ކުޅިވަރު

ހޮލެންޑުގެ ނާކާމިޔާބުގައި ކުޅުންތެރިންގެ ޒިންމާ އެބައޮތް

Apr 4, 2017

މަގާމުން ވަކި ކޮށްފައިވާ ހޮލެންޑްގެ ކޯޗް ޑެނީ ބްލިންޑަށް ވޯލްޑްކަޕް ކޮލިފައިންގައި، ކުރިމަތިވި ނާކާމިޔާބުގައި، ކުޅުންތެރިންގެ ޒިންމާއެއް ވެސް އެބައޮތް ކަމަށް ހޮލެންޑްގެ ކުރީގެ ކޯޗް ލުއިސް ވެން ހާލް ބުނެފި އެވެ.

ދެހާސް ސާދަ ވަނަ އަހަރު، ވޯލްޑްކަޕްގެ ސެމީ ފައިނަލަށް، ހޮލެންޑް ގެންގޮސް ދިން ވެން ހާލް ގަބޫލު ކުރާ ގޮތުގައި، ބްލިންޑާއެކު ކުރިމަތިވި ނާކާމިޔާބުގެ ޒިންމާގެ އެއްބައި ކުޅުންތެރިން ވެސް އުފުލަން ޖެހެ އެވެ.

"މިކަމުގެ ޒިންމާގެ ބައެއް ބްލިންޑްވެސް އުފުލަން ޖެހޭ، ނަމަވެސް މީގެ އެންމެ ބޮޑު އިހްމާލެއް އޮތީ ކުޅުންތެރިންގެ، ނަމަވެސް ޒިންމާ ވާން ޖެހޭ އެއްވެސް ތަނެއްގައި ކުޅުންތެރިންގެ ވާހަކަ އެއް ނުދައްކާ،" ވެން ހާލް ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ހޮލެންޑްގެ އެފްއޭއިން ދަނީ، ކޯޗަކަށް އަލުން ވެން ހާލް ގެނައުމަށް މަސައްކަތް ކުރަމުން ނެވެ. ނަމަވެސް ކޯޗް ކަމުން ރިޓަޔާ ކޮށްފައި ހުރި، ވެން ހާލް އަލުން ކޯޗް ކަމަށް އުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ.

ވެން ހާލް ބުނީ، ކުރިން ކޯޗް ކޮށްދީފައިވާ މީހުން އަލުން ގައުމީ ޓީމަށް ގެނައުމަކީ، ހޮލެންޑްގެ އެފްއޭގެ އޮނިގަނޑު ތެރޭގައި އޮންނަ ސަގާފަތެއް ކަމަށެވެ. ކޯޗް ކަމަށް ވެންހާލް ނުގެނައި ނަމަވެސް، އެފްއޭގެ ފުޓްބޯޅަ ޑައިރެކްޓަރަކަށް ވެންހާލް ގެނައުމުގެ ވާހަކަތައްވެސް ދެކެވުނެވެ.

"އެންމެ ފުރަތަމަ ހޮލެންޑްގެ އެފްއޭއިން ހޯދަންވީ ގައުމީ ޓީމަށް އާ ކޯޗެއް،" ފުޓްބޯޅަ ޑައިރެކްޓަރު ކަމަށް ހުށަހެޅުން އައިތޯ ސުވާލު ކުރުމުން ވެންހާލް ބުންޏެވެ.