ރިޕޯޓް

ރައުދާގެ ކޮލެޖުވަނީ ހަރުކަށި ދެ ޖަމާއަތެއްގެ ދަށުވެފައި!

Apr 4, 2017
15

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން ޝައްކު އުފެދޭ އެތައް ކަމެއް ފެންމަތިވެފައިވާއިރު އޭނާ ކިޔަވަމުން އައި ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައިވާ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަކީ އެގައުމުގެ ހަރުކަށި ދެ ޖަމާއަތެއްގެ ހާއްޔެކެވެ. އެ ކޮލެޖްގައި ނުފޫޒު ގަދަ އެއް ޖަމާއަތަކީ ބަންގްލަދޭޝް އިސާމީ ޗަތުރާ ޝިބިރް އެވެ. ދަރިވަރުންގެ އެ ޖަމާއަތަކީ ބައެއް ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށް ބަންގްލަދޭޝް ސަރުކާރުން ތުހުމަތު ކުރެ އެވެ.

އެމެރިކާގެ ޑިފެންސް ތިންކް ޓޭންކެއް ކަމަށްވާ އައިއެޗް ޖޭންސް އިން އެ ޖަމާއަތް ލިސްޓްކޮށްފައި ވަނީ އެންމެ ހަރަކާތްތެރި ހަތިޔާރު އެޅި ޖަމާއަތްތަކުގެ ލިސްޓްގެ ތިން ވަނައިގަ އެވެ. ދެވަނަ ޖަމާއަތަކީ ބަންގްލަދޭޝް ޗަތުރާ ލީގް އެވެ. އެއީ ބަންގްލަދޭޝްގައި މިހާރު ވެރިކަން ކުރާ އަވާމީ ލީގްގެ ދަށުން ހިނގަމުން އަންނަ ދަރިވަރުންގެ ޖަމިއްޔާއެކެވެ.

ރައުދާގެ މަރުގެ ހާދިސާ އެ ކޮލެޖްގައި ހިނގާފައިވާއިރު ދެ ޖަމާއަތުގެ ނުފޫޒު އޮންނަ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ހިނގާފައިވާ ހާދިސާތަކެއް ވެސް ވެއެވެ.

ދެ ޖަމާއަތުގެ ތަޅާފޮޅުމާ ހެދި ކޮލެޖް ބަންދުކުރުން

ބަންގްލަދޭޝް ޗަތުރާ ލީގް (ބީސީއެލް) އާއިއި ޗަތުރާ ޝިބިރްގެ އެކްޓިވިސްޓުންގެ މެދުގައި 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެޑިކަލް ކޮލެޖްގައި ވަރުގަދަ ހަމަނުޖެހުމެއް ހިނގި އެވެ. އެހަމަނުޖެހުން ހިނގީ ހޮސްޓެލްއިން ޖާގަ ހޯދުމުގައި އުފެދުނު ވާދަވެރި ކަމެއްގަ އެވެ. އެގޮތުން އެ ހަމަނުޖެހުން ހިނގީ ޝިބްރީ އެކްޓިވިސްޓުން ބީސީއެލްއަށް ނިސްބަތްވާ ދަރިވަރެއްގެ ޖާގަ ގަދަކަމުން ހޯދަން އުޅުމުންނެވެ. އެކަމުގެ ތެރޭގައި އެމީހުން ހޮސްޓެލްގެ އަށް ކޮޓަރިއަކަށް ގެއްލުން ދިނެވެ. އެހާދިސާ ހިނގުމުން ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮލެޖް ބަންދުކޮށް ހޮސްޓެލްތައް ހުސްކުރިއެވެ. -- ދަ ޑެއިލީ ސްޓާ

ހޮސްޓެލްގެ ކޮޓަރިތަކެއްގައި ހުޅުޖެހުން

ރާޖްޝާހީ މެޑިކަލް ކޮލެޖްގައި އުޅޭ ބަންގްލަދޭޝް ޗަތުރާލީގްގެ އެކްޓިވިސްޓުން ތަކެއް 2011 ވަނަ އަހަރު އޯގަސްޓްމަހު އެ ސިޓީގައި ހުންނަ އަވާމީ ލީގްގެ އޮފީހާއި އެޖަމާއަތުގެ އަމިއްލަ އޮފީހަށް ގެއްލުންދިނުމަށް ފަހު މެޑިކަލް ކޮލެޖްގެ ހޮސްޓެލްގެ ދެ ކޮޓަރިއެއްގައި ހުޅުޖެހި އެވެ. އެތެރޭގެ އަރައިރުންތަކަކާ ހެދި ހިނގި އެ ހަމަނުޖެހުމާ ގުޅިގެން ބަންގްލަދޭޝް ފުލުހުން ހިންގި އޮޕަރޭޝަނުގައި މެޑިކަލް ކޮލެޖްގެ ކެމްޕަސް ތެރެއިން ދެ ވަޒަނާއި އެކު އޮތް ފިސްތޯލައެއް ހޯދި އެވެ. -- ދަ ޑެއިލީ ސްޓާ

ޑެންޓަލް ކޮލެޖް ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަށް ހަމަލާ ދިނުން

ބަންގްލަދޭޝްގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ ޑެންޓަލް ކޮލެޖް ޑޮކްޓާސް އެސޯސިއޭޝަންގެ ރައީސް ޑރ. ރިޒާއުލް ކަރީމް އަލިއާސް ރޮކީއަށް ހަމަލާދީ ހޭފުޅު ނެތެންދެން ބަޔަކު އޭނާއަށް އަނިޔާކުރި ހާދިސާއެއް 2010 ވަނަ އަހަރުގެ ޖޫން މަހު ހިނގިއެވެ. އެހާދިސާގެ ތުހުމަތަށް ހައްޔަރުކުރީ މެޑިކަލް ކޮލެޖްގައި އުޅޭ ބީސީއެލްގެ އެކްޓިވިސްޓުން ތަކެކެވެ.

ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަކީ ހަރުކަށި އެ ދެޖަމާއަތުގެ ނުފޫޒު ގަދަ ތަނަކަށް ވާތީ ރައުދާގެ މަރުވި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ވެސް އެކަމާ ސުވާލު އުފައްދާފައިވެ އެވެ. އޭގެ އިތުރުން އެގައުމުގެ ކުރީގެ ރައީސް ޙުސައިން މުޙައްމަދު އިރުޝާދު ވެސް ވަނީ އެހާދިސާ ތަހުގީގުކުރަން ގޮވާލައްވާފަ އެވެ. އާދީއްތަ ދުވަހު ބޭއްވި ސިޔާސީ އެއްވުމެއްގައި އޭނާ ވިދާޅުވީ ރައުދާ އަމިއްލައަށް މަރުވީ ބަޔަކު އޭނާއަށް އަނިޔާކޮށް ރޭޕް ކުރުމުންތޯ ނުވަތަ ނޫންތޯ ބަލަން ރަނގަޅު ތަހުގީގެެއް ކުރަން ޖެހޭ ކަމަށެވެ.