ރިޕޯޓް

އިދިކޮޅު އިއްތިހާދުގައި ރެނދެއް، ދެން ދާނީ ފޭވަމުން!

  • މައުމޫނާއި ނަޝީދަކީ ތަފާތު ދެ ފިކުރެއް
  • ފާރިޝްގެ ކުރިއަރަން އެމްޑީޕީ ބޭނުމެއް ނުވާނެ
  • އުމަރު ހުންނެވީ ކޯލިޝަނާ ގުޅޭ ގޮތަކަށް ނޫން

ރާއްޖެ މިހާރު އުފައްދާނެ އެއް ސުވާލަކީ އިދިކޮޅު ފަރާތްތައް ގުޅިގެން ހަދާފައިވާ ކޯލިޝަނަށް، ސަރުކާރުގެ މައްޗަށް ގަދަ ކުރެވިދާނެ ހެއްޔެވެ؟ އެ ސުވާލު އުފައްދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކުރީގެ ރައީސުން ކަމަށްވާ، މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމް އެއްގަލަކަށް އަރާވަޑައިގެން ރާއްޖެ ސިއްސުވާލާފައިވާތީ އެވެ. އެ ދެބޭފުޅުންނާއެކު ގާސިމް އިބްރާހިމާއި އަދާލަތާއި ޕީޕީއެމުން ނެއްޓިގެން ދިޔަ އަދި ސިޔާސީ ގޮތުން އެކަހަރިވެފައިވާ އެކަމަކު ވެރިކަމުގެ އުންމީދު އޮތް ބައެއް ބޭފުޅުން ގުޅިގެން އަޑުގަދަކޮށްލާފައިވާތީ އެވެ. ސިޔާސީ ގޮތުން ބޮޑެތި ހަތުރުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެގްރިމެންޓެއްގައި ސޮއިކޮށް މަސައްކަތްތަކެއް ފަށާފައިވުމުންނެވެ.

ރާއްޖޭގެ ސިޔާސީ ކަނޑަށް އިދިކޮޅު އެ ފަރާތްތަކުން އުދަ ކުރާ ބިޔަ "ރާޅުގަނޑު" ޖަހަން ފަށާފައިވާއިރު ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު އެ ކޯލިޝަން ދެމި އޮންނާނީ އޭގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް 2018 ގައި ކުރިމަތިލައްވާނެ ބޭފުޅަކީ އޭގެ ތެރެއިން ކޮންބޭފުޅެއްކަން ކަނޑައަޅަން މަޝްވަރާއެއް ކުރެވޭ ހިސާބަށެވެ.

"ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކާމެދު ހިޔާލު ކުރެވޭ ހިސާބުން ކޯލިޝަން ރޫޅޭނެ، އެއީ އެ ކޯލިޝަން ދެމި އޮންނާނެ ހިސާބަކީ،" ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރުގެ ފަރާތުން އެންމެ ގިނަ ވާހަކަފުޅު ދައްކަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

ހަނދާނުން ކައްސާލައިގެން ނުވާނެ އެހެން ބައެއް ކަންކަން ވެސް އެބަހުއްޓެވެ. ރައީސް ނަޝީދުވެސް ގަބޫލު ކުރައްވާ ފަދައިން ރާއްޖޭގައި ކޯލިޝަނަކީ ބޮޑު ފޭލިއާ އެކެވެ. ދެވަނަ ކަމަކަށް ރައީސް ނަޝީދާއި ރައީސް މައުމޫންއަކީ ރާއްޖޭގައި ސިޔާސީ ދެ ފިކުރެއް އުފަންކޮށް، އެތަށް އަހަރަކަށް ދެމިގެން ދިޔަ "ބޮޑު ސިޔާސީ ހަނގުރާމައެއް" ކުރެއްވި ދެ ބޭފުޅުންނެވެ. ސިޔާސީ އޮއިވަރު ކޮންމެ ދިމާލަކަށް ވެސް ބަދަލުވެދާނެ ފަދައިން ރައީސް ނަޝީދާއި ރައީސް މައުމޫން ވެސް ސޮއި ކުރެއްވި އެ ގަރާރު ކޮންމެ ފަދަ ވަގުތެއްގައި ވެސް "ވީދައި އިރާލަފާނެ" އެވެ.

އިދިކޮޅު ކޯލިޝަން ސިޔާސީ "ފެންމަތީ" ގައި އޮންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އަދި އިދިކޮޅު ފަރާތްތަކުން ގުޅިގެން ސަރުކާރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ ދެން "ތަހުތުގައި" އިށީންނަވަން އުޅުއްވާނީ ކޮން ފިކުރަކަށް ބުރަވާ ކާކު ކޮން ކެނޑިޑޭޓެއް ހެއްޔެވެ؟

މި ސުވާލުތައް މިގޮތަށް އޮއްވެ އިދިކޮޅު މަސައްކަތްތައް ދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ އެ މަސައްކަތުގައި ރައީސް މައުމޫނާއެކު ސަރުކާރުގެ ތެރެއިން ނުކުމެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަނު ހުންނެވުން އިހުތިޔާރު ކުރައްވާ ދުރުގައި ހުންނެވުމެވެ.

އަވަސް އިން ކުރި ސުވާލަކަށް ރޭ ޖަވާބު ދެއްވަމުން އުމަރުވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އިހްލާސްތެރި ކަމާމެދު އޭނާއަށް ޝައްކުވެއެވެ. އެއީ އެއްގޮތަކަށް ވެސް އިތުބާރު ކުރެވޭނެ ނަމެއް ނޫނެވެ. އިދިކޮޅު އޮޑިން އެންމެ ފުރަތަމަ ފުންމާލެއްވީ އުމަރު ނަސީރެވެ. އެހެން ކަމން އިދިކޮޅު ކޯލިޝަން ރޫޅުމަށް އަޅާނެ ފުރަތަމަ "ރެނދު" މިހާރުވެސް އެއޮތީ އަޅާފަ އެވެ. މި ރެނދުގެ ހަގީގީ ފޭވުން ފެނިލަން އަދި ވަގުތުކޮޅެއް ނަގައިފާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރާ ތާއީދު ރައީސް މައުމޫން ގެންދެވުމާއެކު އެންމެ ފުރަތަމަ އިދިކޮޅު މަސައްކަތް ފެއްޓެވީ އުމަރެވެ. އޭރު އިދިކޮޅު އެމްޑީޕީ އޮތީ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން އަޅުއްވާނެ ފިޔަވަޅަކަށް ބަލަބަލާ މުޅިން "ޕެރެލައިޒް" ވެފަ އެވެ. އެހެންކަމުން އިދިކޮޅު މަސައްކަތުގައި އިސްކޮށް އުޅުއްވާތަން އޭރު ފެނުނީ އުމަރު ނަސީރާއި ރައީސް މައުމޫން އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް އެވެ.

ގާސިމް އިބްރާހިމްއާ މަޝްވަރާ ކުރައްވާ ބައްޔިތު ހިފި އެވެ. ގާސިމް ވެސް ރައީސް މައުމޫންއާ އެކީ ސިޔާސީ މަސައްކަތުގައި ދެމި އޮންނާނެ ކަމަށް ރަސްމީކޮށް އިއުލާން ކުރެއްވީ އެހާ ހިސާބުން ފެށިގެން އެވެ. އެއީ މިހާރު ސޮއިކޮށްގެން އުޅުއްވާ ގަރާރާއި އިދިކޮޅު ބޮޑު ކޯލިޝަން އުފެދުމުގެ ބިންގާ އެޅުން ހިސާބެވެ. އެ ބިންގާ އެޅީ ރައީސް މައުމޫންއާއި އުމަރު ނަސީރު އިސްކޮށް ހުންނަވައިގެނެވެ.

އޭރު ރައީސް މައުމޫނަށް ތާއީދު ކުރައްވާކަން އެމްޑީޕީން ހަމައެކަނި ފާޅު ކުރެއްވީ ސޯޝަލް މީޑިއާގަ އެވެ. އެގޮތުން ރައީސް ނަޝީދު ވެސް ރައީސް މައުމޫންނަށް ތައުރީފު ކުރައްވާ ގިނަ ޓްވީޓު ކުރައްވަ އެވެ. އެމްޑީޕީއާއެކު ރަސްމީކޮށް ގުޅިގެން މަސައްކަތް ކުރާނެކަން ރައީސް މައުމޫން ހާމަ ކުރެއްވީ ހަތަރު ލީޑަރުން ގަރާރުގައި ސޮއި ކުރެއްވުމަށް ފަހުގަ އެވެ.

ނަމަވެސް އިދިކޮޅު މަސައްކަތް ރައީސް މައުމޫނާއެކު ރައީސް ނަޝީދު ގުޅިވަޑައިގެން ގަރާރުގައި ސޮއި ކުރުން އުމަރަށް މާ ކަމުދިޔަ ކަމަކަށް ނުވި އެވެ. އުމަރަކީ ފެށުނީއްސުރެއް ވަރަށް ފާޅުގައި ރައީސް ނަޝީދާ ފާޑުކިޔާ އެމަނިކްފާނާއެކު އެއްގަލަކަށް ދުވަހަކުވެސް ނާރާނެ ކަމަށް ވިދާޅުވަމުން އަންނަ ބޭފުޅެކެވެ. އަދި އެގޮތުގައި މިހާ ދިގު މުއްދަތަކަށް ދެމިހުރި ފަރާތެވެ.

"ގަބޫލުކުރައްވާ، ދުވަހަކު ވެސް އަޅުގަނޑު ނިއިށީންނާނަން ނަޝީދު އަރިހުގައެއް،" އުމަރު ވިދާޅުވި އެވެ.

ކަން މިހެން އޮއްވާ މިދިޔަ މަހު ފަހުކޮޅުގައި އިދިކޮޅު ކޯލިޝަނުން އިއުލާން ކުރެއްވި ގޮތުގައި ކުރިޔަށް އޮތް ހުރިހާ އިންތިހާބެއްގައި ވެސް އެ ފަރާތްތައް މަސައްކަތް ކުރައްވާނީ ގުޅިގެން އެކުގަ އެވެ. ނަމަވެސް އެ ކަމަކީ މިހާރުވެސް ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިގެން އުޅުއްވާ އުމަރު ކިހާ ވަރަކަށް ތާއީދު ކުރާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. އެހާ ހިސާބުން އުމަރު ހުންނަވާނީ ރިޔާސީ އިންތިހާބަށް ވާދަ ނުކުރަން ނިންމައިގެން ހެއްޔެވެ؟ ނުވަތަ ނުކުންނަވާނީ އިދިކޮޅު ކޯލިޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހެއްޔެވެ؟ އެފަދަ ހާލަތެއްގައި ރައީސް މައުމޫން، އެމަނިކުފާނު އެންމެ ބޭނުންވި ހާލަތުގައި އަރިހުގައި ހުންނެވި އުމަރާ ދެކޮޅުވާނެތޯ ނުވަތަ ދެކޮޅު ވާނީ އެ ކޯލިޝަނާ ހެއްޔެވެ؟ މިއީ ވިސްނާލުމުން އުފެދޭ ބައެއް ސުވާލެވެ.

"ރައީސް މައުމޫން އުމަރާ ދެކޮޅު ހެދުމުގެ ފުތުސަތު ވަރަށް ކުޑަ. ނަމަވެސް ކަން އެގޮތަށް ވެއްޖެ ނަމަ ދެން އެންމެ ބޮޑަށް ބެލެވެނީ މިހާރު ވީނުވީ ތަނެއް ނޭންގޭ މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަން އޭ ކިޔާ ޖަމާއަތުގެ ވެރިޔާ ޑރ. މުހައްމަދު ޖަމީލާ އުމަރު ގުޅިގެން ރިޔާސީ އިންތިހާބަށް ނުކުތުން. އެކަމަކު އެގޮތަށް ހަދައިފިއްޔާ ވެސް އެމްޔޫއޯ ރޫޅި ޝެޑޯ ކެބިނެޓު ފުންޑު ފުންޑު ވެގެންދާނެ. އޭރުން އެ އިއްތިހާދުވެސް ރޫޅުނީ،" ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރަކު ވިދާޅުވި އެވެ.

ޖަމިލަކީ މި ކޯލިޝަންގެ ތެރެއަށް ފައިދާ ވާނެ އަނެއް ބޮޑު މައްސަލަ އެވެ. ދެން އޮތީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ވާހަކަ އެވެ.

ސިޔާސީ މަޝްހަރު ދިރާސާ ކުރާ މީހުން ފާރިސް ސިފަ ކުރައްވަނީ ރިޔާސީ އިންތިހާބަކަށް ކުރިމަތިލާވަރަށް އެއްވެސް ބަރުދަނެއް ނެތް ބޭފުޅެއް ގޮތުގަ އެވެ. މިހާތަނަށް ވެސް މަޖިލީސް ތެރޭގައި އަދި އެހެން ގޮތްގޮތުން ބަސްބުނެ އުޅުއްވާ ބޭފުޅެއް ވެސް ނޫނެވެ. ސިވަނީ ބީ ރައްޓެހި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް އެކަން ހުއްޓުނީ ސަރުކާރާ ދެކޮޅަށް ފެށި ހަނގުރާމާގައި ރައީސް މައުމޫންއަށް އެހީވުމަށް ފާރިސް ތެދުވެވަޑައިގަތުމުންނެވެ. އަދި ފާރިސްއަކީ ސިޔާސީ ގޮތުން ބަރު ދަނެއް ހުރި ބޭފުޅަކަށް ހެއްދެވީ ވެސް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ތޫނު ކުރި "ކަނޑި" އަކީ ފަހުން އަމިއްލަ ގަޔަށް ހެރި ދާނެ އެއްޗެއް ގޮތުގައި ބައެއް ސިޔާސީ ފަރާތްތަކުން މިހާރުވެސް ގަބޫލުކޮށްފި އެވެ. މަޑުމަޑުން އޭގެ ކޮޅުމަތިން ފެންނަން ވެސް ފަށައިފި އެވެ.

ބައިނަލްއަގުވާމީ މީޑިއާތައް އެއްކޮށްގެން ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި ވާހަކަފުޅު ހަނދާން ނައްތާލެވޭކަށް ނެތެވެ. ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ނަމަ އެ އިންތިހާބުގައި އެމްޑީޕީ ބައިވެރި ނުވާނެ ކަމަށް ވިދާޅުވި އެވެ. ސުވާލަކީ އަމިއްލަ ޕާޓީ ފިކުރުގެ ބޭފުޅަކަށް ރިޔާސީ އިންތިހާބުން ޖާގަ ދިނުމުގެ ވިސްނުމެއް ރައީސް ނަޝީދު ނުގެންގުޅުއްވާ އިރު ރައީސް މައުމޫންގެ ފިކުރުގެ މީހަކަށް ނުވަތަ އެހެން މީހަކަށް ވެރިކަން ދިނުމަށް އެމަނިކުފާނު ދޫދެއްވާނެ ހެއްޔެވެ؟ އެހެން ކަމުން މިހާރު ހަދައިގެން އުޅޭ ކޯލިޝަނުގެ ނިމުން އަންނާނެ ގޮތާއި ހިސާބާ މެދު ކުރާ ބަހުސް އަދި ވެސް ދެމިގެންދާނެ އެވެ.