ދުނިޔެ

އުތުރު ކޮރެއާއިން އަނެއްކާވެސް މިސައިލް ޓެސްޓެއް

އެމެރިކާ އާއި ޗައިނާގެ ސަމިޓަށް އެއްދުވަހަށް ވެފައި ވަނިކޮށް އުތުރު ކޮރެއާއިން އަނެއްކާވެސް ސީ އޮފް ޖަޕާން އަށް މިސައިލް އެއް ފޮނުވާލައިފި އެވެ.

އުތުރު ކޮރެއާގެ ސިންޕޯގެ އިރުމަތީ ބަނދަރުން ފޮނުވާލި މި ދުރުރާސްތާ މިސައިލް 40 މޭލު ދަތުރު ކުރިކަމަށް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ. މިއީ އުތުރު ކޮރެއާއިން ކުރަމުން އަންނަ މިސައިލް ޓެސްޓު ތަކުގެ ދަށުން ސީ އޮފް ޖަޕާނަށް މިއަހަރު ތެރޭ ފޮނުވާލި މިފަދަ ހަވަނަ މިސައިލް އެވެ.

މިއަދު މި މިސައިލް ފޮނުވާލާފައި ވަނީ މާދަމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާ ގެ ރައީސް ޒީ ޖިންޕިންގް އުތުރު ކޮރެއާގެ ނިއުކްލިއާ އާއި މިސައިލް ޓެސްޓްތަކަށް ނިމުމެއް ގެނައުމުގެ މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައި ވަނިކޮށެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑް އިން ބުނީ ފޮނުވާލެވުނު މިސައިލް އަކީ "ކޭއެން - 15" މަރުކާގެ މިސައިލް އެއް ކަމަށެވެ.

ޖަޕާނުގެ ޕްރައިމް މިނިސްޓަރު ޝިންޒޯ އޭބް ވިދާޅުވީ މިއީ ދެކުނު ކޮރެއާއިން ގަސްތުގައި މަސްލަހަތު ނަގާލަން ކުރި ޓެސްޓެއް ކަމަށެވެ. އަދި މިފަދަ ޓެސްޓް ތަކަކީ ބައިނަލްއަގުވާމީ ގޮތުން ނާއި ސަރަހައްދީ ސުލްހަވެރިކަން ނަގާލާ ބޮޑު ނުރައްކަލެއް ކަމަށް ވެސް ވިދާޅުވި އެވެ. ދެކުނު ކޮރެއާއިން މި ޓެސްޓް ކުށްވެރިކޮށް މިއީ އ.ދ އިން އުތުރު ކޮރެއާގެ މިސައިލް އާއި ނިއުކްލިއާ ޓެސްޓް ތައް ހެދުން މަނާ ކޮއްފައިވާތީ އ.ދ. ޖެހި ގޮންޖެހުމެއްކަމަށް ބުންޔެވެ.

މި މިސައިލް ޓެސްޓް ތަކުގެ ދަށުން މިދިޔަ މަހު ހައެއް ގައި ވަނީ އެ ގައުމުން ޖަޕާން ގެ ކަނޑުގެ ސަރަހައްދަށް ހަތަރު މިސައިލް ފޮނުވާލާފަ އެވެ.