ދުނިޔެ

"ވައްޓާލި" މަތިންދާބޯޓުގެ ކޯޕައިލެޓް ބަލިވެ އުޅޭކަން ވަނީ ސިއްރުކޮށްފައި

Mar 27, 2015

ފްރާންސްގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ޖާމަންވިންގްސްގެ މަތިންދާބޯޓުގެ ކޯޕައިލެޓް އަންޑްރިއާސް ލޫބިޒް ބަލިވެ އުޅޭތީ ވަޒީފާ އަށް ނުނިކުތުމަށް ޑޮކްޓަރުން ލަފާދީފައި ހުރި ލިޔުންތައް އޭނާގެ ކޮޓަރީގައި އެބަހުރި ކަމަށާއި ވަޒީފާ އަށް ނިކުމެވޭ ފަދަ ސިއްހީ ހާލަތެއް ނެތް ކަމަށް ބުނެ، ބޯޓު ވެއްޓުނު ދުވަސް ވެސް ހިމެނޭ ގޮތަށް ދީފައިވާ މެޑިކަލް ނޯޓެއް ވީދާލާފައި އޮއްވައި ކޮޓަރިން ފެނިފައިވާ ކަމަށް ޖަރުމަނުގެ ޕްރޮސިކިއުޓަރުން ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ލުފްތަންސާ އިން އޮޕަރޭޓްކުރާ ޖާމަންވިންގްސްގެ ބޯޓު ވެއްޓި 150 މީހުން މަރުވެފައި ވާއިރު ތަހުގީގަށް މިހާތަނަށް އެނގިފައި ވަނީ ބޯޓު ގަސްދުގައި ވައްޓާލާފައިވާ ކަމަށެވެ. އެގޮތުން ޕައިލެޓް ކޮކްޕިޓުން ނިކުތުމުން ދޮރު ތަޅުލުމަށް ފަހު ކޯ ޕައިލެޓް ލޫބިޒް ވަނީ ދޮރު ހުޅުވަން ބުނުމުން އެއްވެސް އިޖާބައެއް ނުދީ ބޯޓު ވައްޓާލާފައި ކަމަށް ތަހުގީގަށް ވަނީ ބެލެވިފަ އެވެ.

އުމުރުން 28 އަހަރުގެ ލޫބިޒް ފަރުވާ ހޯދަމުން ދިޔައީ ކޮން ބައްޔަކަށް ކަމެއް ޕްރޮސިކިއުޓަރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ޖަރުމަންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލޫބިޒް ދިޔައީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންނެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވީ ލޫބިޒްގެ ކަންކަން ބެލި އިރު ސިޔާސީ ނުވަތަ ދީނީ ކަމެއްގައި އޭނާ ޝާމިލުވާ ކަމަށް ބެލެވިފައި ނުވާ ކަމަށެވެ. އަދި އަމިއްލަ އަށް މަރުވުމާ ބެހޭ ގޮތުން ނޯޓެއް ފަދަ އެއްޗެއް ވެސް ލިޔެފައި އޮއްވައި ފެނިފައި ނުވާ ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލޫބިޒަށް ޑިޕްރެޝަންގެ މައްސަަލަ ކުރިމަތިވީ 2009 ވަނަ އަހަރު ޓްރެއިނިން ނިންމާލި ފަހުން ކަމަށް އޭނާގެ ކޮޓަރިން ފެނުނު ޑޮކްޓަރުގެ ލިޔުންތަކުން އެނގެ އެވެ. ނަމަވެސް ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން ލޫބިޒް އެއާލައިނަށް އަންގާފައެއް ނުވެ އެވެ. އަދި ޕައިލެޓް ޓްރެއިނިން ހެދި އިރު ވެސް ހަ މަސް ދުވަހަށް ޓްރެއިނިން މެދު ކަނޑާލި ކަމަށާއި އެކަމުގެ ސަބަބެއް އަންގާފައި ނުުވާ ކަމަށް ވެސް އޭނާއާ އެކު އުޅުނު މީހުން ބުނެ އެވެ.