ވިޔަފާރި

ޓީޓީއެމް ފެއާގައި ރާއްޖޭގެ އެންމެ ބޮޑު ދެ ލަގްޒަރީ ރިސޯޓު!

Apr 6, 2017

ޖުލައި މަހު އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި ރާއްޖޭގެ އެންމެ ބޮޑު ދެ ލަގްޒަރީ ރިސޯޓުން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ޓީޓީއެމް ފެއާގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ދެ ބްރޭންޑް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑާއި ގިލި ލަންކަންފުށިން ބައިވެރިވެފައިވާ ކަމަށެވެ. ޓީޓީއެމް ފެއާ އޮތީ ޖުލައި މަހުގެ 12-13 ދެ ދުވަހު އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި މަގުސަދުގައި ބާއްވާ ފެއާގެ ޕްރިމިއަމް އެގްޒިބިޓަރުންގެ ގޮތުގައި އަދާރަން ރިސޯޓާއި ޔުނިވާސަލް ރިސޯޓުގެ އިތުރުން ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތަކާއި ބަރޮސް މޯލްޑިވްސްގެ އިތުރުން ވިލާ އެންޑް ރިސޯޓުވެސް ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ސަންލޭންޑް ޖާނީގެ ކޮކޯ ކަލެކްޝަން ރިސޯޓާއި ކޮކޯ ބޮޑު ހިތި އަދި ކުޑަ ހިތި ރިސޯޓުގެ އިތުރުން ވެސް ގިނަ ރިސޯޓުތަކެއް ހިމެނެ އެވެ.

ޓީޓީއެމް ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.