ދުނިޔެ

ލީ ކުއާން ޔޫގެ މޫނު ދެކެންދާ މީހުން ގިނަވެ އެކަން ހުއްޓުވައިފި

Mar 28, 2015

މިދިޔަ ހޯމަ ދުވަހު އަވަހާރަވި، ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ މޫނު ދެކެން އެތައް ލައްކަ ބަޔަކު ކިއޫގައި ޖެހެމުން ދާތީ އެކަން އެންމެ ފަހުން ހުއްޓުވަން ޖެހިއްޖެ އެވެ.

މޫނު ދެއްކުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވާނީ މިރޭ އެވެ. ހުކުރު ދުވަހުގެ މެންދުރާ ހަމަ އަށް ވަނީ 250000 އަށް ވުރެ ގިނަ މީހުން ލީގެ މޫނު އެންމެ ފަހު ފަހަރަށް ދެކެލައި ފަހުގެ އިހްތިރާމް އަދާކޮށްފަ އެވެ. އަދިވެސް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ލީގެ މޫނު ދެކެލުމަށް ކިއޫގައި ޖެހެމުންނެވެ. އެހެންވެ ސަރުކާރުން އިއްޔެ މެންދުރު ފަހު ވަނީ ކިއޫގައި ޖެހުމަށް ނުވަ ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި ލީގެ ހަށިގަނޑު ބާއްވާފައި ވާއިރު އެ ހިސާބުން ފެށިގެން ހަދާފައިވާ ކިއޫތައް ސިޓީ ސެންޓަރާ ހަމައަށް ވަނީ ގޮސްފަ އެވެ.

އިއްޔެ ކިއޫތައް ވަކިން ބޮޑަށް ދިގުވެ، ބައެއް މީހުންނަށް 10 ގަޑިއިރު ކިއޫގައި ތިބެން ޖެހުނެވެ.

ސަރުކާރުން މިހާރު އިލްތިމާސް ކުރަނީ މޫނު ދެކެން ދިއުމުގެ ބަދަލުގައި ގައުމުގެ އެކި ހިސާބުތަކުގައި، ލީގެ ހަނދާން އާކުރުމަށް މާބޮޑު ނޫން ހަރަކާތްތައް ހިންގުމަށެވެ.

އުމުރުން 91 އަހަރުގައި އަވަހާރަވި ލީ ފަސްދާނުލާނީ ރަސްމީ އިއްޒަތުގައި މާދަމާ އެވެ. ޖަނާޒާގައި އެކި ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އަޅުވެތިކަމުގައި އޮތް، ވަސީލަތްތައް ނެތް ސިންގަޕޫރު ދުނިޔެ އަށް ނަމޫނާއެއްގެ ގޮތުގައި ތަރައްގީކޮށް ކިޔަމަންތެރި ރައްޔިތުންތަކެއް އުފެއްދި ލީގެ ޖަނާޒާގައި ގައުމުތަކުގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ޖަނާޒާ އޮންނާނީ މާދަމާ ހެނދުނު އެވެ. –ބީބީސީ