(30 މާރިޗު 2017 އާ ގުޅޭ)
"ނިޔާނު މީހަކާ ވެސް އިނީތަ؟ އަހަރެން ގާތުގައި އެކަކު އެކައްޗެއް ވެސް ނުބުނާނެ... ކޮންނަމެއްތަ ކިޔަނީ؟ އަހަރެން މީ އަމީރު... ނިޔާނާއި މައުރީންގެ ބައްޕަ"
"މަންމަ ހޯދަންތަ ތި އައީ؟ މަންމަ ނޫޅޭ ގެއަކު" އައިރާއަށް ހަރަކާތެއްކޮށްލަން ނޭނގިފައި ހުއްޓާ މައުރީން ވާހަކަދެއްކިއެވެ.
"އެހެންތަ؟ ކޮންތާކު މަންމަވީ؟ ރީން ނުފެންނަތާ ވެސް ހާދަ ދުވަހެއްވެއްޖޭ... ތިހެން އުޅޭއިރު އެއްފަހަރު ނަމަވެސް ބައްޕަ އުޅޭ ބަޔަށް ދަރިފުޅު ވަދެލާނަމަ... ރީންގެ ކިޔެވުން ކިހިނެއް ކުރިއަށް ދަނީ؟ މިފަހަރު ދެން ވަދެވުނީތީ ނިޔާނުގެ އަންހެނުންނާ ބައްދަލުކޮށްލާފައި ދާނީ... އޭރުން ދެން ދިމާވިޔަސް އަހަރެން މީ ކާކުކަން އެނގޭނީ" އަމީރު ކުރިއަށް ޖެހިލާ އައިރާއަށް ހިނިތުންވެލަމުން ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އެ އަތުގައި ނުހިފާ ހުންނާކަށް އައިރާއަކަށް ނުކެރުނެވެ. ކިތަންމެ ޖެހިލުންވިޔަސް އަމީރަކީ ނިޔާނުގެ ބައްޕައަށް ވީއިރު އޭނާއަށް އިޚުތިރާމުކުރަން ޖެހޭނެއޭ އައިރާގެ ހިތް ބުނީއެވެ. ދެރައީ ނިޔާނު ވެސް އޭނާގެ ބައްޕަގެ ވާހަކަ ދެފަހަރެއްގެ މަތިން ނޫނީ އައިރާގެ ގާތުގައި ދައްކާފައި ނުވާތީއެވެ. އެވެސް އަމީރަކީ ކޮންކަހަލަ މީހެއްކަމެއް ނުބުނެއެވެ. އައިރާ ސަލާމްކޮށްލިތަން މައުރީން ބަލަން ހުރީ ފާޑަކަށެވެ. އެކަމާ ވެސް އައިރާގެ ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.
"އަނގައިން ވެސް ނުބުނާނަންތަ؟ އަހަރެންމީ ނިޔާނުގެ ބައްޕައޭ ބުނީމެއްނު... ޤަބޫލުނުކުރެވުނީތަ؟"
"ޤަބޫލުކޮށްފިން... ބައްޕަ!... އިށީންނަންވީނު... ޖޫސް ނޫނީ ކޮފީ ގެނެސްދެންތަ؟" ހާސްކަމުގެތެރޭ ދެއަތްދެއަތާ މޮޑެމުން ކޮށިގޮތަކަށް އައިރާ ވާހަކަދެއްކިއެވެ.
"އަލްޙަމްދުލިއްލާހި!" ނިކަން ހިނިއައިސްފައި އަމީރު ބުންޏެވެ. އެހިނދު މައުރީނާއި އައިރާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. އައިރާއަށް ބަލާލާފައި އަނެއްކާ ވެސް އަމީރު ހޭންފެށިއެވެ. ވީގޮތެއް ބުނާކަށް މައުރީނާއި އައިރާއަކަށް ނޭނގުނެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު އަމީރަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.
"ގޭގެ ބިންގާ ރަނގަޅުވެދާނޭ ކަމުގެ ހެޔޮ ފާލެއް... އަހަންނަށް ޔަގީން ނިޔާނުގެ އަންހެނުންނާ މެދު ރުބީނާ ހިތްހަމައެއް ނުޖެހޭނެކަން" އަމީރު ހެމުން ހެމުން ބުނި ވާހަކައިން އިތުރަށް އައިރާ ހައިރާންވިއެވެ. ރުބީނާއަށް އައިރާ ކަމުނުދާކަން އަމީރަށް އެނގުނީ ކިހިނެއްބާއޭ އައިރާގެ ހިތަށް އެރީއެވެ. މައުރީން ވެސް ބަލަން ހުރި ގޮތުން ހީވަނީ އަމީރު ދެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހުރި ހެނެވެ.
"އެންމެފަހުން ނިޔާނު އެވީ އަހަރެންގެ ދަރިއަކަށް... ވަރަށް ވިސްނުން ރަނގަޅު... އޭނާގެ ހިތްވަރަށް ހަމަ ސާބަސް... ދަރިފުޅުގެ އަތުން މިއަދު ފެންތަށްޓެއް ދިނަސް ދާނީ އެ ބޮއެގެން... އަވަހަށް ގެނޭ" އަމީރު އައިސް ސޯފާގައި އިށީނެވެ. އޭރު ވެސް އޭނާ ހުރީ ނިކަން ބޮޑަށް ހިނިއައިސްފައެވެ. މިވަނީ ކިހިނެއްކަން ނޭނގި އަމީރުގެ ހަރަކާތްތަކަށް ބަލަން މައުރީން ހުރި ފިޔަވަޅު މަތީ ހުރީއެވެ.
އަމީރު ބުނިއެއްޗެއް އައިރާއަކަށް ފަހުމެއްނުވިއެވެ. އޭނާ އެބުނީ ފެންތަށްޓެއް ގެންނަން ކަމެއް ނޫނީ އެހެން އެއްޗެއް ދޭށޭ ކަމެއް ނޭނގެއެވެ. ވިސްނަވިސްނާފައި ކޮފީތަށްޓަކާއި ފެންތަށްޓެއް ތަބަކަށް ލައިގެން ހިފައިގެން އައިސް ސޯފާ ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒުގައި ބަހައްޓައިފިއެވެ. އެއާއެކު އަމީރު ކުރިއަށް ޖެހިލާ ކޮފީތަށި ނަގާ އެއިން އެތި ފޮދު ބޯންފެށިއެވެ.
"ރުބީނާ ކޮންތާކުވީ؟" ހިތްހަމަޖެހިފައި އިންހެން އަމީރު އަހާލީ މައުރީންގެ ގާތުގައެވެ.
"ލަންކާގައި" މައުރީން ދިން ޖަވާބުން އަމީރު ދެބުމަ ހިއްލާލިއެވެ.
"ކޮންއިރަކުން ނިޔާނު ގެއަށް އަންނާނީ" މިފަހަރު އަމީރު ސުވާލުކުރީ އައިރާއާއެވެ.
"ނިޔާނު... ނިޔާނު މިއަދު ފުރައިފި" ވާހަކަދައްކަން އުނދަގޫވެފައި ހުރި އައިރާ ބުނެލިއެވެ.
"ކޮންތާކަށް؟" އަމީރު އަހާލިއެވެ.
"ދޮންބެވީ އޮފީސްކަމަކު ރާއްޖެތެރޭގައި... ކުއްލިއަކަށް ބައްޕަ މާ ސުވާލު ގިނަވީ ކިހިނެއްވީ؟ އެހެންޏާ މިބަޔަށް ތިގޮތަށް ވަދެއެއް ނޫޅޭ" މައުރީން ހިތްހަމަނުޖެހިފައި ހުރިކަން އަމީރަށް އަންގާލިއެވެ.
"ރީންއަކީ މިހާރު ކުޑަކުއްޖެއްނޫން. ބައްޕަ މީގެ ކުރިން މިބަޔަށް ވަދެ ނޫޅެނީ ކީއްވެކަން އެނގޭނެ. މިބަޔަށް ވަނަސް މަޑުކޮށްލާހިތް ވެސް އަސްލުނުވޭ... ބައްޕަ އާދޭސްކުރީމަ ވެސް ރީން ތި ހުންނަނީ ބައްޕަގެ ބަޔަށް ނާންނާކަށްނު... އެނގޭ ކީއްވެކަން ވެސް... ސުވާލު ނުކުރަނީ އެހެންވެ... އަހަންނަށް ހަމަގައިމު ވެސް ނިޔާނުގެ ހޮވުން ވަރަށް ކަމުގޮސްފި... އުޅުން ހުރި، މީހުންނަށް އިޚްތިރާމުކުރަން އެނގޭ އަންހެނުން އަހަންނަށް އަބަދުވެސް ކަމުދޭ... އަންހެނެއްވެއްޖެއްޔާ މަޑުމައިތިރިކަމާއި ލަދުވެތިކަމާއި ކިޔަމަންތެރިކަން ހުންނަން ވާނެ... ބާރުއަޑުން ވާހަކަދައްކާ ބުނާ ކޮންމެ އެއްޗަކަށް ޖަދަލުކުރުމަކީ އަންހެނުންގެ ސިފައަށް ލިބޭ އުނިކަމެއް" ނުސީދާކޮށް އައިރާއަށް އަމީރު ތަޢުރީފު ކުރަމުން ދިޔަ ކަހަލައެވެ. އޭނާގެ ޅީދަރިއެއްގެ ގައިގާ ހުންނަން ބޭނުންވާ އެތައް ސިފައެއް އޭނާއަށް އައިރާގެ ފުށުން ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނިގެން ހިނގައްޖެއެވެ. އޭނާ ރުބީނާއާއި ދަރީން އުޅޭ އެޕާޓްމެންޓަށް އަންނަ ފަހަރަކު ވެސް އިށީންނާށޭ ވެސް މީހަކު ނުބުނެއެވެ. އަމީރަކީ ކުދީންގެ ބައްޕައަށްވާއިރު އޭނާއަށް ރުބީނާ ނުކުރި ޤަދަރެއް ދަރީން ނުކުރާނެކަން އަމީރު ޤަބޫލުކުރެއެވެ. ދަރީން ވެސް އޭނާގެ މައްޗަށް ހިތްނުބައިވަނީ ރުބީނާގެ ސަބަބުންކަމުގައި އަމީރު ޤަބޫލުކުރެއެވެ. އައިރާގެ ފަރާތުން އޭނާއަކީ ރާއްޖެތެރެއަށް ނިސްބަތްވާ ކުއްޖެއްކަން އެނގުނު އިރު ރުބީނާ ފަދަ އަންހެނަކަށް އައިރާ ނުވާނެކަމުގެ އެތައް ލިސާނެއް އެ އަންހެންކުއްޖާގެ ހަރަކާތްތަކުން އަމީރަށް ފާހަގަވިއެވެ. އޭނާ އުފާވީ އެހެންވެއެވެ. ދަރީންގެ މުސްތަޤުބަލާ މެދު ފިކުރުބޮޑުވެފައި ހުއްޓާ އޭނާގެ ސިކުނޑިއަށް ލުޔެއް ލިބިގެން ހިނގައްޖެއެވެ.
ކޮފީތަށި ހުސްކޮށްލުމަށްފަހު ފެންތަށިން އެތިފޮދެއް އަމީރު ބޯލިއެވެ. އަދި ހިނިތުންވެލުމާއެކު އަދިވެސް އެއްފަހަރު އައިރާއަށް ކިޔާ ނަން އޮޅުން ފިލުވާލިއެވެ. އަދި ތެދުވެގެން އެޕާޓްމެންޓުން ނުކުންނަން ދަމުން ސަލާމްކޮށްލާފައި ކޮންމެވެސް ދުވަހަކުން އަމީރު އުޅޭ ބަޔަށް އަންނަންވާނެކަމުގައި ބުންޏެވެ. އައިރާއާ ބައްދަލުކޮށްދޭން ބޭނުންވާ ބަޔަކު އެބަތިބިކަމުގައި އަމީރު ބުންޏެވެ. އެހެންނަމަވެސް އެއަށްވުރެ އިތުރަށް އޭނާ ނުބުނެއެވެ. ހިނިތުންވެލައިގެން ހުރެ އެޕާޓްމެންޓުން ނުކުމެ ދޮރުލައްޕާލިއެވެ. އެހިނދު ދުވަމުން ކަހަލަ ގޮތަކަށް މައުރީން ގޮސް ދޮރު ތަޅުލައިފިއެވެ.
"އެއީ މައުއާއި ދޮންބެގެ ބައްޕަތަ؟ ރިއަލްކޮށް ވެސް" އައިރާ އަހާލިއެވެ.
"ޔާ! ނަމެއްގަ... ހުރިހާ ކަމެއް ކޮށްދޭނީ ދޮންބެ... ބައްޕައަށް އަހަރުމެންނަށް ޚަރަދުކުރަންވީމަ ނުހުންނާނެ ފައިސާއެއް" މައުރީން ބުނި އެއްޗަކާ މެދު އައިރާ ވިސްނާލިއެވެ. އޭނާ އަމީރު ކޮފީބުއި ތަށްޓާއި ފެންތަށި ލައިފައި ހުރި ތަބަށް ހިފައިގެން ސިންކު ދޮށަށް އައެވެ.
"މައު ބައްޕަ އުޅެނީ އެހެންމީހަކާ މެރީކޮށްގެން ދޯ"
"އާން! ވަރަށް ހެޔޮއެދޭ ކަމަށް ހެދިގެން އުޅޭނީ... އަދި އެންމެ ފޫހިވަނީ ބައްޕައަށް އޭނާގެ ދަރިއަކު ހުންނާތީ... އެކުއްޖާ ނެތްނަމަ ޢާއިލާގެ އެންމެ ކުޑަކުއްޖަކަށްވާނީ އަހަރެން... އެވެސް ގާލްއެއް ނޫނީ ނޭނގުން އެ އަންހެންމީހާއަށް ހޯދާކަށް... ހާދަ ފޫއްސެއްވެޔޭ... މަންމަ ބުންޏޭ އެމީހާ ބޭނުންވަނީ ބައްޕަ ގާތުގައި ކުޓުވައިގެން މަންމަ މިގެއިން ނެރެލާށޭ... އެހެންވެ މަންމައޭ ކިޔައިގެން ދޮގުވާހަކަ ދައްކަނީ" ފޫހި ރާގަކަށް މައުރީން ވާހަކަދައްކަމުން އައިސް ސޯފާއަށް ޖެހިގަތެވެ. އޭނާގެ ވާހަކަ ހުރިގޮތުން އަމީރާއި ރުބީނާއާ ދެމެދުގައި ހިނގާފައި ހުރި ކަންތައްތައް މައުރީނަށް ނޭނގޭހެން އައިރާއަށް ހީވިއެވެ.
ނިޔާނު ގުޅާނޭ އިރެއްގެ އިންތިޒާރުގައި ހުރި އައިރާއަށް ފޯނުކޯލު އައީ ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށެވެ. މިފަހަރު ނިޔާނާއެކު ދަތުރުގައި ބައިވެރިވީ ޖުވައިނެއްނޫނެވެ. އެ އޮފީހުގައި މަސައްކަތް ކުރާ އެހެން ކުއްޖެކެވެ. ނިޔާނު ގުޅީ އެމީހުން ތިބެން ހަމަޖެހިފައިވާ ގެއަށް ގޮސްފައެވެ. އަދި ފޯނުކޯލު ކުރުކޮށްލީ ސަލާމަތުން ރަށަށް އާދެވުނުކަން އަންގާލަން ކުރި ކޯލެއްވީމައެވެ. ހަމަޖެހިގެން އައިރާއާ ވާހަކަދައްކަން އަދި ގުޅާނަން ކަމުގައި ނިޔާނު ބުންޏެވެ.
* * * *
ރުބީނާ ރަށުގައި ނެތްކަން އެނގި އެ އެޕާޓްމެންޓަށް އަމީރު ވަންނަލެއް ގިނަވިއެވެ. ބައެއްފަހަރަށް ޅީދަރިފުޅު ކައްކާފައި ހުންނަ އެއްޗެހި ކައި ހަދައެވެ. ނަމަވެސް މައުރީނަށް އަމީރުގެ ޢަމަލުތަކުން އިތުރަށްވީ އުނދަގުލެވެ. އަމީރު އެ އެޕާޓްމެންޓަށް އެއްވެސް ބޭނުމެއްނެތި ވަނުމަކީ މައުރީން ރުހޭކަމެއްނޫނެވެ. އެކަން ދޭތެރެއަކުން އަމީރަށް އަމާޒުކޮށް މައުރީން ދޫކޮށްލާ ބަސްތަކުން ޚުދު އަމީރަށް ވެސް އެނގެއެވެ. އެހެންނަމަވެސް އޭނާ އެކަމަށް ފަރުވާލެއް ބަހައްޓާހެނެއް ހިޔެއްނުވެއެވެ.
ލަންކާގައި ދެ ހަފްތާ ހޭދަވެގެން ދިޔައިރު ރުބީނާ ހުރީ ވަރަށް އުފަލުންނެވެ. ޤައިސްއާއެކު އެއްވެސް މީހެއްގެ އުނދަގުލެއް ނުފޯރާ މިނިވަންކަމާއެކު ބައްދަލުވުންތަ ބޭއްވި އެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމުންނެވެ. ރުބީނާ މާލެ އަންނަން ފުރުމުގެ ކުރިން ޤައިސް އެމެރިކާއަށް ދާން ފުރިއެވެ. މާލެ އައިސް ރުބީނާއާ ބައްދަލުކޮށް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފައި އޮތްކަމުގައި ޤައިސް ބުންޏެވެ. އެހެންވެ އޭނާއަށް މާލެ އާދެވުމުން ރުބީނާއަށް ގުޅާނަން ކަމުގައިވަނީ ބުނެފައެވެ. އެ ފޯނުކޯލަށް އެ ވަގުތުން ފެށިގެން ރުބީނާ އިންތިޒާރުގެ ގަޑިތައް ގުނަންފެށިއެވެ.
ވަޖީހުއާއި ސަލްމާ އެ މީހުންގެ ޕްރައިވެޓް ކާރުގައި ރުބީނާ ގޮވައިގެން އައިސް ޝަބްނަމްވާދީ ގޭގެ އުތުރުބަޔަށް ވަންނަ ދޮރޯށްޓާ ކުރިމަތިވާނޭހެން ކާރު މަޑުކޮށްލިއެވެ. ފަހަތު ސީޓުގައި އިނދެފައި ރުބީނާ ފޭބުމުން އޭނާގެ ފޮށި ކާރު ދުއްވަން އިން ވަޖީހު ފައިބައިގެން އައިސް ނަގައިދިނެވެ. އެމީހުންގެ މަންޒަރިލަށް ދިއުމަށް ޓަކައި ކާރު ދުއްވާލުމުން ދެއަތުން ފޮށީގެ އަތްގަނޑުގައި ހިފައި އުފުލާލައިގެން ގޭތެރެއަށް ރުބީނާ ވަނެވެ.
"އަމީރު! މިތާ ކީއްކުރަނީ؟" އެޕާޓްމެންޓުގެ ދޮރުހުޅުވާލާފައި ރުބީނާ ވަންއިރު ހުރީ ވަރުބަލިވެފައެވެ. އެކަނިމާ އެކަނި ބަރު ފޮށި ހިފައިގެން ސިޑިން އަރަންވީމައެވެ. އެހެންނަމަވެސް ވެފައި ހުރި ވަރުބަލިކަމަށްވުރެ އޭނާގެ އެޕާޓްމެންޓުގެ ސިޓިންރޫމު ކޮޅުގައި ހުރި ސޯފާއެއްގައި ހަމަޖެހިލައިގެން ކޮފީ ބޯން އިން އަމީރު ފެނި ރުބީނާއަށް ލިބުނު ސިހުމުން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ.
"އަހަރެންނަށް ޅީދަރިއަކު ލިބުނުކަން އެނގުނީމަ އޭނާގެ އަތުން ކޮފީއެއް ބޯލަން ވަނީ... ކޮންތާކު އުޅެފައި ތިއައީ؟ ލަންކާގައި؟ ކާކާ އެއްކޮށް؟" ރުބީނާއަށް އަމީރު މުޚާޠިބުކުރިއިރު ހުރި ރާގުން އައިރާއާއި މައުރީންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
"އަހަރެން ކޮންމެ މީހަކާއެކު ކޮންމެ ތަނެއްގައި އުޅުނަސް އަމީރަށް ކޮން ބެހޭކަމެއް... މިތަނުން ހަމަމިހާރު ނުކުމޭ... އަހަރެން ނެތީމަ އެކަމުގެ ފައިދާގަނޑެއް ނަގާލަންތަ ތި އުޅެނީ... ނޫނީ ބަލާލަން ރީތި، ދޮން، ޅަ އަންހެންކުއްޖަކު ފެނިގެންވަނީ ދޯ" އަމީރުގެ ރާގު ހުރިގޮތުން ރުބީނާ ވަގުތުން ރުޅި އައިސް ރަތްވިއެވެ. ދެ ލޯ އަޅާލިއިރު ހީވީ އެ ދެލޮލުން ކަނިބުރައިގެން ހިނގައިދާނެހެނެވެ.
"ރުބީނާ... އެއީ މަގޭ ނިޔާނުގެ އަންހެނުންނޭ" އަމީރު ނިކަން ބާރަށް ރުބީނާގެ ނަމުން ހަޅޭލަވައިގަތެވެ. އައިރާ އަވަސް އަވަހަށް އެތަނުގައި ނުހުންނަން ވެގެން މައުރީންގެ އަތުގައި ހިފާ ދަމާލަމުން އެތެރެއަށް ދާން އިޝާރާތްކުރިއެވެ. އެހެންނަމަވެސް މައުރީން ވެސް ދެއަތްއުރާލައިގެން ނުރުހިފައި ހުރީ އަމީރަށް ބަލާށެވެ. އައިރާ އަވަސް އަވަހަށް އެތެރެއަށް ވަދެގެން ދިޔައީއެވެ. އަމީރަށް އެ މަންޒަރު ފެނުނެވެ. އޭނާ ވެސް ރުބީނާއާ ޒުވާބުކުރަން ބޭނުންނުވީ އައިރާ ލަދުގަންނަވަރުގެ އެއްޗެހި ރުބީނާގެ ދުލުން އެއްވެސް ވިސްނުމެއްނެތި ބޭރުކޮށްލާކަށް ވެސް އޭނާ ފަހެއްނުޖެހޭނެކަން އެނގޭތީއެވެ. ރުޅި އައިސްފައި ހުރިކަން އަމީރު ދައްކާލީ ބިއްލޫރި މޭޒުމަތީ ބާރަށް ކޮފީތަށި ބަހައްޓާލަމުންނެވެ. އަދި މަޑުނުކޮށް ވަގުތުން އެ އެޕާޓްމެންޓުން ނުކުމެގެން އޭނާ ދިޔައެވެ.
ރުބީނާއަށް ރުޅިގަނޑު މައިތިރި ކުރެވުނީ އައިރާއާ ދިމާއަށް ވެސް އެއްޗެހި ގޮވާލާފައެވެ. ނިޔާނާއި ރުބީނާ ނެތްވަގުތެއް ބަލާފައި އެ އެޕާޓްމެންޓަށް އަމީރު ވެއްދީ ކޮން ބޭނުމަކުތޯ ރުބީނާ ސުވާލު އުފެއްދިއެވެ. ހަމަ އެގޮތަށް އެ ސުވާލުތަކަށް ރުބީނާ ޖަވާބު ވެސް ދެމުންދިޔައެވެ. މުޅި ގޭގެ ވެރިއަކީ އަމީރަށް ވާތީ ނިޔާނު ނެތްވަގުތެއް ބަލައި އަމީރަށް ފަރިދައްކަނީކަމުގެ އިލްޒާމު އައިރާގެ ބޮލުގައި ރުބީނާ އެޅުވިއެވެ. އެ ހުރހާ އަޑެއް އަހަން ކޮޓަރީގައި ހުރި އައިރާ ވަގުތުން ފެންކަޅިވިއެވެ. ރުބީނާ އެ ދައްކަނީ ކިހާ ހުތުރު ވާހަކައެއްކަން އައިރާގެ ހިތަށް އަރަމުންދިޔައިރު އެ ފަދަ އަޑެއް ނިޔާނަށް އިވިއްޖެނަމަ ވާނެ ގޮތަކާމެދު އައިރާއަށް ވިސްނުނެވެ. އައިސްފައި ހުރި ގަދަ ރުޅީގައި ކޮޓަރިއަށް ރުބީނާ ވަދެދާނެކަމުގެ ބިރާއެކު އައިރާ އިނީ ދޮރުތަޅުލައިގެން ދޮރުފަތުގައި ލެނގިލައިގެންނެވެ. (ނުނިމޭ)