ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި އޭނާއަށް ޗިޓް ފޮނުވައިފި އެވެ. މިދިއަ ހާފުތާގައި ވެސް ވަނީ ގާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
ފުރަތަމަ ގާސިމަށް އަންގާފައިވަނީ މިރޭ 9:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ. ނަމަވެސް ފަހުން މާދަމާ ހަވީރު 4:00 އަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވާ ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވި އެވެ.
ކުރިން ގާސިމް ފުލުހަށް ހާޒިރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުންނަށް ރިސްވަތު ދެއްވައި، ނުފޫޒު ފޯރުވިދާނެ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ. އެ ރޭ ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ އިރު ގާސިމް ފުލުހުންގެ އިދާރާގައި މަޑުކުރެއްވި އެވެ.
ގާސިމު، އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި ކުރީގެ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މިހާރު ޕީޕީއެމްގެ މަޖިލިސް މެންބަރު ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކައިރިވެފައި އޮތްވާ ސިޔާސީ ފޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.