ދުނިޔެ

ހިއްސާ ވިއްކުމުގައި އިރުޝާދުދޭނެ ބޭންކްތައް އަރަމްކޯއިން ކަނޑައަޅައިފި

Mar 30, 2017

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ސައުދީ އަރަމްކޯގެ ހިއްސާ ފުރަތަމަ ފަހަރަށް ވިއްކަން ތައްޔާރުވުމުގެ ގޮތުން އެކަމުގައި މާލީ އިރުޝާދު ދޭނެ ބޭންކްތައް އެ ކުންފުނިން ރަސްމީކޮށް ކަނޑައަޅައިފި އެވެ.

އެ މުއާމަލާތާ ބެހޭ މައުލޫމާތު އެނގި ވަޑައިގަންނަވާ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ މާލީ އިރުޝާދު ދޭން އަރަމްކޯ އިން ހަމަޖައްސާފައި ވަނީ ޖޭޕީ މޯގަން އެންޑްކޯ އާއި މޯގަން ސްޓޭންލީ އާއި އެޗްއެސްބީސީ އާއި މޮއެލިސް އެންޑް ކޯ އަދި އީވްކޯ ކަމަށެވެ.

ސައުދީ އަރަމްކޯގެ ހިއްސާ ވިއްކަން ސައުދީ ސަރުކާރުން ނިންމީ ހަމަ އެކަނި ތެލުގެ ވިޔަފާރިއަށް ބަރޯސާ ކުރާ އިގުތިސާދެއްގެ ގޮތުގައި އެ ގައުމުގެ އިގިތިސާދު އޮތް އޮތުން ނިމުމަކަށް ގެނެސް އެެހެން ދާއިރާތަކުން އިންވެސްޓް ކުރާނެ ފައިސާ ހޯދުމަށެވެ. ވިއްކަން ނިންމާފައި ވަނީ އަރަމްކޯގެ ފަސް ޕަސެންޓް ހިއްސާ އެވެ. ހިއްސާ ވިއްކަން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ހިއްސާގެ ބާޒާރުގެ އިތުރުން ބޭރުގެ ހިއްސާގެ ބާޒާރެއްގައި ވެސް ހުޅުވާލާނެ ކަމަށް ރޮއިޓާސްގެ ހަބަރުގައި ބުނެފައި ވެއެވެ.

އަރަމްކޯގެ ހިއްސާވިއްކަން މާލީ އިރުޝާދުދޭ ބޭންކްތައް ކަނޑައެޅި ކަމަށް ރޮއިޓާސްއަށް ލިބުނު މައުލޫމާތު ކަށަވަރު ކުރަން އަރަމްކޯގެ އޮފިޝަލުންނާ ރޮއިޓާސް އިް ސުވާލު ކުރުމުން އެކުންފުނީގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ފެތުރޭ ވާހަކަތަކަށް އެކުންފުނިން ޖަވާބު ނުދޭ ކަމަށެވެ.