ވިލާ ޝިޕިންގެ މައްސަލާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ދައުލަތަށް ދައްކަން ޖެހޭ އެންމެ ލާރިއެއް ވެސް ނޯންނާނެ ކަމަށް ވިލާ ކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ވިލާ ޝިޕިންއަށް ދޫކުރި ތ. އެލާގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް ހައިކޯޓުން މައްސަލަ ނިންމައި ދަރަނި ހަލާސް ކުރުމަށް އަމުރުކުރި ކުރުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު މިއަދު ހިފެހެއްޓުމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް މިއަދު ވިދާޅުވީ އޭނާ އަބަދުވެސް އިސްކަން ދެއްވަނީ ދައުލަތައް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ ދައްކާ ހަލާސް ކުރަން ކަމަށާއި އެގޮތުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މިހާރު ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަކީ ދުވަހަކުވެސް ދައުތަލަށް ދައްކަން ޖެހޭ އެންމެ ބޮޑު ލާރިއެއް ވެސް އޮތް މީހެއް ނޫން، ގާނޫނުގައިވާ ގޮތަށް އިހްލާސްތެރިކަމާއެކު އަަދުވެސް މަސައްކަތް ކުރާ މީހެއް. މިފަދަ ކަމެއް އަޅުގަނޑު ދުވަހަކުވެސް ނުކުރަން. ގިނަ ބަޔަކަށް ތައުލީމާއި މުސާރައާ އިނާޔަތްތައް ދޭ މީހެއް އަޅުގަނޑަކީ... ދެރަވޭ ކަން މިގޮތަށް ހިނގާތީ،" ގާސިމް ވިދާޅުވި އެވެ.
މީރާއިން އަނގާފައިވަނީ ތ. އެލާގެ ބިމުގެ ކުލީގެ ގޮތުގައި ވިލާ ކުންފުނިން 3.8 މިލިއަން ޑޮލަރު ދެއްކުމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި 14.6 މިލިއަން ޑޮލަރާއި އިންޓްރަސްޓް ރޭޓްގެ ގޮތުގައި 226،352 ޑޮލަރު މީރާއަށް ވިލާ ޝިޕިންއިން ދެއްކުމަށެވެ. އަދި އެ ފިޔަވަޅުން އެ ކުންފުނި ވީއްލޭނީ މީރާއަށް ދައްކަންޖެހޭ ހުރިހާ ފައިސާތަކެއް ދައްކާ ހަލާސް ކުރުމުން ކަމަށެވެ. އެ ކުންފުނީގެ އެކައުންޓްތައް ވެސް މީރާއިން ވަނީ ފްރީޒް ކޮށްފަ އެވެ.
ގާސިމް ވިދާޅުވީ އެލާގެ އެގްރީމަންޓުގައިވާ ގޮތުން ކުލި ދައްކަން ޖެހޭނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށާއި އޭގެ ކުރިން އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ކަމަށެވެ. އެލާގެ އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހޭ 4.9 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.