ވާހަކަ

މުޅިޖާންހިތާ

(28 މާރިޗު 2017 އާ ގުޅޭ)

ނިޔާނު ސިޑިން ފައިބައިގެން ދަންދެން އޭނާއަށް ބަލަން އައިރާ ހުއްޓެވެ. އަދި އެނބުރި އެޕާޓްމެންޓަށް ވަންނަން އުޅުނު ވަގުތު މަތީން ތިރިއަށް ފައިބަން ހުރި ސިޑިމަތީގައި ދެވަންފުރާގެ ފިރިހެނަކު ސިނގިރޭޓެއް ހިފަހައްޓާލައިގެން އައިރާއާ ދިމާއަށް ބަލަން ހުރިތަން ފެނުނެވެ.

ނިޔާނާއެކު ނޫނީ އައިރާ ގެއިން ބޭރަކަށް ނުނިކުމެވެ. އެހެންވެ އެ ގޭގެ ދެން ހުރި އެޕާޓްމެންޓުތަކުގައި އުޅޭ މީހުންނާ މެދު އައިރާ ކުޑަކޮށް ވެސް ވިސްނާލާފައެއް ނުވެއެވެ. އެހެން ނަމަވެސް ސިޑިމަތީ ބަލަން ހުރީ މީގެ ކުރިން ދުވަހަކު ނުފެންނަ މީހަކު ކަމުގައި ވިޔަސް އެ މޫނު މަތިން ދަންނަ ގޮތެއް ހުރިކަން އައިރާއަށް ފާހަގަވި އެވެ. އެ މީހާ ވެސް އައިރާ ފެނިފައި އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ގޮތަށް ހުރީއެވެ. އެޕާޓްމެންޓުގެ ތެރެއަށް ވަންނަމުން އަދިވެސް އެއްފަހަރު މަތީގައިވާ ސިޑީގެ މެދެއްހާ ހިސާބުގައި މަޑުކޮށްލައިގެން ހުރި މީހާއަށް އައިރާ އަވަސް ނަޒަރެއް ދިނެވެ. އަދި ދޮރުން އެތެރެއަށް ދެމިގަތުމާއެކު އަވަސް އަވަހަށް އެޕާޓްމެންޓުގެ ދޮރު ލައްޕާ ތަޅުލި އެވެ.

"މައު! އަވަސްކުރޭ... އެހެންނޫނީ ގަޑި ޖެހިދާނެ... ވިއްސާރަ ދުވަހެއްގައި ތަންކޮޅެއް ކުރީން ނުކުންނަންވާނެ" ޔުނީފޯމު ލައިގެން ނުކުމެ ސައިބޯން އިން މައުރީންއާ އައިރާ ވާހަކަ ދެއްކި އެވެ.

"ދޮންބެ ބުނިތަ މައު ބަލާ އަންނާނަމޭ" ސީރިއަލް ތަށިން އެތިކޮޅެއް ސަމްސަލުން ނަގާ އަނގަޔަށް ލާފައި އައިރާ އަޅައިދިން އޮރެންޖު ފަނިތަށި މައުރީން ކައިރިއަށް ޖައްސާލި އެވެ.

"އާން! އަވަސްކޮށްލާ އިނގޭ. އޭރުން ދޮންބެ އަންނަންވާއިރަށް ހަމަޖެހިލައިގެން ތިރިއަށް ދެވޭނީ. ހުރިހާ ފޮތެއް ހަމައަށް ގެންދައްޗޭ" އައިރާގެ ވާހަކަ ހުރި ގޮތުން މައުރީން އޭނާއަށް ބަލަން އިނދެފައި ނިކަން ބާރަށް ހީނގަތެވެ.

"ކިހިނެއްވީ؟" ސިންކަށް އެޅި ތަށިތައް ދޮންނަން ކައިރިވެލި އައިރާ ހުއްޓި މައުރީނަށް ބަލާލި އެވެ.

"މައު މީ ކުޑަކުއްޖެއްތަ؟ އެހެންނޫނަސް ތީކީ މައު ގެ މަންމައެއް ވެސް ނޫން ތިހެން ވާހަކަ ދައްކާކަށް" މައުރީނަށް ހިނިތުންވުމެއް އައިރާ ބަދަލުކޮށްލާފައި ސިންކު ކައިރިއަށް ޖެހިލި އެވެ. އަދި މައުރީން ބުނި އެއްޗަކާ މެދު އޭނާ ވިސްނާލި އެވެ. ނިޔާނުގެ ކޮއްކޮއަކީ އައިރާގެ ވެސް ކޮއްކޮ ކަމުގައި އޭނާ ޤަބޫލު ކުރެއެވެ. އެހެންނަމަވެސް މައުރީން އޭނާ އެއްކޮށް ބަލައިގަނެފައި ނުވާކަން އައިރާއަށް ފާހަގަވި އެވެ. މިއަދު ރުބީނާ ނެތްއިރު އައިރާއަކީ މައުރީންގެ މަންމަ ފަދަ އިން އޭނާއަށް ކަންތައްތައް ކޮށްދޭން ހުރި އަންހެނާ އެވެ. އެއްބަނޑު އެއްބަފާ ބޭބެ އިނދެގެން ހުރި މީހާއެވެ. ޚިޔާލުތަކުގެ ތެރޭގައި ހުރެ ތަށިތައް ދޮވެފައި ހަރުގަނޑުގައި އަތުރާލުމަށް ފަހު އެއްފަރާތުގައި އެލުވާފައި ހުރި ތުވާލިކޮޅުން އައިރާ އަތްފުހެލި އެވެ. ހަމައެވަގުތު އައިރާގެ ފޯނު ރިންގުވާން ފެށިއެވެ.

"ކޮބާ މައު؟ ތައްޔާރުވެއްޖެތަ؟" އައިރާގެ ކަންފަތުގައި ޖެހުނީ ނިޔާނުގެ އަޑެވެ.

"އާން! ތައްޔާރަށް އިނީ... ނިޔާނު ކޮންތާކު؟"

"މި އަޅަނީ ގެ ހުރި މަގަށް. މައު ގާތުގައި ބުނޭ ތިރިއަށް ފައިބާ ހުންނާށޭ. ވާރޭ ވެހޭ އަދިވެސް. މައުގެ ކޯޓު ލައިގެން އަންނާށޭ ބުނާތި"

"ނިޔާނު! ސައިބޯން ނުވަންނާނަންތަ؟" އައިރާ އަވަސް އަވަހަށް އަހާލިއެވެ.

"އެހާ ވަގުތެއްނެތް. އޮފީހަށް ވަދެ ސޮއެކޮށްލާފައި މި އައީ މައު ގެންދަންވެގެން... އޯކޭ ބޭބީ... މަގުތައް ތެމިފައި އޮތްއިރު ފޯނުގައި އިނުން ސޭފެއް ނުވާނެ... މައު ގާތުގައި ބުނޭ ނުކުންނާށޭ... ބާއި" ނިޔާނު ފޯނުކޯލު ކަނޑާލުމާއެކު އައިރާ ބަލާލީ މައުރީނަށެވެ. އޭނާ ސައިބޮއެ ނުނިމެ އެވެ. އެވަގުތުކޮޅު ވެސް ފޯނާ ކުޅެން އޭނާ ޖެހެ އެވެ. ސައިބޮއެ ނުނިމިގެން އުޅެނީ އެހެންވެކަން އައިރާއަށް އެނގެއެވެ. ނަމަވެސް އެއްޗެއް ނުބުނީ މައުރީން ނުރުހުން ވެދާނޭތީ އެވެ.

"ދޮންބެ އައީ ދޯ" އައިރާ ބަލާލުމުން މައުރީން ބުންޏެވެ.

"ތިރިއަށް އަންނާށޭ ބުނީ" ވީހާ ވެސް ވާހަކަ ކުރުކޮށް އައިރާ ބުންޏެވެ. އެއާއެކު މައުރީން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކާމޭޒުމަތީ އޭނާއަށް ތައްޔާރުކުރި ތަށިތަކުން ދެބައިކޮށްފަ އެއްބައި ހުސްނުކޮށް ހުއްޓެވެ. އެގޮތަށް އިސްރާފުކޮށްފައި ދާ މީ ފުރަތަމަ ފަހަރު ނޫންކަން މައުރީންގެ ހަރަކާތް ހުރި ގޮތުން އެނގެއެވެ.

މައުރީން ނުކުމެގެން ދިއުމުން ގޭތެރެ އެއްކޮށް ހިމޭންވި އެވެ. އެއްގޮތަކުން އައިރާ އެކަނިވުމުން އޭނާ ހިތްހަމަ ވެސް ޖެހުނެވެ. މިހާރު އޭނާގެ ހަރަކާތްތަކަށް ފާރަލާނެ މީހަކު ނުހުންނާނެތީ އެވެ. ކާމޭޒުމަތިން ތަށިތައް ނަގާ ސާފުކޮށްފައި އައިރާ އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.

* * * *

ޤައިސް ދަތުރުގައި ބައިވެރިވާކަން ރުބީނާއަށް އެނގުނީ ފްލައިޓަށް އެރިފަހުންނެވެ. ސަލްމާމެންގެ ދެމަފިރިން ޖެހިޖެހިގެން ހުރި ސީޓުގައި ތިބި އިރު ރުބީނާއަށް ސިހުން ގެނުވީ އޭނާގެ ކައިރީ ހުރި ސީޓުގައި ޤައިސް އައިސް އިށީނުމުންނެވެ. ދެ ލޯ ބޮޑު ކޮށްލުމާއެކު ސަލްމާއަށް ރުބީނާ ބަލާލީ ހައިރާން ކަމާއި ސުވާލުގެ ނަޒަރަކުންނެވެ.

"ޤައިސް އަންނަކަން އަހަރުމެން ގަސްދުގައި ރޫބީ ގާތުގައި ނުބުނީ" ހެމުން ހެމުން ސަލްމާ ބުންޏެވެ.

ޤައިސްގެ ފަރާތުން ރުބީނާއަށް އެނގުނީ އޭނާ އެ ދަތުރުގައި ބައިވެރިވީ ވަޖީހުއަކީ ގާތް ރަޙުމަތްތެރިއަކަށްވީމަ ކަމަށެވެ. އެކުވެރިޔާއަށް ކާފަ ކިޔާނެ ދަރިއަކު އުފަންވާން އުޅޭއިރު އޭނާއާއެކު ހުރުމަށެވެ. ހަމައެއާއެކު ޤައިސްގެ އަމިއްލަ ދަރިފުޅުގެ ގާތަށް ދާން ގަސްދުކޮށްފައިވާތީ އެވެ. ސަލްމާއާއި ވަޖީހުގެ ދަރިފުޅު ވިހަންދެން ލަންކާގައި މަޑުކުރާނަން ކަމުގައި ޤައިސް ބުންޏެވެ. އަދި އޭނާގެ ދަރިފުޅުގެ ގާތަށް ދިއުމަށް އެމެރިކާއަށް ފުރާނީ އޭގެ ފަހުގައި ކަމެވެ.

މައުރީންއަށް ބޭނުންވާ ކަންކަން ނިޔާނާއި އައިރާ ކޮށްދެމުން ދިޔައެވެ. ރުބީނާ އެނބުރި އަންނާނެ ތާރީޚެއް އެކަކަށް ވެސް ނޭނގެއެވެ. ލަންކާއަށް ފުރައިގެން ދިޔަފަހުން ހަފްތާއެއް ވެގެން ދިޔައިރު ރުބީނާއަށް ގުޅުނީ އެންމެ ފަހަރަކު އެވެ. އެފަހަރު ވެސް އޭނާ ހަމައެކަނި ވާހަކަ ދެއްކީ މައުރީނާއެވެ. ނިޔާނު ފުރަން ކައިރިވެފައި އޮތުމުން އޭނާ އައިރާއަށް މޮޅު ފޯނެއް ގަނެދީ ޕޯސްޓްޕެއިޑް ޕެކޭޖެއް ނަގައިދިނެވެ. ނިޔާނު ދުރުގައި ހުއްޓަސް ބޭނުން ވަގުތަކު އޭނާއާ ހިލޭ ވާހަކަ ދެއްކޭނޭ ގޮތް ހަދައިދިނެވެ. އަދި އައިރާ ޚަރަދެއް ކުރަން ބޭނުންވެދާނޭ ކަމަށް އޭނާއަށް ފައިސާ ވެސް ނިޔާނު ދިނެވެ.

"ދެން ދޮންބެ ވެސް ދަނީތަ؟ ހާދަ ފޫއްސޭ... މައު ވެސް ބޭނުން ޗުއްޓީ ހަދާލަން" ނިޔާނުގެ ފޮއްޓަށް އެއްޗެހި އަޅަމުން އައިރާ ދިޔައިރު އެނދުމަތީގައި އިން މައުރީން ބުންޏެވެ. ނިޔާނު އޭނާއަށް ބޭނުންވާނެހެން ހީވާ އެއްޗެއްވިއްޔާ އައިރާ ފޮށްޓަށް އަޅައިދޭތޯ ބަލަން އެނދު ކައިރީ ކޮޅަށް ހުއްޓެވެ.

"މައު ބަލަންވީ ރަނގަޅަށް ކިޔެވޭތޯ. ޓެސްޓު ދުވަސްކޮޅެއްނު މީ. އަހަރު ވެސް ނިމުނީ. ރަނގަޅު ނަތީޖާއަކާއެކު ކުލާސް ބަދަލުވެވޭތޯ ހިތްވަރާއެކު މަސައްކަތްކުރާންވާނެ"

"ދޮންބެ ތިހެން ބުނާއިރު ހީވަނީ މައު ފާސް ނުވެއޭ ގުރޭޑު ބަދަލުވަނީ"

"އެހެނެއްނޫން! އެވަރެޖްއަށް ނުވިސްނާ ކޮންމެ ސަބްޖެކްޓެއްގެ އެޗީވްމަންޓު މަތި ކުރަން ވިސްނަންވީ. މިހާރު އެބަހުއްޓެއްނު ތަންކޮޅެއް ބޮޑަށް މަސައްކަތް ކުރަންޖެހޭ ސަބްޖެކްޓްތައް"

"އޯކޭ! އޯކޭ! އަބަދު ކިޔަވާ ވާހަކަ. އެ ނޫން ވާހަކައެއް ދޮންބެއަކަށް ނޭނގޭނެ ދައްކާކަށް"

"ދެން ނުދައްކާނަން... ދޮންބެ ފުރިޔަސް މައު ވާނެ އައިރާ ދައްތަގެ ބަސް އަހަން. އައިރާ ދައްތައަކީ ހަމަ ދޮންބެ. އެހެންވީމަ ދެބަސް ނުވާތި... މައުއަށް އެނގޭނެ ޒުވާބު ކުރުމަކީ ދޮންބެ ކިހާ ރުޅި އަންނަ ކަމެއްކަން... އެކަހަލަ ހުތުރު ކަމެއް މައު ކުރާކަށް ދޮންބެ ނޭދެން... އެނގޭ ތީ ވަރަށް ބަސްއަހާ ކުއްޖެއްކަން" މައުރީނަށް ނިޔާނު ނަސޭޙަތްދީ ވިސްނައި ދިނެވެ.

އައިރާ ފޮށި ތައްޔާރުކޮށް ނިމުމުން ނިޔާނު ފެންވަރާލުމުގެ ބަހަނާގައި މައުރީން އެ ކޮޓަރިން ނެރުނެވެ. ޗެކިންވާން އެއާޕޯޓަށް ދާންޖެހޭ ވަގުތު ކުޑަތަންވަމުން އަންނަނީކަން ނިޔާނަށް އެނގެއެވެ. އެހެންނަމަވެސް އަނބިމީހާއާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވެފައި ހުރި ނިޔާނު އެންމެ ސިކުންތެއް ވެސް ލަސް ނުކުރިއެވެ. އެންމެ ފަހުވަގުތު ވެސް ދުރަށް ދާން ބޭނުންވީ ލޯބިވާ އަނބިމީހާގެ ފަރާތުން ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިހުސާސްތަށް އެންމެ ފުރިހަމައަށް ލިބިގެންނެވެ. ދެ މަފިރިން ރީތިވެލައިގެން ކޮޓަރިން ނުކުތެވެ. ނިޔާނު އޭނާގެ ފޮށި ހިފައިގެން ހުއްޓެވެ.

"ދެ މީހުންތަ ދަނީ؟" އައިރާ ވެސް ރީތި ވެލައިގެން ހުރި ތަން ފެނުމުން ސޯފާގައި އިން މައުރީން ސުވާލު ކުރި އެވެ.

"ނޫން! ދޮންބެ އެކަނި ދަނީ... މިހާރު ފްރެންޑެއް އެބައާދޭ ކާރުގައި ބަލާ... ދަނީ އިނގޭ" އެޕާޓްމެންޓުގެ ދޮރުން ނުކުންނަމުން ނިޔާނު ބުނެލިއެވެ.

"ނިޔާނު! އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅައްޗޭ" ނިޔާނު ދާންވެގެން އެޕާޓްމެންޓުގެ ދޮރުހުޅުވާލުމުން އައިރާގެ ހިތަށް ވީގޮތުން މޭގައި އަތްއަޅާލެވުނެވެ. އޭނާގެ ޟަމީރު ގޮވަމުންދިޔައީ ނިޔާނު ހިފެހެއްޓުމަށެވެ. އެހެންނަމަވެސް އަމިއްލަ ފައިސަލާ ބަދަލު ކުރަން މާ ލަސްވެއްޖެކަމުގައި އައިރާގެ ހިތް ބުނެލިއެވެ. ކައިވެނި ކުރި ފަހުން ނިޔާނާ ދުރުގައި ހުންނަންޖެހޭ ފުރަތަމަ ފަހަރަށްވުމާއެކު އައިރާގެ ހިތަށް ނޭނގޭ ތަދުތަކެއް އިހުސާސް ކުރެވެމުން ދިޔައެވެ. ނަފްސުގެ ކެތްތެރިކަން ހިފަހައްޓަން މަސައްކަތް ކުރަމުންދިޔައިރު އައިރާގެ ދެ ތުންފަތް ހިކި ދެ އަތްތިލަ ދާހިތްލަން ފަށައިފި އެވެ. ދޮރުން ނުކުމެފައި ވެސް ނިޔާނު އެނބުރި އައިރާއަށް ބަލާލީ އޭނާގެ ފަހަތުން ނައުމުންނެވެ. އެހިނދު އައިރާގެ ދެ ލޮލުގައިވި ބޭގަރާރުކަން ނިޔާނަށް ސިއްރެއް ނުވިއެވެ. ދޮރުމަތީ ފޮށި ބަހައްޓާފައި އެނބުރި އައިސް އައިރާގެ ގާތުގައި މަޑުކޮށްލިއެވެ.

"އަހަރެން އެންމެ ލޯބިވާ މީހަކީތީ... އައި ލަވް ޔޫ އައިރާ... އެކަން އަބަދުވެސް ހަނދާންކުރާތި... ވަރަށް އަވަހަށް އެނބުރި އަންނާނަން... އަހަރެން ނުކުމެގެންދާން ބޭނުންވަނީ ތި ލޯބިލޯބި ތުންފަތުން ހިނިތުންވެލައިގެން އައިރާ ހުންނަތަން ދުށުމަށްފަހު... ކަމޯން ލަވް... ނައު ސްމައިލް" އައިރާގެ ވައަތުގައި ހިފަހައްޓާލައިގެން ހުރެ ނިޔާނުގެ ކަނާތުން އައިރާގެ ކޯތާފަތުގައި ފިރުމާލި އެވެ. އެވަގުތު ނިޔާނަށް ކުރި ސަލާމެއްގެ ގޮތުން އައިރާ ހިނިތުންވެލި އެވެ. އައިރާގެ އަތުގައި ހިފާލައިގެން ނިޔާނު އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. މައުރީން އައިސް ދޮރުކައިރީ މަޑުކޮށްލި އެވެ.

ނިޔާނު ކާރަށް އެރުމުން ދޮރޯށި ދޮށުގައި ހުރި އައިރާ އަތްހޫރާލުމާއެކު އިހުނަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އަދި ލޮލުކޮޅަށް ކާރު އޮބާލަންދެން ބަލަން ހުރެފައި ގޭތެރެއަށް ވަންނަން އުޅެނިކޮށް ދުވާރުމަތިން އެ ދިމާއަށް ހިނގާފައި އަންނަ މީހާ އައިރާއަށް ފެނުނެވެ. އެއާއެކު އޭނާ ހަނދާންވީ ރުބީނާ ފުރި ދުވަހު ސިޑި މަތީގައި ބަލަން ހުރި ދެވަންފުރައިގެ ފިރިހެންމީހާ މަތީންނެވެ. އެމީހާ އެ އަންނަނީ އެގެއަށް ވަންނަންހެން އައިރާއަށް ހީވެފައި ހަލުވިކޮށް ގޭތެރެއަށް ވަނެވެ. އަދި ސިޑީގެ ހަރުފަތްތަކުން ފުންމަމުން ކަހަލަ ގޮތަކަށް އަވަހަށް އަރައިގެން އައިސް އެޕާޓްމެންޓަށް ވަނެވެ. ކުރިން ދުވަހު ކަންތައް ކުރިހެން ދޮރުލައްޕާލުމާއެކު ތަޅުލި އެވެ. ސޯފާގައި އޮށޯވެގެން އޮތް މައުރީން މި އިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ދުވެފައި އެރުމުން އައިރާއަށް ހުރީ މާނޭވާ ލެވިފަ އެވެ. ފިނި ފެންފުޅިއެއް ހިފައިގެން އައިސް ކާމޭޒުދޮށުގައި އިށީނދެ ފެންތަށްޓެއް އެޅިއެވެ. އަދި ލަސްލަހުން ފެންފޮދު ބޮމުންދިޔައީ ނޭވާ ހަމައަކަށް އަޅުވަމުންނެވެ. އެހެން އިންދާ އައިރާއާއި މައުރީންގެ ސަމާލުކަން އަތުލީ އެޕާޓްމެންޓުގެ ބެލްއަޅާލުމުންނެވެ.

ފަހެއްޖަހާ ދިޔައީ އެވެ. އިރުއޮއްސުމާ ގާތްވެފައި ވެއެވެ. އެވަގުތު ގޭގައި ދެ އަންހެނުން އެކަނިމާއެކަނި ތިއްބާ އެޕާޓްމެންޓުގެ ބެލްއަޅާލި އަޑާއެކު އައިރާގެ ހިތްތެޅިގަތެވެ. ފެންތަށި މޭޒުމަތީ ބެހެއްޓުމާއެކު ފުންމައިގެން ތެދުވި އެވެ. މައުރީން ހުއްޓުވުމުގެ ކުރީން އެކުއްޖާ ގޮސް ދޮރުގައި ހުރި ކުޑަ ބިއްލޫރިކޮޅުގައި ލޯޖަހައިފި އެވެ. މައުރީން ދިޔަ ގޮތަށް ގޮސް ދޮރުހުޅުވާ ނުލިކަން ނަސީބެކޭ އައިރާގެ ހިތަށް އެވަގުތު އެރިއެވެ.

"ކާކު؟" އައިރާ އަހާލަންވާއިރަށް މައުރީން ނިކަން އަވަހަށް ދޮރުހުޅުވައިފި އެވެ. އެއާއެކު ގޭތެރެއަށް ވަންތަން ފެނުނީ އައިރާއަށް ފެނުނު ފިރިހެންމީހާ އެވެ. އަޅާފައި ހުރި ހެދުމުން ހީވަނީ އޭނާ އެ އައީ ރަސްމީ ކަމެއްގައި އުޅެފައި ހެންނެވެ. ފުރިހަމަ އިސްކޮޅާއި ހައިބަތު ހުރި މީހެކެވެ. އިސްތަށިތައް ފަހަތަށް ވާގޮތަށް އޮމާންކޮށް ތަތްކޮށްލާފައި ހުރިއިރު މަދުން ނަމަވެސް ހުދު އިސްތަށި ބޮލުން ފެންނަމުންދިޔައެވެ. ތުނބުޅި މަތިމަސް ވެސް ހުރީ ތުނިކޮށްލާފައެވެ.

"ކީއްކުރަނީ؟ ޓީވީ ބަލަނީތަ؟ މި ހުރީ ކޮންކުއްޖެތަ؟" އެ ފިރިހެންމީހާ މައުރީންނާ ވާހަކަ ދެއްކި އިރު އެ ދެލޮލުގައި ފިނި ކަމެއްވާކަން ގައިމެވެ. އަދި ހަމަ އެ ސިކުންތުގައި އައިރާއަށް ބަލާލި ބަލާލުން ތަފާތުވެގެން ދިޔައެވެ. އައިރާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ދެލޮލުގައިވަނީ ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރިކަމެވެ.

"އެއީ ދޮންބެގެ ވައިފް" މައުރީން އެ ފިރިހެންމީހާއާ ގަޔާ ނުވާހެން އައިރާއަށް ހީވިއެވެ. އަދި އެ މީހާ އައިރާއާ ދިމާއަށް ހިނގައިގަތުމާއެކު ބޭއިޚްތިޔާރުގައި އައިރާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ.

"ނިޔާނު މީހަކާ ވެސް އިނީތަ؟ އަހަރެން ގާތުގައި އެކަކު އެކައްޗެއް ވެސް ނުބުނާނެ... ކޮން ނަމެއްތަ ކިޔަނީ؟ އަހަރެން މީ އަމީރު... ނިޔާނާއި މައުރީންގެ ބައްޕަ" (ނުނިމޭ)