ވިޔަފާރި

ގެސްޓްހައުސް އިސްތިހާރު ކުރަން ގިނަ ފެއާތަކަށް!

Apr 3, 2017

ރާއްޖޭގެ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރި އިޝްތިހާރު ކުރަން އެއް ފަހަރާ ގިނަ ފެއާތަކެއްގައި ބައިވެރިވެއްޖެ އެވެ.

ގެސްޓްހައުސް އިޝްތިހާރު ކުރުމަށް ހަރަކާތްތެރިވާ، މޯލްޑިވްސް ގެޓަވޭސް އިން ގެސްޓްހައުސް އިޝްތިހާރު ކުރުމަށް ބައިވެރިވާ ފެއާތަކުގެ ތެރޭގައި ޗައިނާގެ ކޮޓަމް ފެއާ އާއި ސިންގަޕޫރުގެ ޑައިވް ފެއާގެ އިތުރުން މި މަހުގެ ފަސް ވަނަ ދުވަހު ސައޫދީ އަރަބިއްޔާގައި ފަށާ، ރިޔާދު ޓްރެވަލް ފެއާ އާއި މިމަހުގެ 23 ވަނަ ދުވަހު ފަށާ، އޭޓީއެމް ފެއާ ހިމެނެ އެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ މިހާރު ރާއްޖޭގައި އެންމެ ހަލުވި ކަމާއެކު ކުރިއަރައި ތަރައްގީވަމުން އަންނަ ވިޔަފާރި އެވެ. ސަރުކާރުން ވެސް ވަނީ ގެސްޓްހައުސް ވިޔަފާރިއަށް އިސްކަން ދީގެން ގިނަ ރަށްރަށުގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކައުންސިލްތަކަށް ހުއްދަދީފަ އެވެ. މިގޮތުން ދާދިފަހުން ށ. ބިލެއްފަހި ތުނޑިން ވެސް ގެސްޓްހައުސްއަށް ބިން ދޫކޮށްފައިވެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 416 ގެސްޓްހައުސްގައި 6،336 އެނދު ދަނީ އޮޕަރޭޓްކޮށް ހިންގަމުންނެވެ. އަދި މި ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ ކ. މާފުށީގައި ގެސްޓްހައުސް އެނދުގެ އަދަދު 1،600 އަށް އަރާނެ އެވެ.