މީރާ

ގާސިމްގެ ކުންފުންޏަކުން ފައިސާ ހޯދަން އަނެއްކާވެސް ދައުވާކޮށްފި

ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބިވާ ކަމަށް ބުނެ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏަކާ ދެކޮޅަށް އަނެއްކާ ވެސް ދައުވާކޮށްފި އެވެ. މިފަހަރު ދައުވާ ކޮށްފައިވަނީ ގާސިމްގެ ވިލާ ޝިޕިން ކުންފުންޏާ ދެކޮޅަށެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި، ވިލާ ޝިޕިންއާ ދެކޮޅަށް ދައުވާ ކޮށްފައިވަނީ ޖުމްލަ 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާށެވެ. އެ ކުންފުންޏާ ދެކޮޅަށް ކޮށްފައިވަނީ ތިން ދައުވާ އެކެވެ.

އެގޮތުން ފުރަތަމަ ދައުވާއަކީ، ޖީއެސްޓީގެ ގޮތުގައި ނުދައްކައިވާ ފައިސާއާއި ކަނޑައެޅިފައިވާ ތާރީހަށް ޖީއެސްޓީގެ ފައިސާ ނުދެއްކުމުންނާއި ޖީއެސްޓީ ބަޔާން ހުށަނޭޅުމުން އަރައިފައިވާ ޖޫރިމަނާގެ ފައިސާ ގޮތުގައި 7.4 މިލިއަން ރުފިޔާ ހޯދުމަށް ކުރާ ދައުވާ އެވެ. ދެވަނަ ދައުވާއަކީ، ޓީޖީއެސްޓީގެ ގޮތުގައި ނުދައްކައިވާ ފައިސާއާއި ކަނޑައެޅިފައިވާ ތާރީހަށް ޓީޖީއެސްޓީގެ ފައިސާ ނުދެއްކުމުންނާއި ޓީޖީއެސްޓީ ބަޔާން ހުށަނޭޅުމުން އަރައިފައިވާ ޖޫރިމަނާގެ 49 މިލިއަން ރުފިޔާ ހޯދުމަށް ކޮށްފައިވާ ދައުވާ އެވެ.

ފަހު ދައުވާ ކޮށްފައިވަނީ، ޖީއާރްޓީގެ ގޮތުގައި ނުދައްކައިވާ ފައިސާއާއި ކަނޑައެޅިފައިވާ ތާރީހަށް ޖީއާރްޓީގެ ފައިސާ ނުދެއްކުމުންނާއި ޖީއާރްޓީ ބަޔާން ހުށަނޭޅުމުން އަރައިފައިވާ ޖޫރިމަނާގެ 18.5 މިލިއަން ރުފިޔާ ހޯދުމަށެވެ.

މީގެ ކުރިން ވެސް މީރާއިން ގާސިމްގެ ފަސް ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ވެސް އެބަދެ އެވެ. އެ މައްސަލަތަކުގައި ދައުވާ ކޮށްފައިވަނީ ގާސިމް އިބްރާހިމްގެ ކުންފުނިތައް އަތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.

ގާސިމްގެ ކުންފުނިތަކާ ދެކޮޅަށް މީރާއިން ދައުވާކުރި ގާސިމް މިހާރު ހުންނެވީ ޖަރުމަންވިލާތުގަ އެވެ. ގާސިމަށް ވަނީ ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އޭނާ ބޭރަށް ފޮނުވީ ބޭސް ފަރުވާއަށެވެ. ބޭސް ފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުން ޖަރުމަންވިލާތަށް ވަޑައިގެންނެވީ ހުއްދަ ނުހޯއްދަވަ އެވެ.