ބޮލީވުޑް

ޝްރަދާ ކަޕޫރުވެސް ފެޝަން ޑިޒައިނަރަކަށް

Mar 27, 2015

"އާޝިގީ 2" ގެ ކާމިޔާބީއާއެކު މަޝްހޫރުވެގެން ދިޔަ ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރު ވަނީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުން ޖާގަހޯދާފަ އެވެ.

މި ފިލްމަށްފަހު ދެން ރިލީޒްވި "އޭކް ވިލަން" ވެގެން ދިޔާއީ ޝްރަދާ ހަމައެކަނި އެކްޓްކުރި ފިލްމަކަށް ނޫނެވެ. ފިލްމުގެ އެއްލަވަ ޝްރާދާވަނީ އޭނާގެ އަމިއްލަ އަޑުން ކިޔައިދީފަ އެވެ. "ގަލިޔާ" މިލަވަ އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މިއާއެކު ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި، އެކްޓުރުމުގެ އިތުރުން ލަވަކިޔަން ފެށުމަކީ ދެން ތިބި ތަރިންނަށް ވުރެން ޝްރަދާ ކާމިޔާބުކަން ހާމަކޮށްދޭކަމެކެވެ.އެހެންކަމުން ޝްރަދާ މިހާރުވަނީ އޭނާގެ ކާމިޔާބީގެ ލިސްޓަށް އަނެއްކާވެސް އާ ފަތެއް އިތުކޮށްފަ އެވެ.

މިހާރު އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ އެމޭޒަން އިންޑިއަން ފެޝަން ވީކް ގައި އިއްޔެ ޝްރަދާ ވަނީ ފެޝަން ޑިޒައިނަ އެއްގެ ގޮތުގައި ފުރަތަމަ ފެނިލުން ދައްކާލާފަ އެވެ.

އުމުރުން 26 އަހަރުގެ ބަތަލާ ވަނީ އިއްޔެ ފެށި މި ފެޝަން ވީކްގައި އޭނާގެ ކަލެކްޝަން "އިމާރާ" ދައްކާލާފަ އެވެ.

ޒުވާން އަންހެނުންނަށް ހާއްސަ މިކަލެކްޝަން ދައްކާލަމުން ޝްރަދާ ބުނީ އޭނާގެ ކަލެކްޝަން އެންމެ ބޮޑަށް އިންސްޕަޔާ ވެފައިވަނީ ޒަމާނީ އިންޑިޔާގެ އަންހެނުންގެ ސަބަބުން ކަމަށެވެ. ޔުނިވާސަލް ސްޕޯޓްބިޒް (ޕވޓ ލޓޑ) އާއެކު އެސޯސިއޭޓްވެގެން ނެރުނު މިކަލެކްޝަން އާބެހޭގޮތުން ޝްރަދާ ބުނީ "އިމާރާ" އަކީ ޒަމާނީ އަންހެންކުދިންނާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ އިންޑިއާގެ ކެލެސިކް ހެދުންތަކެއް ކަމަށެވެ.

"އަމިއްލަ ފެޝަން ލޭބަލް އެއް އުފެއްދުން އެއީ އަބަދުވެސް ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް." ޝްރަދާ ބުންޏެވެ.

"އިމާރާ" ބްރޭންޑްގެ ހެދުންތައް އެކްސްކުލޫސިވްކޮށް އޭމޭޒަން.އިން ލިބެން ހުންނާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ މަޝްހޫރު ގިނަ ފަރާތްތަކަކުން އަމިއްލަ ފެޝަން ލޭބަލް ބާޒާރަށް ނެރެމުން އަންނަ އިރު، ބޮލީވުޑްގެ މަޝްހޫރު ބަތަލް ޝާހްރުކްޚާންގެ އަންހެނުން ގޯރީ ޚާން އާއި ޓީވީ ސީރިއަލް އަދި ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް ވަނީ އޭނާގެ އަމިއްލަ ބްރޭންޑްއެއް ބަޒާރަށް ނެރެފަ އެވެ.