ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

ލީޑަރުން ކަނޑައަޅާ މަންދޫބުންނާއެކު މަޝްވަރާއަށް ދާނެ: އިދިކޮޅު

ޕާޓީތަކުގެ ލީޑަރުން ކަނޑައަޅާ މަންދޫބުންނާއެކު ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއަށް ދާން ތައްޔާރަށް ތިބި ކަމަށް ޕާޓީތަކުން ބުނެފި އެވެ. ޕާޓީތަކުން މިހެން ބުނެފައިވަނީ މަޝްވަރާއަށް މިއަދު އަނެއްކާވެސް ސަރުކާރުން ގޮވާލެއްވުމާ ގުޅިގެންނެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މިހާތަނަށް ވެސް ޕާޓީތަކުން ވަނީ މަޝްވަރާތަކަށް އެއްބާރުލުންދީފައިވާ ކަމަށާއި މިހާރު ވެސް ތިބީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެކަމުގައި ސަރުކާރުގެ އޮންނަން ޖެހޭނީ ސާފު ނިޔަތެއް ކަމަށެވެ. އަދި މަންދޫބުން ވާން ޖެހޭނީ އެ ޕާޓީއެއްގެ ލީޑަރުން ކަނޑައަޅާ މަންދޫބުން ކަމަށެވެ.

"އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އަބްދުﷲ، އެމްޑީޕީގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ޖޭޕީގެ ފަރާތުން ގާސިމް އިބްރާހިމް ކަނޑައަޅުއްވާ މަންދޫބުން ގޮސް ޕާޓީ ޓޯކްސްގައި ބައިވެރިވާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އިބޫ ވިދާޅުވި އެވެ.

މިއަދު ސަރުކާރުން ބުނެފައިވަނީ މަޝްވަރާތައް ކުރާނީ ޕާޓީތަކާއެކު ކަމަށާއި ރައީސް މައުމޫންއަކީ މިހާރު ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށެވެ. ޕާޓީތަކުގެ މަޝްވަރާއަކީ ވަކިވަކި ބޭފުޅުންނާއެކު ކުރާ މަޝްވަރާއެއް ނޫން ކަމަށް ވެސް ބުންޏެވެ.

އިބޫ ވިދާޅުވީ، އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުން ޕީޕީއެމްގެ ރައީސްއަކީ އަދިވެސް ރައީސް މައުމޫން ކަމަށާއި އެހެންކަމުން ޕީޕީއެމްގެ މަންދޫބުން ކަނޑައަޅުއްވަން ޖެހޭނީ ރައީސް މައުމޫން ކަމަށެވެ.

ޕާޓީގެ މަޝްވަރާތަކުގައި ބައިވެރިވާން ތައްޔާރަށް ތިއްބެވި ނަމަވެސް އިބޫ ވިދާޅުވީ، އެއީ މިހާރު އެ ބޭފުޅުން މާބޮޑު ސަމާލުކަމެއްދޭ ކަމެއް ނޫން ކަމަށެވެ. ޕާޓީތަކުގެ މަޝްވަރާތައް މިހާރު ވެފައިވަނީ ބޮޑު ސަކަރާތް ގަނޑަކަށް ކަމަށާއި އެއީ އިދިކޮޅު ހަރަކާތްތައް ގިނަވުން އެ ކަންކަން މަޑު ޖައްސާލަން ބޭނުން ކުރާ ވާހަކައެއް ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، އިދިކޮޅު ހަރަކާތުން އަބަދުވެސް އޮންނާނީ މަޝްވަރާއަށް ތައްޔާރަށް ކަމަށާއި މަޝްވަރާ ނުކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއަކީ ހެޔޮ ނިޔަތެއްގައި ކުރެވޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ފާރިސް ވިދާޅުވީ، އެ މަޝްވަރާތަކަކީ އިދިކޮޅު ހަރަކާތަކުގެ މަސައްކަތްތައް ކާމިޔާބުވުން ލަސްކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.