ފިނިޕޭޖް

ނޯޓީ 40 ގެ ފުރަތަމަ ފެނިލުން ބެލުންތެރިންނަށް ދޫކޮށްލައިފި

އަހަރު ފެށުނީއްސުރެން އިވޭ އެއް އަޑަކީ މިއަހަރަކީ އޮލިމްޕަހަށް ނިކަން ބިޒީ އަހަރަކަށް ވާނެ އޭ ކިޔާ އަޑެވެ. އެވާހަކައިގެ ތެދުކަން މިދަނީ ފެންނަމުންނެވެ. އެކިއެކި ރަހަތަކުގެ ފިލްމުތަކުން މިހާރުވެސް ދަނީ ދިވެހި ސިނަމާ ފަޅު ފިލުވަމުންނެވެ. ދައްކަން މިއުޅެނީ ގާތްގަނޑަކަށް ހުރިހާ ރަހައެއް އޭގައި ހިމެނޭ ނޯޓީ 40 ގެ ވާހަކަ އެވެ. މި ފިލްމުގެ ފަސްޓް ލުކް ނުވަތަ ފުރަތަމަ ފެނިލުން ރޭ މިވަނީ އާންމުކޮށް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

އޮގަސްޓު މަހުގެ ދެ ވަނަ ދުވަހު ރިލީޒް ކުރާ މި ފިލްމުގެ 90 ޕަސަންޓަށްވުރެ ބޮޑުބައި މިހާރު މިވަނީ ޝޫޓުކޮށް ނިންމާލާފަ އެވެ. ފިލްމުގެ ބާކީ ބަޔަށް ތަރިން ދަނީ ތައްޔާރުވަމުންނެވެ. ފިލްމުގެ ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު، އަހްމަދު ސައީދު، އަލީ ސީޒަން އަދި މުހައްމަދު މަނިކު ދަނީ ޖިމަށް ގޮސް އެމީހުންގެ ޅަ ދުވަހުގެ ހަށިގަނޑު އަލުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ދޮޅު މަސް ދުވަހުގެ މަސައްކަތަށްފަހު ބާކީ މަންޒަރުތައް ނެގޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެ އެވެ.

އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ ދެވަނަ ފިލްމަށް މި ފިލްމުވާއިރު ފިލްމުގައި ދެ ދުވަސްވަރެއް ފެނިގެންދާނެ އެވެ. މި ފިލްމުގައި ފެނިގެންދާނީ އުމުރުން 40 އަހަރުން މަތިވެފައިވާ ބަޔަކަށް ދިމާވާ ކަންތައްތަކެކެވެ. އުމުރުން 40 އަހަރުން މަތީގެ ރޯލު ކުޅޭ ސީޒަން، ޔޫއްޕެ އަދި ސައީދުގެ ދެ ރޯލެއް ފެނިގެންދާނެ އެވެ. އެއީ އެމީހުންގެ އުމުރުން 22-26 އަހަރުގެ މަންޒަރުތަކެކެވެ.

ފިލްމުގެ ބޮޑު ބައި ނަގާފައިވަނީ ށ. މިލަންދޫގަ އެވެ. ފިލްމުން ނުފެންނާނެ ރަހައެއް ނެތެވެ. އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން އަދިވެސް އިތުރު ރަހަތައް ފެނިގެންދާނެ އެވެ. ފިލްމުގެ ފުރަތަމަ ފެނިލުމުންވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންދާނެ އެވެ.

މި ފިލްމުން 18 ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޔޫއްޕެ، އަހްމަދު ސައީދު އާއި އޭނާގެ އަންހެނުން ފާތިމަތު އާޒިފާ (އަޒޫ)، އަލީ ސީޒަން، މުހައްމަދު މަނިކު، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ފެނިގެންދާނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އިން ފެނިގެން ދިޔަ މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ. މި ފިލްމުން ފެންނަ އަހްމަދު ޝަރީފް އަދި ގުލިސްތާނަކީ އަލަށް މި ދާއިރާއަށް ނުކުންނަ ތަރިން ތަކެކެވެ.