ވާހަކަ

މުޅިޖާންހިތާ

(2 އޭޕްރީލް 2017 އާ ގުޅޭ) -- ރުބީނާ އެ ދައްކަނީ ކިހާ ހުތުރު ވާހަކައެއްކަން އައިރާގެ ހިތަށް އަރަމުންދިޔައިރު އެ ފަދަ އަޑެއް ނިޔާނަށް އިވިއްޖެނަމަ ވާނެ ގޮތަކާމެދު އައިރާއަށް ވިސްނުނެވެ. އައިސްފައި ހުރި ގަދަ ރުޅީގައި ކޮޓަރިއަށް ރުބީނާ ވަދެދާނެކަމުގެ ބިރާއެކު އައިރާ އިނީ ދޮރުތަޅުލައިގެން ދޮރުފަތުގައި ލެނގިލައިގެންނެވެ.

އެތައް އިރެއްވާންދެން ރުބީނާ ގޭތެރޭގައި ހަޅޭލަވަލަވާފައި އުޅުނެވެ. އަމީރު އެ އެޕާޓްމެންޓަށް އަންނަކަން ނިޔާނުގެ ގާތުގައި ބުނެވިފައި އޮތްކަން އެއީ ނަސީބެކޭ އައިރާގެ ހިތަށް އެރިއެވެ. ރުބީނާ އައިސްފައި ހުރި ރުޅީގައި ނިޔާނަށް ގުޅާފައި އެއްޗެހި ކިޔާކަށް ފަހަކަށް ނުޖެހޭނެއެވެ. ގޭތެރެ ހިމޭންވުމުން ވެސް އައިރާ އިނީ ކޮޓަރިން ނުނިކުންނާށެވެ. ދޮރުކައިރިން ތެދުވެގެން އައިސް އެނދުގައި އޮށޯވެލައިގެން އޮތްވާ އޭނާއަށް ނިދުނީއެވެ. ހޭލެވުނުއިރު ހަވީރު ހަތަރެއް ޖަހާ ހިނގައްޖެއެވެ. އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އައިރާ ނުކުތެވެ. ފޯނު ބަލާލިއިރު ނިޔާނު ގުޅާފައި އޮތެވެ. އެހެންވެ އެއްވެސް ކަމެއް ކުރުމުގެ ކުރިން ނިޔާނަށް ގުޅާލިއެވެ. އައިރާގެ އަޑަށް ބަދަލު އައިސްފައި ހުރުމުން ނިޔާނު ސުވާލުކުރިއެވެ. ނިދުނީކަމުގައި އައިރާ ބުނުމާއެކު ގޭތެރޭގައި ހިނގާ ދިޔަ ކަންތައް ނިޔާނަށް ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ.

"މަންމަ އެހެން ކިޔާ އެއްޗެއްސަށް އައިރާ އަޅާލާނެކަމެއްނެތް... ބައްޕައަކީ އެކަހަލަ މީހެއްނޫން... ބައްޕަ ވާހަކަދައްކައިފިއްޔާ އައިރާ ވެސް ވާހަކަދައްކާތި... މަންމައަށް ނޭނގުނަސް އަހަރެން ވެސް ބައްޕަ ވާހަކަދައްކައިފިއްޔާ ވާހަކަދައްކަން... އެކަމަކު ބައްޕަ ދެވަނަ ކައިވެންޏެއް ކުރިފަހުން ބައްޕަ އުޅޭ ބަޔަކަށް ނުވަންނަން... މަޞްލަޙަތަށް ވިސްނާފައި ނުވަންނަނީ... އެހެންވީމަ އައިރާ ވެސް ބައްޕަ ދިރިއުޅޭ ބަޔަށް ވަދެ އުޅޭކަށް އަހަރެން އެހާ ގަބޫލެއްނޫން... އަނެއްކާ މަންމަ އެހާ ރުޅި އަންނައިރު އަބަދު ރުޅިއަރުވާކަށް ނުވާނެ" އައިރާއަށް ނިޔާނު ވިސްނައިދިނެވެ.

"މަންމަ މިފަހަރު ވަކިން ރީތިހެން ހީވަނީ... ވަރަށް ޗޭންޖުވެފައި ހުރީ... އިސްތަށިގަނޑު ވެސް ހުރީ ތަފާތު ގޮތަކަށް ކޮށާލާފައި، ކުރިއަށްވުރެ ވެސް ކަޅުވެފައި ފަންހެން ހީވަނީ" އައިރާގެ ވާހަކަ އިވިފައި ނިޔާނު ހީނލިއެވެ.

"މަންމަ އަބަދުވެސް ރީތިކޮށް ހުންނަން ވަރަށް ސަމާލުވާނެ... އަހަރެން ވަރުގެ ބޮޑު ދަރިއަކު މަންމަގެ ހުރެދާނެއެކޭ މީހަކު ހިޔެއްނުކުރާނެ... އެނގޭތަ! އަހަރެންގެ އަންހެނުން ވެސް ވަރަށް ރީތިވާނެ... އައިރާ ދުށިންތަ އެކުއްޖާ؟ ދޭބަލަ އަލަމާރި ކައިރިއަށް... ދޮރުފަތުގައި ހުރި ބޮޑު ލޯގަނޑު ކުރިމައްޗަށް އެރުމުން އެ ކުއްޖާ ފެންނާނެ" ހިނިއައިސްފައި ހުރެ ނިޔާނު ސަމާސާކޮށްލިއެވެ. ނިޔާނުގެ ވާހަކަތަކުން އައިރާގެ ނުތަނަވަސްކަން ފިލައިގެންދިޔައެވެ.

* * * *

ނިޔާނާ ނުލާ އެންމެ ދުވަހެއް ހޭދަ ކުރަން ވެސް އައިރާ ވަރަށް ކެތްތެރިވެ ހިތްވަރުކުރަން ޖެހުނެވެ. ޚާއްޞަކޮށް އައިރާ ބަލައިގަންނަން ބޭނުންނުވާ މައިދައިތައަކާއެކު އެއްގެއެއްގައި އުޅެންޖެހިފައި ވުމުންނެވެ. ރުބީނާ ލަންކާއިން އެނބުރި އައުމުން މައުރީން ވެސް ބަދަލުވިއެވެ. އޭނާ ވެސް ކުރިން ވާހަކަދައްކާ ގޮތަށް އައިރާއާ ވާހަކަދައްކައެއް ނޫޅެއެވެ. އަމިއްލައަށް ކާން ހަދާލެވޭ ކަމަށް ވެސް ނުވެއެވެ. ކޮންމެ ކަމެއް ކުރަން ހުރެފައި ވެސް ކާން ހަދައިދޭން އަންނަން ޖެހެނީ އައިރާއަށެވެ. ރުބީނާގެ ކަމަކީ ރައްޓެހިންނާއެކު ބޭރުގައި ގިނަ ވަގުތު ހޭދަ ކުރުމެވެ. ގޭގައި ހުރެއްޖެނަމަ އައިރާއާ ދިމާއަށް ކޮންމެވެސް ކަމަކާ ގުޅުވައިގެން އެއްޗެހި ގޮވާނެއެވެ. މި ގޮތުގައި ތިން މަސްދުވަސް ހޭދަވެގެން ހިނގައްޖެއެވެ. އައިރާ މިހާރު އެ ހުރީ ނިޔާނު އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ލޯބިވާ ފިރިމީހާއަށް ޓަކައި އޭނާ ކޮންމެ ފަދަ ކަމަކަށް ވެސް ކެތްކޮށްފާނެއެވެ.

މެންދުރު ނަމާދުކޮށްލައިގެން ފޭބި އައިރާ ސިއްސައިގެން ދިޔައީ ކޮޓަރި ތެރޭގައި ނިޔާނު ހުއްޓާ ފެނުމުންނެވެ. ކައިރީގައި ފޮށި ބަހައްޓާލައިގެން ހުރިއިރު ނިޔާނުގެ ނަޒަރު ހުރީ އައިރާއަށް ހުއްޓިފައެވެ. ނިޔާނު އެ ކޮޓަރިއަށް އެ ވަނީ އައިރާ ނަމާދުގައި އިންދާކަން އޭނާއަށް ޔަގީނެވެ. ކުރިމަތިން ފެންނަމުންދިޔައީ އަޖައިބު ކުރުވަނިވި މަންޒަރެއް ފަދައިން އައިރާ ހުއްޓުން އަރާފައި ބަލަން ހުރެވުނީއެވެ.

"ޤަބޫލުނުކުރެވެނީތަ؟" ނިޔާނު އަހާލިއެވެ. އެހިނދު އައިރާއަށް ވީގޮތެއް ނޭނގުނެވެ. ހަލުވިކޮށް އެއައިގޮތަށް އައިސް ނިޔާނުގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އުފަލުން ގޮސް އެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ. ދުރުގައި ހުރެފައި ފިރިމީހާ އައުމުން އައިރާގެ ހިތުގައި އޮތް ލޯބި އިތުރު ވެގެން ހިނގައްޖެއެވެ. ނިކަން ލޯބިން އައިރާ އުރާލައިގެން ނިޔާނު އައިސް އެނދުގައި އިށީނެވެ.

"އަހަރެން ވެސް އައިރާ މަތިން ވަރަށް މިސްވި" އައިރާ ގަޔާ ކައިރިކޮށްލައިގެން އިނދެ ނިޔާނު ބުންޏެވެ. ސަލާމަތުން ނިޔާނު އެނބުރި އައީތީ އެކަމާ އައިރާ ޝުކުރުވެރިވިއެވެ. ނިޔާނުގެ ގައިގާ ބައްދާލައިގެން އިންގޮތުން އެ ހަށިގަނޑުން ދޫކޮށްލަން އޭނާ ދުވަހަކު ވެސް ބޭނުންނުވާ ކަހަލައެވެ. އައިރާ އުޅޭ ގޮތުން ނިޔާނު ހީނލަ ހީނލާ އިނެވެ.

"ދެން އެހާ އަވަހަށް ނުދައްޗޭ" އެނދުމަތީ ނިޔާނުގެ އަތުގެ ތެރޭގައި އޮތް އައިރާ މަޑުމަޑުން ބުނެލިއެވެ.

"ދެމަހެއްވަރު ބްރޭކެއް ނަގާފައި ނޫނީ ދެން ނުފުރާނަން... އެގޮތް އޯކޭއެއްނު... ބޮސް ކައިރީ އަހަރެން ކުރިން ވެސް އޮންނާނީ އެހެން ބުނެފައި... މި ދަތުރު ނިންމާފައި އައީމަ އަހަންނަށް ޕްރޮމޯޝަނެއް ލިބޭނެކަމަށް ބޮސް ބުނި... އަހަރެންގެ ލައިފަށް އައިރާ އައިފަހުން އެހާ ލަކީ މީހަކަށް މިވީ" އައިރާގެ ނިތްކުރީގައި ނިޔާނު ބޮސްދިނެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދެން ދާނީ ރަނގަޅުވަމުން... މަޑުމަޑުން އަހަރުމެންގެ އަތްމަތި ވެސް ތަނަވަސްވެދާނެ" އުންމީދުން ފުރިގެންވި ބަލާލުމަކުން ނިޔާނަށް އައިރާ ބަލާލިއެވެ.

"އަހަރެން މިހާރު އެންމެ ބޭނުންވާ ކަންތައް ބުނަންތަ؟" އިހުނަށްވުރެ އައިރާ ގާތްކޮށްލަމުން ނިޔާނު ބުންޏެވެ.

"ބުނެބަލަ..." ނިޔާނުގެ މޫނުމަތިން އޭނާ ބުނަން އުޅެނީ ކޮންމެވެސް ލާނެތް ވާހަކައެއްހެން އައިރާއަށް ހީވެ ހިނިތުންވެލިއެވެ.

"އަހަންނަށް... ބޭބީއެއް ދޭންވީނު" ނިޔާނުގެ ނޭވާގެ ހޫނުކަން އިހުސާސްވާހާ އައިރާގެ މޫނާ މޫނު ކައިރިކޮށްލައިގެން އޮވެ ނިޔާނު ބުންޏެވެ.

"ސީރިއަސްކޮށްތަ؟" ލަދުގެންފައި އޮވެ މަޑުމަޑުން އައިރާ އަހާލިއެވެ. އެއާއެކު ނިޔާނު ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"ޑޮކްޓަރަށް ދައްކާލަން ދާނީ ދޯ... ބޭބީއެއް ހޯދުމުގެ ކުރިން ދެ މީހުން ވެސް ފިޓު ތޯ ބަލާލަން ވާނެއެއްނު" ނިޔާނު ޚިޔާލު ދިނެވެ. އައިރާ އެކަމާ އެއްބަސްވިއެވެ.

"އޭގެ ކުރިން ކުޑަ މަސައްކަތެއް މިވަގުތު ވެސް ކޮށްލަމާ" އައިރާގެ އުނަގަނޑުގައި ހިފާ ނިޔާނު ގާތްކޮށްލިއެވެ. އެހިނދު ލުއި ހީނލުމެއް މުޅި ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ނިޔާނުގެ ލާނެތްކަމުން އޭނާގެ ކަނދުރާއާ ދިމާގައި އައިރާގެ މޫނު ފޮރުވާލިއެވެ.

ދެމަފިރިން ކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ވަންއިރު ސިޓިންރޫމު ސޯފާގައި ރުބީނާއާއި މައުރީން ތިއްބެވެ. ނިޔާނު ގެއަށް އައިއިރު ވެސް އެ މީހުން ތިބީ އެތަނުގައެވެ. ނިޔާނު ފެނުމުން ރުބީނާ އުފާވެފައި ދަތުރު ކިހިނެއްތޯ ދިޔައީ އަހާ އޮޅުން ފިލުވިއެވެ. އަދި ދިޔަ ރަށުން ހަދިޔާއެއް އެއްޗެއް ނުލިބޭތޯ ވެސް އެހިއެވެ. ނަމަވެސް މިހާރު އޭނާ އިނީ މޫނު ހަދައިގެންނެވެ. މައްސަލައަކީ ނިޔާނާއެކު އައިރާ ހުރުމުންނެވެ. އެކަމަށް ނިޔާނާއި އައިރާ ވެސް ފަރުވާލެއް ނުބަހައްޓާ އެމީހުން ކުރަން އައި ކަންތައް ކުރުމުގައި އުޅުނެވެ. ކާމޭޒު ދޮށުގައި އިން ނިޔާނަށް ޖޫސްތަށްޓެއް ގިރައިގެން އައިސް މޭޒު މަތީ އައިރާ ބެހެއްޓިއެވެ.

* * * *

ތަށިތަކުގައި އުލާއި ސަމްސާ ހޭކޭ އަޑާއި މީހުން ވާހަކަދައްކާއަޑު މަޑަމަޑުން އިވެމުންދިޔަ މިއުޒިކާ އެއްވެ މާހައުލަށް ދިރުން ގެނެސްފައި ވެއެވެ. މޭޒުދޮށުގައި އިން ޤައިސް ހިނިތުންވެލީ ކުރިމަތީ އިން ރުބީނާއަށެވެ.

"ރޫބީ... އަޅުގަނޑަކީ ވަރަށް ސާދާ ކަންކަމަށް ލޯބިކުރާ މީހެއް... އެކަމަކު އަޅުގަނޑަށް ބަލާލާފައި އެކަކު ވެސް އެހެނެއްނުބާނެ... ޚުދު ރުބީއަށް ވެސް އެހެން ހީނުވާނެކަން ޔަގީން... އޭރު ލަންކާގައި ހުރިއިރު ރޫބީ ގާތުގައި އަޅުގަނޑު ބުނީމެއްނު އަޅުގަނޑުގެ އަސްލު ގެ ހުންނަނީ ހުޅުމާލޭގައޭ... އަޅުގަނޑަށް ކުރިން އިހުސާސް ނުކުރެވޭ ހުސްކަމެއް އެގޭ ތެރެއިން މިހާރު އިހުސާސް ކުރެވޭ... އަޅުގަނޑަށް ރޫބީއާއެކު މި ގޮތަށް ހޭދަކުރެވޭ ވަގުތުތައް ކަމުދާން ފަށައިފި... އަޅުގަނޑަކީ މީގެ ކުރިން މީހަކާ އިނދެ ކުއްޖަކު ވެސް ހުންނަ މީހެއްކަން ރޫބީއަށް އެނގޭނެ... އޭގެ ފަހުން އެތައް އަހަރެން ހޭދަވެގެން ހިނގައްޖެ... އެކަނިވެރިކަން އަޅުގަނޑަށް އޭރު ކަމުދޭ... އެކަމަކު މިހާރު އަޅުގަނޑުގެ ދިރިއުޅުމުގައި އަންހެނަކަށް ބޭނުންވާން ފަށައިފި... ރޫބީއާ ބައްދަލުވި ފަހުން އަޅުގަނޑަށް އައި ބަދަލުތަކެއް މީ... އެކަމަކު ރުބީގެ ޚިޔާލެއް ނެތި އަޅުގަނޑަށް ކުރިއަށް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ... އަޅުގަނޑާ މެދު ރުބީގެ ޚިޔާލެއް ބުނެބަލަ" މަޢުނަވީ ގޮތަކަށް ރުބީނާއަށް ޤައިސް ބަލަން އިނެވެ.

"އަޅުގަނޑު ވެސް އެކަނި އުޅޭތާ އެތައް އަހަރެއްވެއްޖެ... އަންހެނަކަށް އެކަނި އުޅުމަކީ އެހާ ފަސޭހަކަމެއްނޫން. އެކަމަކު ދަރީންގެ އެއްބާރުލުމާއެކު އެ އެކަނިވެރިކަން ފޫއްބެއްދޭތޯ މިހާ ދުވަހު މަސައްކަތް ކުރަމުން އައީ... ހުރިހާ ވަގުތެއް އެކުދީންނަށް ދީގެން... ޤައިސްއާ ބައްދަލުވުމުން އަދިވެސް ރަނގަޅު ފިރިހެނުން އުޅޭކަމުގެ އިހުސާސް ކުރެވިގެންދިޔަ... މި ދެމެދުގައި އޮތް ރައްޓެހިކަމުން އަޅުގަނޑަށް ވެސް ބަދަލުތަކެއް އަންނަން ފަށައިފި... ޤައިސް ފަދަ މީހެއްގެ ގާތުގައި ހިތުގައި އުފެދޭ އިހުސާސްތައް ހާމަކުރުމުގެ ހައިސިއްޔަތެއް އަޅުގަނޑު ފަދަ އަންހެނަކަށް ލިބިގެނެއްނުވޭ... އަމިއްލައަށް ގޮސް އެފަދަ ކަމެއް ކުރުމަކީ ލަދުވެތިކަމެއްހެން ހީވަނީ"

"ތީގެ މާނައަކީ އަޅުގަނޑު ކުރިއަށް ފިޔަވަޅެއް އަޅައިފިއްޔާ ރޫބީ ވެސް އަޅުގަނޑާއެކު ހުންނާނަމޭތަ؟ ދިރިއުޅުމުގެ މައިދާނުގައި އަޅުގަނޑުގެ އަތުގައި ހިފައިގެން ހުރެދާނަންތަ؟"

"ހޫން!..." ލުއި ހިނިތުންވުމެއް ޤައިސްއާ ބަދަލުކޮށްލުމާއެކު ރުބީނާ ބޯޖަހާލިއެވެ. އެއާއެކު ޤައިސްގެ ފިރިހެންވަންތަ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

"މިރެއަށްފަހު ރޫބީއަކީ އަޅުގަނޑުގެ މީހެއް... އެކަމަކު މި ވާހަކަ އަޅުގަނޑުގެ ދަރިފުޅުގެ ގާތުގައި އަދި ނުބުނަން... މިފަހަރު ވެސް ދިޔައީ ބުނަންވެގެން... ނުބުނެވުނީ އަޅުގަނޑު ވެސް ތައްޔާރުނޫންވީމަ... ރޫބީގެ ޚިޔާލެއް ނޭނގި އަމިއްލައަށް ގޮތެއް ނިންމާކަށް ނުވާނެތާ... ހަމައެގޮތަށް ރޫބީގެ ވެސް ބޮޑެތިވެފައި ތިބި ދަރީން އެބަތިބި... އެކުދީންގެ ޚިޔާލު ހޯދުން ރޫބީއަށް ވެސް ވަރަށް މުހިންމުވާނެކަން އަޅުގަނޑު ދަންނަންވާނެ... ކުދީން ޤަބޫލިއްޔާ އަޅުގަނޑުމެންގެ މި ގުޅުން ކުރިއަށް ގެންދަން ވަރަށް ބޭނުން"

"އަޅުގަނޑު ވާހަކައެއް ބުނުމުގެ އިޒުނައަށް އެދެން"

"ތިހާ ރަސްމީ ނުވިޔަސް ރަނގަޅުވާނެ... އަޅުގަނޑުމެން ދެ މީހުންނަކީ މިހާރު ނުދަންނަ ދެމީހުނެއްނޫނެއްނު... ރޫބީ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނުމުގެ ހުއްދަ އޮންނާނެ... އަޅުގަނޑު އަޑުއަހާނަން" ހިނިތުންވެލައިގެން އިން ޤައިސް ބުންޏެވެ. އަދި މަޑުމަޑުން މޭޒުމަތީ އޮތް ރުބީނާގެ އަތްތިލައިގައި އަތްބާއްވާލިއެވެ.

"ޤައިސް ވިސްނަނީ މި ގުޅުން ކައިވެންޏަކާ ހަމައަށް ގެންދަންތޯ އެނގެން ބޭނުންވަނީ... އަޅުގަނޑަށް ވަރަށް އުނދަގޫކަމެއް އެއީ ކައިވެންޏަކާ ހަމައަށް ގެންދަން ބޭނުންނުވާ ގުޅުމެއްގައި އެމީހަކާއެކު ވަގުތު ހޭދަކުރުން... ޚާއްޞަކޮށް ދަރީންގެ ގާތުގައި އެ ގުޅުމެއްގެ ވާހަކަ ދައްކާއިރު"

"އަޅުގަނޑަކީ ތިޔަކަހަލަ ސަކަރާތް ޖަހަން ބޭނުންވާ މީހެއްނޫން... ރޫބީއާ ސަމާސާއެއް ކުރާކަށް ނޫން މިއުޅެނީ... މި އުމުރުގައި އެކަހަލަ ކަމެއް އަޅުގަނޑު ކުރާކަށް ބޭނުމެއްނޫން... ރޫބީއަށް އަޅުގަނޑު ޤަދަރުކުރަން... ރޫބީގެ ދަރީންނާ މެދު ވެސް އަޅުގަނޑު ތަފާތު ނަޒަރަކުން ނުދެކޭނަން... އެހެންވީމަ އިތުރުބާރުކުރޭ" ޤައިސްގެ ވާހަކައިން ރުބީނާ ސީދާ ބޭނުންވި ޖަވާބެއް ނުލިބުނެވެ. އެހެންނަމަވެސް އޭނާ ހިތްހަމަޖެހުނެވެ.

އެނބުރި ގެއަށް އައީ ޤައީސްއާއެކު ކާރުގައި މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާލާފައެވެ. ރުބީނާއާ ޤައިސް ގަޔާވާކަން އެނގި ލިބުނު އުފަލެއްގެ ބޮޑުކަމުން ގެއަށް އައިސް އެންމެ ހިނދުކޮޅަކު ވެސް ރުބީނާއަށް ނުހުރެވުނެވެ. އޭނާ ސަލްމާއަށް ވަގުތުން ގުޅީއެވެ. ޤައިސްގެ ފަރާތުން ލިބުނު އުފާވެރި ޚަބަރު ރުބީނާ މުޅި ދުނިޔެއަށް ވެސް އިއުލާން ކުރާން ބޭނުންވެއެވެ. ނިދަން އޮވެގެން ވެސް އޭނާއަށް ޚިޔާލު ކުރެވެނީ ޤައިސްއާ އިނދެގެން އުޅޭނެ އަރާމު ދިރިއުޅުމުގެ މަތީންނެވެ. އެ ޚިޔާލުތަކުން މޮޔައަކު ފަދައިން އޭނާ ދޭތެރެއަކުން ހީނގަނެވެ.

"އަމީރަށް ދައްކާލާނަން އަހަންނަށް ވެސް މުއްސަނދި ރީތި ފިރިހެނުންވާކަން..." ހިތުގައި އަމީރުގެ މައްޗަށް އޮތް ނަފުރަތަށްވުރެ ނަފްސުގެ މައްޗަށް ވެރިވެފައި ބޮޑާކަން ރުބީނާގެ އިތުރުވެފައި ވެއެވެ. އޭނާ މިހާރު ބޭނުންވަނީ އަވަހަށް މައުރީނާއި ނިޔާނުގެ ގާތުގައި ޤައިސްގެ ވާހަކަ ދައްކާށެވެ. އަދި ޤައިސްއާ އިނދެގެން އެގެއިން ނުކުމެގެން ދާށެވެ. އަމީރުގެ ހިޔަނި ވެސް ނުފެންނާނެހާ ދުރަށެވެ.

(ނުނިމޭ)