ހަބަރު

ސާކްގެ ތައުލީމީ ދާއިރާ ވެރިންގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ސާކް ގަައުމު ތަކުގެ ތައުލީމީ ދާއިރާގެ އިސްވެރިންގެ ބައްދަލުވުން، ކޮމިޓީ އޮފް ހެޑްސް އޮފް ޔުނިވާސިޓީ ގްރޭންޓްސް ކޮމިޝަންގެ 11 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި އެވެ.

މި އަދު ބަނޑޮސް ރިސޯޓްގައި ހެނދުނު ފެށީ މި ބައްދަލުވުމަކީ ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާގެ އިސްވެރިންގެ މެދުގައި ދާއިރާ ކުރިއަރުވޭނެ ގޮތްތަކާާ މެދު މަޝްވަރާ ކުރުމަށް މިއަދާއި މާދަމާ ކުރިޔަށް ގެންދާނެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަތީ ތައުލީމް ހާސިލް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކޮށް ފަސޭހަ ގޮތެއްގައި މަތީ ތައުލީމުގެ ފުރުސަތުތައް މެމްބަރު ގައުމުތަކުގެ ޔުނިވާސިޓީ ތައް މެދުވެރިކޮށް ހޯދައިދެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ އެވެ. -- މިއީ މި ބައްދަލުުން ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

މި ބައްދަލުވުން މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް ޝިހާމެވެ. އެކަމަނާ މިއަދު ވިދާޅުވީ ރާއްޖޭގައި ޔުނިވާސިޓީ ތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މި ސަރަހައްދުގެ އެހެން ގައުމުތަކާ އެއްފަންތި އަކަށް ގެންދަން ކުރެވޭނެ މަސައްކަތް ތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. މަތީ ތައުލީމު ފޯރުކޮއްދިނުމަށް ސަރަހައްދީ ގައުމުތަކުން ގެންގުޅޭ އޮނިގަނޑުން އިބްރަތް ހޯދާ ރާއްޖޭގެ ޔުނިވާސިޓީ ސެޓްފިކްޓްތަކަކީ ބައިނަލްއަގުވާމީ ގޮތެއްގައި ބަލައިގަނެވޭ ސެޓްފިކެޓް ތަކަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓާގެ ވަހަކަ ފުޅުގައި ސާކުން މެމްބަރު ގައުމު ތަކަށް ދެމުން އަންނަ ސްކޮލާޝިޕް ފުރުސަތުތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެ ފުރުސަތުތަކާއެކު ތައުލީމީ ދާއިރާއިން ސާކް ގައުމުތަކުގެ ގުޅުން ތައް ވަރުގަދަވާ ކަމަށާއި ފަހުގެ ޓެކްނޮލޮޖީގެ އެހީ ގައި ދުރުގައި ތިބެގެން ތައުލީމް އުނގެނެވޭނެ މަގު ފަހި ކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.