ވިޔަފާރި

ޒަމާންވީ އިޓަލީ މާކެޓުން ބޮޑު ކުރިއެރުމެއް!

Apr 3, 2017
1
  • އިޓަލީން 28 ޕަސެންޓް މަތި
  • ޗައިނާ މާކެޓު ހީނަރުވެ 4 ޕަސެންޓް ދަށް
  • އިނގިރޭސި ޓޫރިސްޓުންގެ އަދަދު އިތުރުވި

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޒަމާންވީ ގައުމު ކަމަށްވާ އިޓަލީވިލާތުން މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މި އަހަރުގެ މިހާތަނަށް (ޖެނުއަރީ-ފެބްރުއަރީ) މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިޓަލީން 23،294 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރީ 18،081 ޓޫރިސްޓުންނާ އަޅާބަލާއިރު 28.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ފެބްރުއަރީ މަސް ވަކިން ބަލާނަމަ މި އަހަރު 11،215 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 9،253 މީހުންނެވެ. މި އަދަދަކީ 21.2 ޕަސެންޓް އިތުރު އަދަދެކެވެ.

އިޓަލީ ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ދިޔައިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓަކު އައި ގައުމެކެވެ.

އިޓަލީގެ އިތުރުން މިދިޔަ މަހު އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އިނގިރޭސިވިލާތުން މި އަހަރުގެ މިހާތަނަށް 19،025 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 18،331 މީހުންނެވެ. މި އަދަދަކީ 3.8 ޕަސެންޓް އިތުރު އަދަދެކެވެ.

ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ޔޫރަޕު މީހުންނެވެ. މި އަހަރުގެ މިހާތަނަށް ޔޫރަޕުން 131،760 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތްކުރި މީހުންނާ އަޅާބަލާއިރު 13.5 ޕަސެންޓް އިތުރު އަދަދެކެވެ.

ޔޫރަޕު މާކެޓު ރަނގަޅުވިނަމަވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓު އަދިވެސް ފެންނަނީ ހީނަރުކޮށެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 54،932 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 57،571 މީހުންނެވެ. މިއީ 4.6 ޕަސެންޓް ދަށްވުމެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރުވެސް ރާއްޖޭން ދަނީ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ. މި އަހަރު ރާއްޖޭން ބައިވެރިވެފައިވާ ބޮޑެތި ފެއާތައް ކަމަށްވާ ޖަރުމަނުގައި ބޭއްވި އައިޓީބީ ފެއާ އާއި ޗައިނާގެ ކޮޓަމް ފެއާ ހިމެނެ އެވެ.