ބޭރު ކުޅިވަރު

މެސީގެ އަދަބު ލުއި ކުރަން މަސައްކަތް ކުރާނަން: ޓަޕިއާ

Mar 30, 2017

ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައިވާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ސަސްޕެންޝަން ކުޑަ ކުރަން މަސައްކަތް ކުރާނެ ކަމަށް، އާޖެންޓީނާގެ ފުޓްބޯޅަ އެސޭސޯސިއޭޝަންގެ ރައީސް ކަމަށް އިއްޔެ އިންތިހާބު ވަޑައިގެންނެވި ކްލައުޑިއޯ ފަބިއެން ޓަޕިއާ ބުނެފި އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި އާޖެންޓީނާ އޮތީ، ތާވަލުގެ ފަސް ވަނައިގަ އެވެ. އެހެންވެ ކޮލިފައިންގެ ޖާގަ ހޯދުމަށް އާޖެންޓީނާ ކުރަން ޖެހޭ، މަސައްކަތް ވަނީ ދެ ގުނަ އިތުރަ ކުރަން ޖެހިފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން، މައްސަލަ އުޅޭ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ވަޑައިގެންނެވި ޓަޕިއާ ބުނީ، މިވަގުތު އޭނާގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ، މެސީއަށް ފީފާއިން ކުރިމަތި ކޮށްފައިވާ ސަސްޕެންޝަން ކުޑަ ކުރުން ކަމަށެވެ.

މެސީ، ހަތަރު މެޗަށް ސަސްޕެންޑް ކުރީ، ކޮލިފައިން ގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި، ރެފްރީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން، މެޗުގެ އޮފިޝަލުންނަށް ނިސްބަތްކޮށް ކޮށް ބޭއަދަބީ ބަހުން ވާހަކަ ދެއްކި މައްސަލައިގަ އެވެ.

ކޮލިފައިންގައި އާޖެންޓީނާއަށް އޮތީ ބާކީ ހަތަރު މެޗެވެ. މަނައަކީ މެސީއަށް ދެން މެޗު ކުޅެވޭނީ، ކޮލިފައިންގެ އެންމެ ފަހު މެޗު ގައި، އިކްއެޑޯއާ ދެކޮޅަށެވެ.

"އަހަރެމެން އެކަމަށް، ފީފާ އަށް ހުށަހަޅައިގެން މަސައްކަތް ކުރާނަން، ސަބަބަކީ މެސީ އަށް ދިން އަދަބަކީ އިންސާފެއް ނޫން،" ޓަޕިއާ ބުންޏެވެ.

ދެކުނު އެމެރިކާއިން، ކޮލިފައިންގެ ސީދާ ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. ބްރެޒިލް ވަނީ މިހާރު ވަނީ ކޮލިފައި ވެފަ އެވެ. އާޖެންޓީނާ ފަސް ވަނައިގައި އޮވެއްޖެ ނަަމަ، އެޓީމަށް ޖެހޭނީ ޕްލޭއޮފްގައި އޯޝޭނިއާ ޒޯނުން އަންނަ ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅޭ ށެވެ.