ސްޕޯޓިން ޖިއޯން އަތުން، އެއްވަރުވެ، ތާވަލުގެ ތިން ވަނައަށް އަރަން ލިބުނު ފުރުސަތު ސެވިއްޔާ އަށް ގެއްލުނު އިރު، ޑިޕޯޓިވޯ އަލްވޭސްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލީގްގެ ތާވަލުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން ފަރަގު ބޮޑު ކޮށްފި އެވެ.
ރެއާލުން މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ފަހު ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.
ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. ދެ ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އިސްކޯ އެވެ. އޭގެ ތިން މިނެޓް ފަހުން ނަޗޯ ވަނީ، ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު، ރެއާލް އެއްވަނައިގައި އޮތީ 68 ޕޮއިންޓާއެކު ފަސް ޕޮއިންޓްގެ ލީޑެއްގަ އެވެ. ނަމަވެސް، ބާސެލޯނާ، މިރޭ، ގްރެނޭޑާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ރެއާލްއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.
އަމިއްލަ ދަނޑުގައި ޖިއޯން އާއި ދެކޮޅަށް ކުޅުނު މެޗުން ސެވިއްޔާ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، ރޭ މަލާގާ އަތުން މޮޅުވި އެތުލެޓިކޯއާ ޕޮއިންޓްގެ ގޮތުން ސެވިއްޔާ އަށް ހަމަހަމަވީ އެވެ. ނަމަވެސް އެތުލެޓިކޯ އަށް ތިން ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން ނެވެ.