ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޕީޕީއެމް ޓީމްތައް ކެމްފޭން ދަތުރުތައް ފަށައިފި

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ދަތުރުތައް ޕީޕީއެމުން ފަށައިފި އެވެ. އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިން ދަތުރުތައް އިއްޔެ އެ ޕާޓީން ފެށީ ޕާޓީގެ ބައެއް އިސް ބޭފުޅުންނާ ވެސް އެކުގަ އެވެ. މިގޮތުން ޕީޕީއެމްގެ ކެމްޕޭން ޓީމްތައް ހއ. އަތޮޅާއި ކ. އަތޮޅާއި ހދ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅު އަދި އައްޑޫ ސިޓީއަށް ގޮސް ދަނީ ކެމްޕޭން ކުރަމުންނެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގުބާލް އާދަމް މިއަދު ވިދާޅުވީ މި ކެމްޕެއިން ދަތުރު ތަކުގެ މަގްސަދަކީ ރައްޔިތުންގެ ހާލު ދެނެގަނެ އަދި ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ކެމްޕޭނުގެ ކަންކަން ފުރިހަމަ އަށް ކުރިއަށް ގެންދިއުން ކަމަށެވެ.

ޕީޕީއެމްގެ ދަތުރު ތަކުގައި ޕާޓީގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަޑައިގެންނެވީ ހއ. އަތޮޅަށެވެ. ހދ. އަތޮޅަށް ވަޑައިގެންނެވީ ހައުސިން މިނސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މާލެ އަތޮޅުގައި ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު ޕާލިމަންޓް ގުރޫޕުެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އަދި ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދެވެ. ފ. އަތޮޅުގައި ހަރަކާތްތެރިވަނީ ޕީޕީއެމްގެ އެސްޖީ، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން 522 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.