ޑރ. މުހައްމަދު ޝައިނީ

"ސަރުކާރާ ގުޅޭނެ މެންބަރުން މާގިނަ، އިދިކޮޅު ރޫޅޭނެ"

  • މަޝްވަރާގެ މޭޒަށް އިދިކޮޅުން ނާންނާނެ
  • ކުރާ ކަމަކީ ބޭރުގެ ނުފޫޒާއެކު ހަލަބޮލި ކުރުން
  • އިދިކޮޅުގެ އަމާޒަކީ ތަރައްގީ މަޑު ޖެއްސުން

ސަރުކާރު ކޯލިޝަންގެ ތެރެއިން މަދު މެންބަރުންތަކެއް އިދިކޮޅު ފަރާތްތަކާ ގުޅުނު ނަމަވެސް އިދިކޮޅުން ނެއްޓި ސަރުކާރާ ގުޅޭނެ މެންބަރުން މާގިނަ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ. ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަދާފައިވާ އިއްތިހާދު ވެރިކަމުގެ ދަހިވެތި ކަމުގައި ލަހެއް ނުވެ ރޫޅިގެން ދާނެ ކަމަށެވެ.

"އެއް ކޮޅުން އަނެއް ކޮޅަށް ކްރޮސް ކުރައްވާނެ ބޭފުޅުން އުޅޭނެ، ހަމަ އެމްޑީޕީއިން މިކޮޅަށް [ސަރުކާރަށް] އަންނާނެ މެންބަރުން ވެސް ތިބޭނެ، އަދި ޖޭޕީގެ ތެރެއިން ވެސް މިކޮޅަށް އަންނާނެ ބަޔަކު ވެސް ވާނެ، އަޅުގަނޑުމެންނަށް ވެސް އެކަން ވާނެ، އެހެން ނަމަވެސް އޭގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފައްދާނީ 2019 ވަނަ އަހަރު ރައްޔިތުން،" ޗެނަލް 13 އިގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މީގެ ކުރިން "ސިޔާސީ އެއް ދާން" ނުކުރާނެ ކަމަށް ބެލެވުނު ބޭފުޅުން މިހާރު އެއް ގަލަކަށް އަރައިގެން މަސައްކަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެންނަވާ ތަރައްގީ ހަޖަމު ނުކުރެވިގެން އެކަން ހުއްޓުވަން ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވެރިކަމަށް ވަޑައިގަތުމަށް އޮތް މަގު ބަންދުވާތީ ރާއްޖެއަށް ގެންނަ ތަރައްގީ މަޑު ޖައްސާލުމަކީ އިދިކޮޅު ފަރާތްތަކުގެ މިހާރުގެ އަމާޒު ކަމަށެވެ. އެކަން ކުރަން ބޭނުންވަނީ ރާއްޖޭގެ މަގުމަތި ހަލަބޮލި ކޮށްލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅުގައި މުޅިން ވެސް ތިއްބެވީ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ފަހަރަށް ފެއިލްވެފައިވާއިރު ވެސް ބޭނުންފުޅު ވަނީ ވެރިކަމުގެ ތަހުތު ދެކިލުމަށް ކަމަށާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅު ވަނީ ދަރިކަލުންނަށް ވެރިކަން ހޯދަވައިދެއްވައި އާއިލީ ވެރިކަމެއް ދެމެހެއްޓުމަށް ކަމަށް ޝައިނީ ވިދާޅުވި އެވެ. ރައީސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީ ތެރެއިން އިތުރު ބޭފުޅަކަށް ފުރުސަތު ނުދެއްވައި ބޭނުންފުޅު ވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވެސް އެއީ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

"އިދިކޮޅު ކޯލިޝަން ދެމިގެންދާނީ އެ ބޭފުޅުންގެ ތެރެއިން ވެރިކަމަށް ކުރިމަތިލައްވާނީ ކޮން ބޭފުޅެއްތޯ ބަލާ ހިސާބަށް، އެއަށްވުރެ ދުރަކަށް މިއެއް ނުދާނެ، އެއީ އަޅުގަނޑުމެންނަށް އެބަ ފެނޭ މީގަ އެކަކަށް ދޫކުރާނެ އަނެކަކު ނެތް، އެކަކު އަނެއްކަކަށް ލަނޑު ދީފަ އެމީހަކު އަމިއްލައަށް ވެރިކަމަށް އައުމަށް ގުޅިގެން މިތީ، އެކަމަކު ވެރިކަމާ ހަމައަށް ދާއިރުގަ އެމްޑީޕީގެ އެއްވެސް މީހަކު ރައީސް މައުމޫނަށް ނުވަތަ ރައީސް މައުމޫންގެ ދަރިކަލުންނަށް ވެރިކަން ހޯދަވައިދެއްވުމަށް ނުނިކުންނަވާނެ،" ޝައިނީ ވިދާޅުވި އެވެ.

"ހަމަ އެހެން ރައީސް ނަޝީދަށް ވެރިކަން ހޯދަވައިދޭން ރައީސް މައުމޫނަށް އަދި ސަޕޯޓްކުރި ނަމަވެސް ކުރީގަ ޑީއާރްޕީގަ ތިބި އެއްވެސް ބޭފުޅަކު އެމަނިކުފާނު ފަހަތަކުން ނުދާނެ، ހަމަ އެގޮތަށް ގާސިމް ނޫން އެހެން ބޭފުޅަކަށް ވޯޓު ދޭން ޖޭޕީގެ އެއްވެސް ބޭފުޅަކު ނުދާނެ،"

ޝައިނީ ވިދާޅުވީ، ރައީސް މައުމޫނަކީ ރައީސް ޔާމީނަށް އިހުލާސްތެރި ބޭފުޅެއް ނޫންކަން ކުރިން ވެސް އެނގޭ ކަމަށާއި ރައީސް ނަޝީދާއެކު އެމަނިކުފާނު މަސައްކަތްޕުޅު ފެއްޓެވީ އަމިއްލަ އެދުމުގައި އާއިލާއަށް ވެރިކަން ހޯދަވައިދެއްވުމަށް ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަށް ދެން ރައްޔިތުން ވެރިކަން ނުދޭނެ ކަމަށާއި މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް އެންމެ ގިނަ ވޯޓް ރިޔާސީ އިންތިހާބުގައި ނުލިބުނީ ވެސް ފަހަތުގައި ރައީސް މައުމޫން ހުންނެވުމުން ކަމަށެވެ. އެއީ ރައީސް ޔާމީނަށް ޒުވާނުންގެ ގިނަ ވޯޓުތަކެއް ގެއްލިގެން ދިޔަ ސަބަބު ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، ވަކި އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކަށްވެގެން މިހާރު ވެރިކަން ނުލިބޭނެ ކަމަށާއި އެ ބޭފުޅަކީ ރައްޔިތުންނަށް ތަރައްގީ ގެނެސްދެވޭނެ ބޭފުޅެއްކަން އަމިއްލައަށް ނިކުމެ ދައްކަވައިގެން ނޫނީ ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށެވެ. އެކަން ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން އެކަނި ކަމަށެވެ.

އިދިކޮޅުގައި ތިއްބެވި ފަރާތްތަކީ މަޝްވަރާކުރުމުގެ ގާބިލު ކަމެއް ވެސް ނެތް ފަރާތްތަކެއް ކަމަށާއި މަޝްވަރާގެ މޭޒަށް އެ ބޭފުޅުން ވަޑައި ނުގަންނަވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. ވިދާޅުވީ، އޮއްޓަރެއް ހުރި އެއްވެސް ކަމަކާ އެ ބޭފުޅުން މަޝްވަރާކުރަން ބޭނުން ނުވާ ކަމަށެވެ. އެ ބޭފުޅުން ބޭނުން ވަނީ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އެކި ގޮތްގޮތުން ފޯރުވުން ކަމަށާއި ނަމަވެސް ރައީސް ޔާމީން ވަނީ ދެން ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ނުފޯރުވޭނެކަން ހާމަ ކުރައްވާފަ ކަމަށެވެ.