"ދިވެހިރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގެ ކުރިމަގުގަ އަޅުގަނޑުގެ ފިޔަވަޅުތައް ހަމަ އަޅަމުން ދާނެ،" ރޭ މޯލްޑިވިއަން އައިޑޮލްއިން ވަކިވާން ޖެހުނަސް އޭނާގެ އަޒުމަށް އެއްވެސް ގުޑުމެއް ނާންނަކަން ހާމަކުރަމުން ހަސަން އިރުފާން ނުވަތަ އެންމެންގެ ނަމުން ނަމަ ޒަކިއްޓެ ބުންޏެވެ.
އައިޑޮލްގެ ގަދަ އަށަކުން ޖާގައެއް ނުލިބި ރޭ ޒަކިއްޓެއަށް އައިޑޮލްގެ ސްޓޭޖުން ފައިބަން ޖެހުނުއިރު އޭނާގެ ހުވަފެންތަކަކީ ކޮބައިކަން ދަސްވީ އެ ސްޓޭޖުންނެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރު ލިބުނީ އެ ސްޓޭޖުންނެވެ. ނަމަވެސް އެ ހުވަފެންތަކާއެކު ޒަކިއްޓެ ކުރިއަށް ދާނީ ކުޑަ ބްރޭކަކަށްފަހު އެވެ.
"ފިއުޗާ ޕްލޭންސްގަ އަދި އިނީ ކުޑަ ބްރޭކެއް ނަގާލުން، މަހެއްހާ ދުވަހަށް މޫދުގަ އުޅެން، ބްރޭކަށްފަހު ލަވަ ކިޔުމައިގެން ކުރިއަށް ދާނަން،" ޒަކިއްޓެ ބުންޏެވެ.
މޫދާއި ލަވަ ކިޔުމަކީ ޒަކިއްޓެގެ ހަޔާތުގެ ބޮޑު ހިއްސާވާ ދެ ކަމަށްވާއިރު އައިޑޮލްއިން ޒަކިއްޓައަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފަ އެވެ. ލަވަ ކިޔުމުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. މީހާގެ އުޅުން ރަނގަޅުކުރުމަށާއި ރަނގަޅު އަހްލާގެއް ވަނީ ދަސްވެފަ އެވެ. ޒަކިއްޓެ ބުނަނީ ކުރިން އުޅުނު އުޅުމާއި އައިޑޮލްގެ ގެއިން ނިކުމެ ޒަކިއްޓެ އުޅޭނެ އުޅުން ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ.
"އައިޑޮލް ޖާނީއަކީ ހަމައެކަނި ލަވަ ކިޔުމެއް ނޫން މީހާގެ އަމިއްލަ ނަފުސު ރަނގަޅު ކުރުމަށް ވެސް ފުރުސަތު ލިބުނު ޖާނީއެއް، މީހާ ކުރިން އުޅުން ގޮތް ބާއްވާފައި، މީހާގެ ކުރިއަށް ދެން ވިސްނަންވީ،" ޒަކިއްޓެ ބުންޏެވެ. "ދަސްވި ވަރަށް ގިނަ ކަންކަން، މީހާ އަމިއްލައަށް އިންޕުރޫވްވާނެ ގޮތްގޮތާއި އަމިއްލައަށް އެޕްރިޝިއޭޓް ކުރާނެ ގޮތާއި މީހުން ކިޔާނެ އެއްޗެއްސަށް ނުވިސްނަން ޖެހޭނެ ގޮތާއި ދެން ކުޑަކޮށް ލަވަ ކިޔަން ވެސް ދަސްވި،"
ޒަކިއްޓެ ބުނީ، އޭނާއަށް އެ ހިސާބަށް އާދެވުމަކީ ބޮޑު އުފަލެއް ކަމަށާއި މިހާ ހިސާބުން ޝޯއާ ވަކިވީ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ޝޯއިން އޭނާ ދާއިރު މިހާރު ތިބި ކޮންމެ ބައިވެރިއެއްގައި ވެސް ޒަކިއްޓެގެ ކޮންމެ ވެސް ސިފައެއް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"މިހާ ހިސާބުން އަސްލު ވަކިވީއެއް ނޫން، ކޮންމެ ކުއްޖެއްގެ ގައިގަ ވެސް މިހާރު ހުންނާނެ ޒަކިއްޓެގެ ތަންކޮޅެއް އެހެންވީމަ އެއިން ކުއްޖަކު ހުރުމަކީ ހަމަ ޒަކިއްޓެ ހުރުން ކަހަލަ ކަމެއް،" ޒަކިއްޓެ ބުންޏެވެ.
ޒަކިއްޓެގެ އައިޑޮލްގެ ދަތުރު ގަދަ ނުވައަކާ ހަމައިން ނިންމާލަން ޖެހިފައިވާއިރު މި ދަތުރުގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ހަނދާން ރައްކާކުރަނީ އަގު ބޮޑު ޖަވާހިރެއްގެ ގޮތުގަ އެވެ.
"އެންމެ ބޮޑު ޝުކުރެއް ޕީއެސްއެމްއަށް ދެން އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ސަހާއަށް، ދެން އަނާ ރިޔާ އެހެން ގޮސް ހުވެނާ އަދި ހާމިން އަދި އަޅުގަނޑުގެ ލޯބިވާ މަންމަ އަދި އާއިލާގެ ހުރިހާ ކުދިން، މޯލްޑިވިއަން އައިޑޮލްގެ ޖަޖުން، ސަޕޯޓްކުރި އަދި އެސްއެމްއެސް ކުރެއްވި ހުރިހާ ބޭފުޅުންނަށް، ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންނަށް އަދި ބޭންޑަށް،"