ފިނިޕޭޖް

މަރިއާނޯ ދިވެހި ފޭލީގައި

Apr 2, 2017
1

އިޓަލީގެ މަޝްހޫރު މޮޑެލެއް ކަމަށްވާ މަރިއާނޯ ޑި ވާޔޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. މަރިއާނޯ ވަނީ ދިވެހި ފޭއްޔެއް އަނދެގެން ނަގާފައިވާ ފޮޓޯއެއް އެތައް ބަޔަކު ފޮލޯކުރާ އޭނާގެ އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓްގައި އިއްޔެ ހިއްސާކޮށްފަ އެވެ.

މަރިއާނޯ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރުމަށް އިހުތިޔާރުކޮށްފައިވަނީ ފުރަވެރި ރިސޯޓެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މަރިއާނޯ ވަނީ ރާއްޖޭގެ ހައިޑްއެވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ.

މިފަހަރު މަރިއާނޯ ރާއްޖެ އައީ އޭނާގެ ދަރިފުޅަށް ހަތަރު މަސް ފުރުމުގެ އުފާ ފާހަގަ ކުރާށެވެ. މަރިއާނޯ ވަނީ އޭނާ ދަރިފުޅަށް ހަތަރު މަސް ފުރުމުގެ އުފާ ފާހަގަކުރާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. ދިވެހި ފޭލި އަނދެގެން މަރިއާނޯ ނަގާފައިވާ ފޮޓޯގައި ވެސް އޭނާ ހުރީ ދަރިފުޅު އުރާލައިގެންނެވެ.

މީގެ އިތުރުން ވެސް މަރިއާނޯ ވަނީ ގިނަ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އަދި ރާއްޖޭގެ ހިތްގައިމުގެ ޖާދޫގައި ވަރަށް ރަނގަޅަށް ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

މަރިއާނޯ އަކީ ދުނިޔޭގެ މަޝްހޫރެއް އެތައް ބްރޭންޑެއް އިސްތިހާރު ކުރަމުންދާ މޮޑެލެކެވެ. މުޅި ދުނިޔެ ވެސް ލޯބިކުރާ މަރިއާނޯ އިސްތިހާރުކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ބްރުނެލޯ، ހޫގޯ ބޮސް، ކަވާލީ، ގުޗީ، ކުސިނެލީ ފަދަ ބްރޭންޑްތައް ފާހަގަ ކޮށްލެވެ އެވެ.