ބޮލީވުޑް

އެންގޭޖެއް ނުކުރަން އެކަމަކު ޑިސެމްބަރުގައި ކައިވެނި ކުރާނަން

Mar 28, 2015

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހިދް ކަޕޫރު ކައިވެނި ކުރަން އުޅޭ ހަބަރު ވަނީ މިހަފުތާކުރީކޮޅު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާފަ އެވެ.

ޝާހިދް އާއި މީރާ ރާޖްޕުތްގެ އެންގޭޖްމެންޓް މިއަހަރުގެ ޖެނުއަރީ މަހު މެދުތެރޭގައި ކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިއަދާ ހަމައަށްވެސް މީޑިއާ އިން ތަފާތު ގޮތްގޮތަށް މިވާހަކަ ގެނެސްދީފައި ވާއިރު، ޝާހިދް ވަނީ މިވާހަކައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

މިހާރު ކުރިޔަށްދާ އެޗްޓީ ސްޓައިލް އެވޯޑްސްގައި މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޝާހިދް ބުނީ އޭނާ އަދި އެންގޭޖް ނުކުރާކަމަށާއި ނަމަވެސް މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރާނެ ކަމަށެވެ.

"މިކަމުގައި އަހަންނަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ. ވަރަށް އަވަހަށް އަހަރެން ހުރިހާ ކަމެއް ހިއްސާކުރާނަން،" ޝާހިދް ބުންޏެވެ.

ޝާހިދު މިހާރު ކައިވެނި ކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، މީގެ ކުރިން ޝާހިދުވަނީ ކައިވެނި ކުރިޔަސް ކުރާނީ ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރި ނުވާ މީހަކާ ކަމަށް ބުނެފަ އެވެ.

މީރާއަކީ ލޭޑީ ސްރީ ރާމް ކޮލެޖް ފޯ ވުމަން ގައި އޮނާސް އިން އިންގްލިޝްގެ ތިން ވަނަ އަހަރުގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.