ކުޅިވަރު

މާނޭގެ އަނިޔާއިން ލިވަޕޫލަށް ހާސްކަން

Apr 4, 2017

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި، އަނިޔާވި ފޯވަޑް ސެޑިއޯ މާނޭގެ އިންޖަރީ ސީރިއަސްވެ، ދިގު މުއްދަތެއް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތި ވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެންފީލްޑްގައި 3-1 ގެ ނަތީޖާ އަކުން، ލިވަޕޫލް މޮޅުވި މެޗުގައި. ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވެސް މާނޭ އެވެ. އޭނާގެ ކަކުލަށް އަނީޔާ އެވަޓަންގެ ލައިޓަން ބެއިންސް ކުރި ޗެލެންޖެއްގަ އެވެ.

އެ މެޗަށްފަހު، ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، މާނޭގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ އެފްސީ ބޯންމައުތާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައި ނުފެނުނަސް، ދެން ހުރި މެޗުތަކުގައި ފެންނާނެ ކަމަށެވެ.

އޭރު، މާނޭގެ ކަކޫ ވަރަށް ބޮޑަށް ދުޅަ ހުރުމުން، ސްކޭނުން، އަނިޔާގެ އަސްލު ހާލަތު ސާފެއް ނުވެ އެވެ. ނަމަވެސް މިހާރު ދުޅަ ތިރިވި ނަމަވެސް ރިހުން އިތުރެވެ، ހަފުތާ ތަކެއް ވަންދެން، މާނޭ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު ވަނީ ކުރިމަތި ވެފަ އެވެ.

ލީގްގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އަށް މެޗެވެ. އެހެންވެ، ލީގްގެ އެންމެ މުހިންމު ހިސާބުގައި، މާނޭ އެކަހެރި ވުމަކީ ލިވަޕޫލަށް ކުރިމަތިވާނެ ބޮޑު މައްސަލަ އެކެވެ. ޖެނުއަރީ މަހު އޮތް އެފްރިކަން ކަޕް އޮފް ނޭޝަންގައި، ސެނާގޯލް ޓީމާއެކު ދާން ޖެހުމުން ވެސް، މާނޭ ނެތްތަން ލިވަޕޫލަށް ވަރަށް ބޮޑަށް ދެއްކި އެވެ.

އެވަޓަން މެޗުގައި، މާނޭގެ ބަދަލުގައި ކުޅެން އެރީ، ޑިވޯކް އޮރީގީ އެވެ. އާންމުކޮށް ފުރަތަމަ 11 އިން ޖާގަ ނުލިބޭ، އޮރިގީ ހުރީ ކުރިއަށް ހުރި މެޗުތަކު ގައިވެސް މާނެ ނެތްތަން ފޫބައްދަން ތައްޔާރަ ށެވެ.

"އަހަރެން އަބަދުވެސް ބުނާހެން އަހަރެން ހުންނާނީ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވުމަށް ތައްޔާރަށް،، އަހަރެން އަބަދުވެސް ގަބޫލު ކުރަނީ އަހަންނަކީ ކުރިމަގުގައި ބޭނުން ކުރަން ހުރި ކުޅުންތެރިޔެއް ނޫނޭ، އަހަންނަކީ މިހާރަށް ވެސް ބޭނުން ކުރެވޭނެ ކުޅުންތެރިޔެއް." އޮރިގީ ބުންޏެވެ.