އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ "ނޯޓީ 40" އަކީ މި އަހަރުގެ ބޮޑު ފިލްމަށް ވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނަމުންދަނީ ހަމަ ހަގީގަތުގަވެސް ފިލްމު ބޮޑު ފިލްމަކަށް ވާތީ އެވެ. ފިލްމަށް ކުރަމުންދާ މަސައްކަތް ހަމަ ބޮޑުވެސް ވީމަ އެވެ. ދެ ދުވަސްވަރެއް ފެނިގެންދާ މި ފިލްމުގެ އެ ދެ ދުވަސްވަރުގައި ފެންނަ ތަރިންނަށް ހަގީގަތުގައިވެސް ނިކަން ބޮޑު ކަމަކާއި މި ވަނީ ކުރިމަތިލާފަ އެވެ.
ފިލްމެއް ކުޅުމަށް މީހާގެ ބޭރުފުށުގެ ސިފަތަކަށް ބަދަލު ގެނައުމުގެ މަސައްކަތަކީ ދިވެހި ފިލްމު އިންޑަސްޓްރީ އާ މާ ގުޅުން ހުރި ކަމެއް ނޫނެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ބަރުދަން ލުއިކޮށް ބަރުދަން އިތުރުކޮށް ހެދުމަކީ މި އިންޑަސްޓްރީއާ ބީރައްޓެހި ކަންތައްތަކެވެ. އުމުރުން ދުވަސްވަމުން ދާ ވަރުން ހަށިގަނޑަށް ކިތަންމެ ބަދަލެއް އައި ކަމުގައި ވީނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިވެހި ފިލްމީ ތަރިން ނުދެ އެވެ. ގިނަ ތަރިން ފިޔަޖަހައި ގަތުމަށްފަހު ވަކި ހިސާބަކުން ގެއްލެނީ އެވެ. ކޮންމެ އަކަސް ފިލްމު ނޯޓީ 40 ގައި ދެ ދުވަސްވަރުގައި ފެންނަ ތަރިން ކަމުގައިވާ ޔޫސުފް ޝަފީއު، އަހްމަދު ސައީދު، އަލީ ސީޒަން އަދި މުހައްމަދު މަނިކު މިހާރު ދަނީ ޒުވާން ދުވަސްވަރުގެ "ލުކް" އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖިމަށް ގޮސް ކަސްރަތު ޕްރޮގްރާމް ފަށައި ހާއްސަ ޑައިޓަކަށް ކެއުން މިވަނީ ބަދަލުކޮށްފަ އެވެ. ބަރުދަނުން ހަ ކިލޯ އާއި އަށް ކިލޯ އާއި ދެމެދު ހިއްކާލުމުގެ އަމާޒުގައި މިތަރިން މި މަސައްކަތް ފަށާފަ އެވެ. ކޮންމެ ދުވަހަކު ޖިމްގައި ދެ ގަޑިއިރު ހޭދަ ކުރެ އެވެ. ފިލްމުގެ އެސިސްޓެންޓް މެނޭޖަރު އަދި ތަރި ސައީދު ބުނީ އެތައް އަހަރެއް ވަންދެން އެއްވެސް ކަހަލަ ކުޅިވަރެއް ކުޅެލާ ކަސްރަތުނުކޮށް ހުރުމުގެ ސަބަބުން މި ދުވަސްވަރު ގައިގައި ރިއްސާ އަދި މަސްގުޅަ ކެއުމާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ތަރިންނަށްވެސް ވަނީ އެ މައްސަލަ އާއި ކުރިމަތިލާން ޖެހިފަ އެވެ.
"ކޮންމެ ތަރިއަކުވެސް ހަ ކިލޯ އާއި އަށް ކިލޯ އާއި ދެމެދުގެ މިންވަރަކަށް ބަރުދަން ލުއި ކުރެވުނަސް ޅަ ދުވަސްވަރުގެ އެ ލުކް ގެނެވޭނެ. ދެން މޭކަޕް ކޮށްލައިގެން ލުކް ގެނެވޭނެ." ސައީދު ބުންޏެވެ.
އެތައް އަހަރެއް ފަހުން ކަސްރަތު ކުރަން ފެށުމަށްފަހު ސައީދު ބުނީ މިއީ ކުރެވޭ ވަރު ކަމެއް ނޫން ކަމަށެވެ. އެކަމަކު ފިލްމަށްޓަކައި ބަރުދަން ލުއި ކުރުމުގެ އަޒުމަށް ބަދަލެއް ނާދެ އެވެ. ދޮޅު މަސް ދުވަހަށްފަހު ފިލްމުގެ ބާކީ ބައި ޝޫޓު ކުރުމަށްފަހު އިތުރަށް ޖިމަށް ދިއުމުގެ ވިސްނުމެއް ސައީދުގެ އަދި ނެތެވެ.
"ތެދު ތެދަށް ބުނަންޏާ މިއީ އެއް ގޮތަކަށްވެސް ވާވަރު ކަމެއް ނޫން. ފިލްމަށްފަހު ޖިމަށް ދާނެ ކަމެއް އަދި ނޭނގޭ. އަދި އެކަހަލަ ވިސްނުމެއް ނެތް." ސައީދު ބުންޏެވެ. ސައީދުގެ އަމާޒަކީ އޭނަގެ ބަރުދަން 72 ކިލޯއިން އެންމެ ދަށް ވެގެން 68 ކިލޯއަށް ދަށް ކުުރުމެވެ.
މަނިކު އަށްވެސް މިއީ ބޮޑު ޗެލެންޖަކަށްވެފަ އެވެ. އެއްވެސް ވަރަކަށް ކަސްރަތު ނުކުރާތާ ފަސް އަހަރު ފަހުން ކަސްރަތަށް ނުކުތުމުން ހަގީގަތުވެސް އެއީ ޗެލެންޖެއް ކަމަށް މަނިކު ގަބޫލު ކުރި އެވެ.
"މިހާރު ފަސް ދުވަސްވީ ޖިމަށް ދާތާ. މިހާރުވެސް އަތް ހިއްލާވެސް ނުލެވޭ ރަނގަޅަށް. އެހެންވީމަ ބުނާނީ މިއީ ވަރަށް ބޮޑު ޗެލެންޖެކޭ. އެކަމަކު އިރާދަކުރެއްވިއްޔާ ޓާގެޓަށް ވާސިލްވާނަން. އެކަމުގެ ޔަގީންކަން ދެން." މަނިކު ބުންޏެވެ.
ބުރަ މަސައްކަތެއް ކަމަށްވިޔަސް ޒުވާން ދުވަސްވަރު އަނބުރާ ދައްކާލަން ޔޫއްޕެވެސް ދަނީ ފޯރިއާއެކު ކުރަމުންނެވެ. ބެލުންތެރިން މާޔޫސް ކޮށްނުލާނެ ކަމުގެ ޔަގީންކަން ޔޫއްޕެ ވަނީ ދީފަ އެވެ. ބެލުންތެރިންނަށް ތަފާތު ދައްކާލުމުގެ މަސައްކަތުގައި ފަސް ނުޖެހޭނެ ކަމުގެ ޔަގީންގަން ޔޫއްޕެވަނީ ދީފަ އެވެ.
މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު އެވެ. މި ފިލްމުގެ އެހެނިހެން ތަރިންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އިން ފެނިގެން ދިޔަ މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ.