- ޔޫރަޕު ޓޫރިސްޓުން 13 ޕަސެންޓް އިތުރު
- މުހިންމު މާކެޓުތައް އަންނަނީ ރަނގަޅުވަމުން
- ފެބްރުއަރީ މަހު ޓޫރިޒަމް ރަނގަޅު ކުރިއެރުމެއް
މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 7.6 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 246،399 ޓޫރިޒަމް ޒިޔާރަތް ކުރި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 229،035 ޓޫރިސްޓުންނެވެ. މި އަދަދަކީ ގާތްގަނޑަކަށް 7.6 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި ފެބްރުއަރީ މަހު އެކަނި ބަލާއިރު ވެސް ވަނީ 2016 ވަނަ އަހަރަށްވުރެ 0.3 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެހެން އަހަރުތަކާ ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ދަށްކަމަށް ފާހަގަވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އާއްމުކޮށް ފެބްރުއަރީ މަހު އަންނަ ޗައިނީޒް އާ އަހަރު މި އަހަރު އައިސްފައިވަނީ ޖެނުއަރީ ފަހު ކޮޅާ ދިމާވުމެވެ.
ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޔޫރަޕު މީހުންނެވެ. މި އަހަރުގެ މިހާތަނަށް ޔޫރަޕުން 131،760 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތްކުރި މީހުންނާ އަޅާބަލާއިރު 13.5 ޕަސެންޓް އިތުރު އަދަދެކެވެ. މި އަހަރު އޭޝިޔާ އިން ރާއްޖެއަށް 95،626 މީހުން ޒިޔާރަތް ކުރި އެވެ.
މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތް ކުރި ވަކިވަކި މާކެޓުތަކަށް ބަލާއިރު، ޗައިނާ އާއި ޖަރުމަނު ވިލާތް އައި ސުވިޒަލޭންޑާއި ޖަޕާނުން އައި ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް އިޓަލީ އާއި އިންޑިޔާ އަދި ރަޝިޔާ އާއި އެމެރިކާގެ މާކެޓުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އިޓަލީން އައި މީހުން އަދަދު ވަނީ 28.8 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިންޑިޔާ މީހުންގެ އަދަދު 23 ޕަސެންޓް އިތުރުވީއިރު، ރަޝިޔާ މާކެޓު 40.3 ޕަސެންޓް އަދި އެމެރިކާ މާކެޓު ވަނީ 19.4 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ 700 ތަނުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭއިރު، ޖުމްލަ 37،648 އެނދު އެބަހުއްޓެވެ.