މޯލްޑިވިއަން އައިޑޮލް

ދިވެހި ރޮކް އެންޑް ރޯލް ދިޔައީ ފޯރި ގަދަކޮށް

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ގަދަ ނުވައެއް ކުރިމަތިލުން ރޭ ވަނީ ފެނިގެންގޮސްފަ އެވެ. ގަދަ ނުވައެއްގެ ކުރިމަތިލުން ވެގެން ދިޔައީ މިހާތަނަށް އައިޑޮލްގައި ފެނިގެން ދިޔަ އެންމެ ފޯރިގަދަ ޝޯއަށެވެ.

ރޭ ބައިވެރިން ލަވަ ހުށަހަޅާފައިވަނީ "ދިވެހި ރޮކް އެންޑް ރޯލް" ތީމަށެވެ. ކުރީގެ ރީތި ފޯރިގަދަ ލަވަތަކެއް ރޭ ވަނީ އަޑު އިވިގެން ގޮސްފަ އެވެ. އެގޮތުން އިބްރާހިމް ޝަކީބާއި އިބްރާހިމް ހަމްދީ ފަދަ ބޭބޭފުޅުންގެ ލަވަތައް ރޭ އިވިގެން ދިޔަ އެވެ.

ރޭގެ ޝޯ ފަށާފައިވަނީ ހަސަން އިރުފާން (ޒަކިއްޓެ)ގެ ހުށަހެޅުމުންނެވެ. ޒަކިއްޓެ ރޭ ހުށަހަޅައިދިނީ އިބްރާހިމް ޝަކީބުގެ "އޭ އޭ ތިއޭ ނަޒަރޭ" އެވެ. ޒަކިއްޓެގެ ނެށުމާއި ހުށަހެޅުންތެރި ކަމަށް ހުރިހާ ޖަޖުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ. ދެން ފެނިގެން ދިޔައީ އައިޝަތު ޖައިޝާގެ ފޯރިގަދަ ހުށަހެޅުމެވެ. ޖައިޝާ ހުށަހަޅައިދިނީ "ދިން ހަނދާނޭ މަންތީ ރޭ ރޭ" މި ފޯރިގަދަ ލަވަ އެވެ. އެ ލަވަ ޖައިޝާއާ ވަރަށް ގުޅޭ ކަމަށް ޖަޖުން ވަނީ ބުނެފަ އެވެ.

"ދިން ނަޒަރުގާ" ލަވައާއެކު ސްޓޭޖް މަތީގައި ފޯރިގަދަ ހުށަހެޅުމެއް ދައްކާލީ އަހްމަދު ނަބީލެވެ. ނަބީލްގެ ފަރާތުން ފެނިގެން ދިޔަ ފޯރިގަދަ ހުށަހެޅުން ޖަޖުންނަށް ކަމުދިޔަ އެވެ. ތިން ޖަޖުންގެ ފަރާތުން ވެސް ސްޓޭންޑިން އޮވޭޝަން ހޯދައި އެންމެ ހިތް އުފާވެފައި ރޭ ހުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. ބޮބް ހުށަހަޅައިދިނީ، "މަގޭ މި ހިތް ރޮއްވައިފިއޭ" އެ ލަވަ އެވެ.

މަޑުމައިތިރި ލަވަތައް އާންމުކޮށް ކިޔާ އަބްދުﷲ ހިޝާން ވެސް ރޭ ވަނީ އެންމެ ހައިރާންކޮށްލައި ވަރަށް ފޯރިގަދަ ލަވައެއް ވަރަށް ފުރިހަމައަށް ހުށަހަޅައިދީފަ އެވެ. ރޭ ހިޝާން ހުށަހަޅައިދިން "ހޯދޭ މަސްތީ ލޯބި"އަކީ މިހާތަނަށް ހިޝާންގެ އެންމެ މޮޅު ހުށަހެޅުން ކަމަށް ޖަޖުން ވަނީ ބުނެފަ އެވެ.

އިބްރާހީމް ވަހީދު (ބޮޑުބެ) ރޭ ހުށަހަޅައިދިނީ، "ސަހަރޯ އޭ" އެވެ. އާންމުކޮށް ސްޓޭޖް މަތީ ވަރަށް މަޖާ ނަގާ، ބޮޑުބެ ރޭ ސްޓޭޖް މަތީ މަޑުން ހުރިއިރު ބޮޑަށް އިސްކަން ދިނީ ލަވައަށެވެ. "ޒަމާންތައް ދައުރުވާ" މި ލަވަ ރޭ ހުށަހަޅައިދިނީ ޝަމްވީލް މުހައްމަދެވެ. "ލޯބިވާ މަލާ" ހުށަހަޅައިދިނީ ހަމޫދު އަހްމަދެވެ.

ރޭގެ އެންމެ ފަހު އަދި އެންމެ ފޯރިގަދަ އެއް ހުށަހެޅުމަކީ އަހްމަދު ފަރަޝްގެ ހުށަހެޅުމެވެ. އޭނާ ހުށަހަޅައިދިނީ "މަސްތުކުރާ" އެ ލަވަ އެވެ. ޖަޖުންގެ ފަރާތުން ފަރަޝްއަށް ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވެ އެވެ.

ޖަޖުން މިހާރު ވަނީ ނުވަ ބައިވެރިންނަށް ވެސް މާކްސް ދީފަ އެވެ. މިހާރު ބޯޅަ އޮތީ ބެލުންތެރިންގެ ކޮޅުގަ އެވެ. އެންމެ ހިތް ކިޔާ ބައިވެރިޔަކަށް އަވަހަށް ވޯޓު ކުރާށެވެ. ކޮންމެ ނަންބަރަކުން ވެސް މިއަދުގެ 3:00 އާ ހަމައަށް އެންމެ ގިނަވެގެން 50 އެސްއެމްއެސް ކުރެވޭނެ އެވެ. ކަމުދާ ބައިވެރިޔާ ގަދަ އަށަކަށް ހޮވުމަށް ކުރަންޖެހޭ މަސައްކަތުގައި ބާރަށް ކުރިއަށް ދާށެވެ.