެވެ.

މަސްކުންފުނިން ބުނީ ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުޚާނާ އިތުރަށް ތަރައްގީކޮށް ދުނިޔޭގެ ބޮޑެތި ބާޒާރުތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ދަޅުމަހުގެ ބާވަތްތައް ބޭނުންކުރާ ބޮޑެތި އެކިއެކި ފަރާތްތަކުން ރާއްޖެ އައިސް، ފެލިވަރުގައި އުފައްދާ އުފެއްދުނތަކުގެ އޮޑިޓްތައް ހެދި، މިފްކޯގެ އުފެއްދުންތައް ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކަށް ނެރުމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.

މިފްކޯގެ ޕްރޮޑަކްޝަން ފެސިލިޓީތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ވަޒީފާގެ 200 ފުރުސަތަށް މިފްކޯއިން މިވަނީ ހުޅުވާލާފައި ވަނީ މިހާރު މިހާރަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

މިފްކޯގެ ހިންގުން ހަރުދާނާ ކުރުމަށް އެސްޓީއޯގެ ދަށަށް ބަދަލު ކުރިތާ އަދި ގިނަ ދުވަސްތަކެއް ނުވެއެވެ.