ގާސިމް އިބްރާހިމް

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ. ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓީ ކުރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެނެވެ. ގާސިމްގެ ވަކީލުން ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެއް މަސް ދުވަހަށެވެ.

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ވިލާ ޝިޕިންއަށް ދޫކުރި ތ. އެލާގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް ހައިކޯޓުން މައްސަލަ ނިންމައި ފައިސާތަކެއް ދެއްކުމަށް އަމުރުކޮށްފައިވާ މައްސަލާގަ އެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް ވެސް ވަނީ ފްރީޒް ކޮށްފަ އެވެ. މިރާއިން އެ ކުންފުންޏަށް އަންގާފައިވަނީ ތ. އެލާގެ ބިމުގެ ކުލީގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި 14.6 މިލިއަން ޑޮލަރާއި އިންޓްރަސްޓް ރޭޓްގެ ގޮތުގައި 226،352 ޑޮލަރު މީރާއަށް ވިލާ ޝިޕިންއިން ދައްކަން ޖެހެ އެވެ.

އެކައުންޓްތައް ފްރީޒްކޮށް އެޅި ފިޔަވަޅުން އެ ކުންފުނި ވީއްލޭނީ ސިޓީގައިވާ ގޮތުން މީރާއަށް ދައްކަންޖެހޭ ހުރިހާ ފައިސާތަކެއް ދައްކާ ހަލާސް ކުރުމުންނެވެ.

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ގާސިމަށް ވަނީ ރިޝްވަތު ދޭން އުޅުއްވި ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ. އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އެ ތުހުމަތު ކުރަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވައި، ނުފޫޒު ފޯރުވިދާނެފަދަ ގޮތަކަށް ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ އެވެ. ވަކީލުން ވަނީ ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ވެއެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ވެސް އަދި ފުލުހުން ވެސް ކަށަވަރެއް ނުކޮށްދެ އެވެ.