ލައިފްސްޓައިލް

މުރަނަކޮށް އަލުވި ތެލުލަން އޮތީ މިގޮތް!

ފުރަތަމަ އަލުވިތައް ނޮޅާ، ކޮށާލާށެވެ. ދެން، ލޮނު އަޅާފައި ހުރި ފިނި ފެންފޮދަކަށް އަލުވިތައް އަޅާ، 10 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. ދެން، ފެންފޮދުން ނަގާ، ފޮތި ކޮޅަކުން އަލުވިތަކުން ފެން ހިއްކާލާށެވެ.

ދެން އަލުވިތައް ތެލުލަން ހިނގާށެވެ! ފުރަތަމަ ތެޔޮގަނޑު އުދާ، ރަނގަޅަށް ހޫނުވެ ތެޔޮގަނޑުން ބޮކި އަރަންދެން މަޑުކޮށްލާށެވެ. ތެޔޮގަނޑު ހޫނު ވުމުން އަލުވި ކޮޅު އަޅާލާށެވެ. އަލުވި ތެލުލާއިރު ރަނގަޅު ގޮތަކީ މަދު އެތިކޮޅަކުން ފަހަރަކު އެޅުމެވެ. އޭރުން ތެލުލެވޭލެއް އަވަސްވެފައި، ހުރިހާ އަލުއްވެއް ވެސް އެއްވަރެއްގައި ހުންނާނެ އެވެ. ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ތަވާގައި މަތި ޖަހާފައި ބަހައްޓާށެވެ. އެއަށްފަހު ދެން ރަނގަޅަށް ތެލުލެވެން ދެން މަތި ނަގާފައި ބަހައްޓާށެވެ.

ރަގަޅަށް ތެލުލެވުމުން ޓިޝޫއެއްގެ މައްޗަށް އަޅާ ފަތުރާލާށެވެ. މިގޮތަށް ހެދުމުން ތެޔޮގަނޑުން ނަގާއިރު އަލުވީގައި ހުންނަ އިތުރު ތެޔޮތައް ޓިޝޫގެ ތެރަށް ވަދެ، އަލުވީގައި ހުރި ތެޔޮގެ މިންވަރު މަދު ވާނެ އެވެ.

މިގޮތަށް ތައްޔާރު ކޮށްލެވޭ އަލުވި، ލުއި ކާނާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ. މިއީ ކުޑަ ކުދިންނަށް ކަމުދާނެ ގޮތެއް ކަމާމެދު ކުޑަ ވެސް ޝައްކެއް ނެތެވެ.