ދުނިޔެ

ތަހުގީގަށް ބެެލެވެނީ ބޯޓު ގަސްދުގައި ވައްޓާލީ ކަމަށް

Mar 26, 2015

މި ހަފުތާގަައި ފްރާންސްގެ ފަރުބަދަމަތީ ހިސާބަކަށް ވެއްޓުނު ޖާމަންވިންގްސް ބޯޓު ވެއްޓުމަކީ އެކްސިޑެންޓެއް ކަމަށް ނުބެެލެވޭ ކަމަށާއި އެ ބޯޓު ގަސްދުގައި ވައްޓާލާފައި ވަނީ އެ ބޯޓުގެ ކޯ ޕައިލެޓް ކަމަށް ބެެލެވޭ ކަމުގައި އެ މައްސަލަ ތަހުގީގުކުރާ ފްރާންސްގެ ޓީމުން ބުނެފި އެވެ.

މީގެ އިރުކޮޅެއް ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެެއްގައި ފްރާންސްގެ އޮފިޝަލުން ވިދާޅުވީ ބޯޓު 38000 ފޫޓް މައްޗަށް އެރުމުން ކެޕްޓަން ކޮކްޕިޓް ތެރެއިން ނިކުތްކަން ކޮޮކްޕިޓް ވޮއިސް ރެކޯޑާގެ އޯޑިއޯ އިން އެނގޭ ކަމަށެވެ.

ކޯޕައިލެޓާ ހަވާލުކުރުމަށް ފަހު ކެޕްޓަން ގޮނޑިން ތެދުވެ ބޭރަށް ނިކުތުމުން ކޮކްޕިޓް ތަޅުލެވުނު އަޑު ވެސް އިވޭ ކަމަށާއި އޭގެ ފަހުން ދޮރު ނުހުޅުވައިގެން ދޮރުގައި ތެޅިކަން ވެސް އެނގޭ ކަމަށް ތަހުގީގު ޓީމުން ބުންޏެވެ.

އޮފިޝަލުން ވިދާޅުވީ ބޯޓު ތިރިއަށް ދާންފެށީ އެކަން ކުރުމަށް ފިތާލަންޖެހޭ ބަޓަަނަށް ގަސްދުގައި ފިތާލުމުން ކަމަށާއި އެ އުސްމިނުގައި އެއީ ގަސްދުގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ބޯޓު އަށް މިނެޓް ތެރޭ ގޮސް ފަރުބަދައެއްގައި ޖެހުމާ ހަމަޔަށް ކޯޕައިލެޓް ކޮކްޕިޓް ތެރޭ އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވޭ. އެކަމަކު ބޯޓު ގޮސް ފަރުބަދާގައި ޖެހެންދެން ވެސް ކޯޕައިލެޓް ނޭވާލާ އަޑު އިވޭ،" ތަހުގީގު ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ޓީމުން ބުނީ ގަސްދުގައި ކުރި ކަމަކުން ނޫނީ މިހެން ނުވާނެ ކަމަށާއި އެކަމަކު މިފަދަ ކަމެއް ކުރުމުގެ ނިޔަތަކާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ބޯޓުގައި 150 މީހުން ތިބި އިރު ބޯޓު ވެއްޓެނީކަން ފަސިންޖަރުންނަށް އެނގެނީ ބޯޓު ގޮސް ފަރުބަދާގައި ޖެހުމުގެ އިރުކޮޅެއް ކުރިން ކަމަށާއި އެ ވަގުތު މީހުން ރޮއެ ހަޅޭއްލަވާ އަޑު ރެކޯޑްވެފައި ހުރި ކަމަށް ވެސް ތަހުގީގު ޓީމުން ބުންޏެވެ.

ޖަރުމަންގެ ލުފްތަންސާ އެއާލައިނުން އޮޕަރޭޓް ކުރާ މި ބޯޓް ގަސްދުގައި ވައްޓާލުމާ ޓެރަރިޒަމްއާ ގުޅުމެއް ވޭތޯ ބަލާނެ ކަމަށާއި ކޯޕައިލެޓްގެ ބެކްގްރައުންޑާ ބެހޭ ގޮތުން ޖަރުމަނުގެ އޮފިޝަލުން ވަރަށް އަވަހަށް މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ފްރާންސްގެ އޮފިޝަލުން ވިދާޅުވި އެވެ.