ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޖޭޕީގެ ދެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ދެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

އެ ދެ ކެނޑިޑޭޓުންނަކީ ނ. ލަންދޫ ރިލެކްސް ފަރީދާ އުމަރާއި ގއ. ވިލިނގިލީ ކޯޒީވިލާ، އިމްރާން އަންވަރު އެވެ. އެ ދެ މީހުންގެ ކެނޑިޑެންސީ ބާތިލު ކޮށްފައިވަނީ އެކަމަށް އެދި އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ.

ދެ މީހުންގެ ކެނޑިޑެސީ ބާތިލުކުރީ، ކައުންސިލް އިންތިހާބަށް ޓިކެޓް ހޯދުމަށް އެހެން ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ބަލިވުމުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރާތީ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބެއްގައި ޕާޓީއެއް ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަ ކުރުމަށް ފަހު ބަލިވެއްޖެ ނަމަ އެއްވެސް ހައިސިއްޔަތަކުން އެ މީހަކަށް އެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. މިއީ ސަރުކާރުގެ ފަރާތުން ގެނައި އިސްލާހެކެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން އިމްރާނަކީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން ލިޔުންތަކުން އެނގެ އެވެ. އަދި ފަރީދާއަކީ އެމްޑީއޭގެ ޓިކެޓް ހޯދުމަށް ވާދަކޮށްފައިވާ މީހެއްކަން ލިޔުންތަކުން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.