ބޮލީވުޑް

މީހަކު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވީ އަހަންނެއް ނޫން: ސަލްމާން

Mar 28, 2015

މަގުމަތީ ނިދާފައި ތިބި ބައެއްގެ ގައިމަތިން ކާރު ދުއްވުމުން އޭގެ ތެރެއިން މީހަކު މަރުވި މައްސަލައެއްގައި ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާންގެ މައްޗަށް އިންޑިއާގެ ކޯޓެއްގައި ކުރިއަށްދާ މައްސަލާގައި، އެ އެކްސިޑެންޓް ހިނގި ރޭ ކާރު ދުއްވި ކަމަށް ސަލްމާން އިންކާރުކޮށް އަދި އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ވެސް ނޫން ކަމަށް ކޯޓުގައި ބުނެފި އެވެ.

ސެޕްޓެމްބަރު 28، 2002 ގައި ހިނގި މި އެކްސިޑެންޓްގައި މުމްބާއި ބަނދްރާގެ ރަށްފުށު ސަރަހައްދެއްގައި ހުރި ބޭކަރީއެއްގެ ޕޭވްމަންޓް މަތީގައި ނިދާފައި ތިބި ބައެއްގެ ގައި މަތިން ވެހިކަލް ދިއުމުގެ ސަބަބުން، އެކަކު މަރުވުމުގެ އިތުރުން ހަތަރު މީހަކު ޒަހަމްވިއިރު މީގެ ތެރެއިން ތިން މީހަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

އިހުމާލުން މީހަކު މަރުވި ކަމުގެ ދައުވާއާ ގުޅިގެން ކޯޓުގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަމުން ދިޔައީ އޭނާގެ ޑްރައިވަރު އަލްތާފް ކަމަށާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ނޫންކަމަށެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރީގެ ގޮތުގައި ފާހަގަވާ ސަލްމާން ވަނީ މިހާތަނަށް ހިންދީ 80 އަށްވުރެ ގިނަ ފިލްމުކުޅެފަ އެވެ.

މީގެ ކުރިންވެސް ސަލްމާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަށް ދޮގުކޮށްފަ އެވެ.

ސަލްމާންގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާއަށް އިންކާރުކުރަމުން ބުނީ ޑްރައިވަރުގެ ސީޓުން އޭނާ ކާރުން ބޭރަށް ނުކުތީ ޕެސެންޖަ ސީޓުގެ ދޮރު ތާށިވުމުގެ ސަބަބުން ނުހުޅުވުމުން ކަމަށެވެ.

ބޮލީވުޑްގެ "ބޭޑް ބޯއި"ގެ ގޮތުގައި މަޝްހޫރު ސަލްމާންގެ މައްޗަށް 2006 ވަނަ އަހަރު ވަނީ ހިމާޔަތްކޮށްފައިވާ ފުއްލާއެއް ޝިކާރުކުރުމުގެ ކުށުގައި ފަސްއަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެހެންނަމަވެސް ސަލްމާން ވަނީ ހަފުތާއެއް ފަހުން ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. މިހާރު މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހިނގަމުންދާއިރު،  ކުށްވެރިވާނަމަ އެއް އަހަރާއި ފަސްއަހަރާ ދެމެދުގެ ޖަލުހުކުމެއް އަންނާނެ އެވެ.

ހިޓް-އެންޑް-ރަން ކޭސް މައްސަލައިގެ އެންމެ މުހިއްމު ތިން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ތިން މީހުން ވެސް ބުނެފައިވަނީ ސަލްމާން ދުއްވި ވެހިކަލްގެ ޑްރައިވަރު ސީޓުން އޭނާ ނުކުންނަނިކޮށް ދުށް ކަމަށެވެ.

ހެކިބަސް ދިން ތިން މީހުންނަކީ ވެސް އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނެވެ.

މި މައްސަލައިގެ ހުކުމް އިއްވުން މާ ލަސް ނުވެ ބޭއްވޭނެ ކަމަށް ލަފާކުރެވިފައި ވާއިރު، ކުށް ސާބިތުވެއްޖެނަމަ މަދުވެގެން ދިހަވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ލަފާކުރެވޭކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.